Roadha Mihaaru

ނިލަންދޫގައި ޓޫރިސްޓު ހޮޓަލެއް ތަރައްގީކުރާނެ ބަޔަކު ހޯދަނީ

ފ. ނިލަންދޫގައި ޓޫރިސްޓު ހޮޓަލެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.

ނިލަންދޫގައި ޓޫރިސްޓު ހޮޓަލެއް ހިންގާނެ ބަޔަކު ހޯދަނީ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

18 ސެޕްޓެމްބަރ 2025

ފ. ނިލަންދޫގައި ޓޫރިސްޓު ހޮޓަލެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްގީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ނިލަންދޫގައި ޓޫރިޒަމް ތަރައްގީކުރުމަށް ކަނޑައަޅާފައިވާ 13،300 އަކަފޫޓުގެ ބިމުގައި ޓޫރިސްޓު ހޮޓަލެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 6 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ވާޗުއަލްކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، 20 ނޮވެމްބަރުގައި މިނިސްޓްރީއަށް ބީލަން ހުށަހަޅަން ހުޅުވާލާފައިވާ ކަމަށް ބުންޏެވެ.

މިނިސްޓްރީން ބުނި ގޮތުގައި ބީލަމާ ގުޅޭ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އަންނަ މަހުގެ 5 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިނިސްޓްރީގެ އީމެއިލްއަށް ނަމާއި އީމެއިލް އެޑްރެސް އާއި ގުޅޭނެ ނަމްބަރެއް ހިއްސާކުރަން ވާނެ އެވެ.

ބީލަން ފޮތް ގަތުމަށް އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ މިނިސްޓްރީގެ ވެބްސައިޓުންނެވެ. ބީލަން ފޮތް ލިބޭނީ މިއަދުން ފެށިގެން ނޮވެމްބަރު 1 ގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 1:00 އާ ދެމެދު ވެލާނާގޭގައި ހުންނަ މިނިސްޓްރީގެ ރިސެޕްޝަނުންނެވެ.