ސިވިލް ސާވިސް މުވައްޒަފުންނަށް މޫނު ބުރުގާ އަޅައިގެން މަސައްކަތް ކުރެވޭ ގޮތަށް ރަސްމީކޮށް، ހަމަޖައްސައި، ގަވާއިދު ބަދަލުކޮށްފި އެވެ.
15 ސެޕްޓެމްބަރ 2025
ސިވިލް ސާވިސް މުވައްޒަފުންނަށް މޫނު ބުރުގާ އަޅައިގެން މަސައްކަތް ކުރެވޭ ގޮތަށް ރަސްމީކޮށް، ހަމަޖައްސައި، ގަވާއިދު ބަދަލުކޮށްފި އެވެ.
ސިވިލް ގަވާއިދު ކުރިން އޮންނަ ގޮތުން، މުވައްޒަފުން ހިދުމަތް ދޭއިރު ކޮންމެހެން ވެސް ތިބެން ޖެހެނީ ކާކުކަން އެނގޭ ގޮތަށެވެ. ނަމަވެސް އޭރު، މޫނު ބުރުގާ އަޅާ މުވައްޒަފުންގެ ފަރާތުން ޝަކުވާތައް ލިބެން ފެށުމުން ސިވިލް ސާވިސް ކޮމިޝަނުން ވަނީ އެފަދަ މުވައްޒަފުން ޓެގެއް ބޭނުންކުރުމަށް އަންގައިފަ އެވެ. އެކަމަކު، ގަވާއިދަކަށް އޭރު އެއްވެސް ބަދަލެއް ނުގެނެ އެވެ.
ސިވިލް ސާވިސްގެ ގަވާއިދަށް، ކޮމިޝަނުން އިއްޔެ ގެނައި ބަދަލުގައިވަނީ މުވައްޒަފަކީ ކާކުކަން އެނގެންޖެހޭ ފަދަ ހިދުމަތެއް ދޭނަމަ، އެ މުވައްޒަފުގެ ނަމާއި މަގާމް އެނގޭނެ ފަދަ ކާޑެއް ނުވަތަ ޓެގެއް ބޭނުންކުރަން ޖެހޭނެ ކަމަށެވެ.
އެ ބަދަލާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަންގެ ކައުންސެލް ޖެނެރަލް އިބްރާހިމް ރަޝީދު "މިހާރު"އަށް މިއަދު ވިދާޅުވީ ގަވާއިދު ކުރިން އޮންނަ ގޮތުން މޫނު ބުރުގާ އަޅައިގެން މަސައްކަތްކުރުމަށް ހުރަސްތަކެއް ހުރި ކަމަށެވެ. ނަމަވެސް އަލަށް ގެނައި އިސްލާހުތަކާއެކު އެ ހުރަސްތައް ނައްތާލީ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިވިލް ސާވިސް ގަވާއިދު ކުރިން އޮންނަ ގޮތުން ސިވިލް ސާވިސްގެ ކޮންމެ ހިދުމަތަކީ ވެސް ޒިންމާދާރުކަމާއެކު ދޭންޖެހޭ އަދި ޖަވާބުދާރީ ވާންޖެހޭ މަސައްކަތަކަށް ވާތީ، ހިދުމަތް ލިބިގަންނަ މީހުންނާއި މުއާމަލާތްކުރާ މީހުންނަށް، އެ ހިދުމަތްދޭ މީހަކު ފާހަގަކޮށް އެނގެން ޖެހެ އެވެ. އެހެންވެ، ސިވިލް ސާވިސްގެ މުވައްޒަފުން މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަން ޖެހޭނީ ކާކުކަން ރަނގަޅަށް އެނގޭ ފަދަ ގޮތެއްގައި ކަމަށް، އެ ގަވާއިދުގައިވެ އެވެ.
ކާކުކަން އެނގެންޖެހޭ ފަދަ ހިދުމަތްތައް ދޭ މުވައްޒަފުންގެ ތެރޭގައި ރިސެޕްޝަނިސްޓުން ފަދަ ފްރޮންޓުލައިންގައި މަސައްކަތްކުރާ މުވައްޒަފުން ހިމެނެ އެވެ.
"ކުރިން ވެސް އިންނާނީ ލުއިކޮށްލާފައި، އެކަމަކު، މިހާރު ވަރަށް ބޮޑަށް ސާފުކޮށްދިނީ މޫނު ބުރުގާ އަޅައިގެން ކޮންމެ ހިދުމަތެއް ވެސް ދެވިދާނެކަން،" އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މޫނު ބުރުގާ އަޅާ މުވައްޒަފުންނަށް ހުރަސްތަކެއް އޮތް ކަމަށް ގަބޫލު ކުރެވޭތީ، ގާބިލް މުވައްޒަފުން ވެސް ވަޒީފާތަކަށް ކުރިމަތިނުލާ ކަމަށެވެ.
"މިހާރު އޮތް ގޮތުން މޫނު ބުރުގާ އަޅާ މުވައްޒަފަކަށް ރައްޔިތުންނަށް ހިދުމަތް ދޭކަށް ދައްޗެއް ނުވާނެ." އޭނާ ވިދާޅުވި އެވެ.
ސިވިލް ސާވިސްގެ ގަވާއިދަށް އެ ބަދަލު ގެނައިއިރު، ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ވެސް މޫނު ބުރުގާ އަޅައިގެން ހިދުމަތް ދެވޭ ގޮތަށް ދާދިފަހުން ވަނީ ބަދަލު ގެނެސްފަ އެވެ.
ހިދުމަތުގެ މުއްދަތާ ގުޅޭ ބަދަލު ބާތިލްކޮށް،މަޝްވަރާއަށް
ޕޭ ހާމަނައިޒޭޝަންގެ މަގްސަދު ހާސިލް ނުވޭ: ސީއެސްސީ
ސީއެސްސީ: ގާނޫނަށް ވުރެ މަތީގައި!
ފަންނީ ވަޒީފާތަކުގެ ޕްރޮމޯޝަން ހުއްޓާލުމުން ފާޑުކިޔުން
ސިވިލް ސާވަންޓުން މަސައްކަތްކުރާ ތަން ބަދަލު ކުރެވޭނެ
ކޯހަށް ދޫކުރާ މުވައްޒަފުން ފާސް ނުވާނަމަ ވަކިކުރަނީ
ވަކިކުރި މީހުންގެ މަގާމަށް މީހުން ނުނަގަން އަންގައިފި
ވަކިިކުރާ މީހުންނަށް އަލުން ވަޒީފާދޭ އުސޫލަށް ބަދަލެއް
އާއިލާ މީހަކު ބަލިވެއްޖެ ނަމަ ހާއްސަ ޗުއްޓީއެއް
ސިވިލް ސާވިސްގެ ހިދުމަތުގެ މުއްދަތު ގުނާގޮތަށް ބަދަލެއް