Roadha Mihaaru

ޔޫޓާ ޔުނިވަސިޓީގައި ބަޑިން ހަމަލާދީ ޓްރަމްޕުގެ އެކުވެރި އެކްޓިވިސްޓް ޗާލީ ކާކް މަރާލައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އެކުވެރިއެއް ކަމަށްވާ ނުފޫޒު ގަދަ އެކްޓިވިސްޓް ޗާލީ ކާކް ޔޫޓާ ޔުނިވަސިޓީގެ އިވެންޓެއްގައި ވާހަކަ ދައްކަން އިންދާ ބަޑިން ހަމަލާދީ މަރާލައިފި އެވެ.

ޓްރަމްޕުގެ އެކުވެރި އެކްޓިވިސްޓް ޗާލީ ކާކް މަރާލައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އެކުވެރިއެއް ކަމަށްވާ ނުފޫޒު ގަދަ އެކްޓިވިސްޓް ޗާލީ ކާކް ޔޫޓާ ޔުނިވަސިޓީގެ އިވެންޓެއްގައި ވާހަކަ ދައްކަން އިންދާ ބަޑިން ހަމަލާދީ މަރާލައިފި އެވެ.

އުމުރުން 31 އަހަރުގެ ކާކް އަކީ ޒުވާނުންގެ ގްރޫޕެއް ކަމަށްވާ "ޓާނިން ޕޮއިންޓް ޔޫއެސްއޭ" ގެ އެއް ފައުންޑަރެވެ. ސިޔާސީ މަރެއްގެ ގޮތުގައި މިކަން ބެލެވިފައި ވާއިރު ޓްރަމްޕު ވަނީ ކާކްގެ މަރަކީ ގައުމީ ހިތާމައެއް ކަމަށް ކަނޑައަޅުއްވައި ބައި ދަނޑިއަށް ދިދަ ވެސް ތިރިކުރަން އަންގަވައިފަ އެވެ.

"އެމެރިކާގެ ޒުވާނުންގެ ހިތް ޗާލީއަށްވުރެ ރަނގަޅަށް އެނގޭ މީހަކު ނުހުންނާނެ. އޭނާ ވަނީ އެންމެންގެ ލޯބި ހޯދާފައި. ހާއްސަކޮށް އަޅުގަނޑުގެ. އޭނާ އަހަރެމެންނާ އެ ވަކިވީ،" ޗާލީގެ މަރު އިއުލާނުކޮށް ޓްރަމްޕު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައިވެ އެވެ.

ޔޫޓާގެ އިދާރާތަކުން ބުނީ ކަނާތުފިޔައިގެ ފިކުރަށް ތާއީދުކުރާ ކާކް މަރުވީ ސީދާ އޭނާއަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ކަމަށް ބެލެވޭ ކަމަށާއި ޖަހާފައިވަނީ އެންމެ އުންޑައެއް ކަމަށެވެ.

އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ކާކް އިންނަނީ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އައުޓް ޑޯ އިވެންޓެއްގައި، މީހުންގެ ސުވާލުތަކަސް ޖަވާބު ދިނުމަށް ގޮނޑިއެއްގައި އިށީނދެގެންނެވެ. އެހެން އިންދާ ބަޑީގެ އަޑާއެކު ފެންނަނީ ވައަތްފަރާތުން ކަނދުރާއަށް އުންޑަ އަރައި ލޭތައް އޮހޮރިގަންނަ މަންޒަރެވެ. އެއާ އެކު އޭނާ ގޮނޑިން ވެއްޓެ އެވެ.

މި މަރާ އެކު އެމެރިކާގައި ނުތަނަވަސްކަން އިތުރުވެފައި ވާއިރު ޓްރަމްޕު ވަނީ "ވާތުފިޔައިގެ ހަރުކަށި" މީހުންނާ މި މަރާ ގުޅުވައި ވާހަކަ ދައްކަވައިފަ އެވެ.

ޗާލީ ކާކްގެ ކަނދުރާއަށް ބަޑީގެ ވަޒަން އެރުމާ އެކު ވެއްޓެނީ

ޗާލީ ކާކްގެ ކަނދުރާއަށް ބަޑީގެ ވަޒަން އެރުމާ އެކު ވެއްޓެނީ

އިދިކޮޅު ޑިމޮކްރެޓްސް ޕާޓީއަށް ނިސްބަތްވާ ކުރީގެ ރައީސުން ކަމަށްވާ ޖޯ ބައިޑެން އާއި ބަރަކް އޮބާމާ ވަނީ މި މަރާ މެދު ހިތާމަ ފާޅުކުރައްވައި އެ އަމަލު ކުށްވެރިކުރައްވައިފަ އެވެ.

ޔޫޓާގެ ޑިޕާޓްމަންޓް އޮފް ޕަބްލިކް ސޭފްޓީގެ ކޮމިޝަނަރު ބީއު މޭސަން ވިދާޅުވީ ކާކް މަރާލި ހަމަލާ ދީފައިވަނީ ޔުނިވަސިޓީގެ އިމާރާތެއްގެ ފުރާޅުމަތީގައި އޮވެގެން ކަމަށް ބެލެވޭ ކަމަށެވެ. އޭނާ ވިދާޅުވީ "އަނދިރި ކުލަޔަކުން ހެދުން އަޅައިގެން ހުރި މީހަކަށް ޝައްކުވާތީ" އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ހަމަލާ ދިން ކަމަށް ބެލެވޭ މީހާއާ ގުޅޭ ގޮތުން މިވަގުތު ލިބިފައިވާ ހަމައެކަނި މައުލޫމާތަކީ ކެމްޕަހުގެ ސީސީޓީވީ ފުޓޭޖެއް. އެ ފުޓޭޖް ވަނީ ލިބިފައި. އެ ވީޑިއޯ މި ގެންދަނީ ދިރާސާކުރަމުން ...،" އޭނާ ވިދާޅުވި އެވެ.

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް ވިދާޅުވީ ހަމަލާ ދިން ކަމުގެ ތުހުމަތަށް މީހަކު ހައްޔަރުކުރި ނަމަވެސް އެ މީހާ މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

ކާކް މަރާލީ އޭނާގެ އިވެންޓުގެ ކުރިން ވެސް އެ އިވެންޓުގެ މައުލޫއާ މެދު ވަރަށް ބޮޑަށް ހިޔާލު ތަފާތުވެފައި ވަނިކޮށެވެ. "އެމެރިކަން ކަމްބެކް ޓުއާ" ގެ ނަމުގައި ބޭއްވި އިވެންޓު ހުއްޓުވަން ގޮވާލައި އޮންލައިން ޕެޓިޝަނެއް ވެސް ހަދާފައި އޮތެވެ. އެ ޕެޓިޝަންގައި ބުނެފައިވަނީ ކާކް ގެންދަނީ އެތައް ބަޔަކު ބަލައިގަންނަ ހަމަތަކާއި ގަބޫލުކުރުންތަކާއި ކުރިއެރުންތަކާ ފާޅުގައި ދެކޮޅުހަދަމުން ކަމަށެވެ.

މިދިޔަ ހަފްތާގައި ޔޫޓާ ޔުނިވަސިޓީން މި މައްސަލައިގައި ބުނެފައިވަނީ ދަރިވަރުންގެ ކްލަބްތަކުން އިންތިޒާމްކޮށްގެން ބާއްވާ އިވެންޓުތަކަށް އެކި ފިކުރުގެ މީހުން ގެނެސް ވާހަކަ ދެއްކުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން އެ ޔުނިވަސިޓީން ބަލައިގަންނަ ކަންތައްތައް ކަމަށެވެ.