Roadha Mihaaru

އެފްއެޗްއޭއެމްގައި ދިލްމާ ސައިގެ ޗެލެންޖެއް

މިހާރު ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) ގައި "ދިލްމާ ނެޗުރަލް ލަގްޒަރީ ސޮމެލިއާ ޗެލެންޖު" ފަށައިފި އެވެ.

އެފްއެޗްއޭއެމްގައި ދިލްމާ ސައިގެ ޗެލެންޖެއް
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

08 ސެޕްޓެމްބަރ 2025

މިހާރު ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) ގައި "ދިލްމާ ނެޗުރަލް ލަގްޒަރީ ސޮމެލިއާ ޗެލެންޖު" ފަށައިފި އެވެ.

އިއްޔެ ފެށި މި ޗެލެންޖު މިއަދުގެ ހަވީރު 4:00 އާ ހަމައަށް ކުރިއަށް ދާނެ އެވެ. މިއީ ސިމްޑީ ގްރޫޕާއި ދިލްމާ ސިލޯން ޓީ ގުޅިގެން، "ސޮމެލިއާ" ޗެލެންޖެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. އަދި މިއީ އެފްއެޗްއޭއެމްގައި ޓީމުތަކުން ބައިވެރިވާ ހަމައެކަނި ޗެލެންޖެވެ.

އެ ޗެލެންޖުގައި ވާދަކުރާ ކޮންމެ ޓީމެއްގައި މިކްސޮލޮޖިސްޓަކާއި ޝެފެއް ހިމެނޭނެ އެވެ. ކޮންމެ ޓީމަކުން ވެސް ތައްޔާރުކުރަން ޖެހޭނީ ދިލްމާ ސައިފަތުގެ ބުއިމަކާއި އެ ބުއިމެއްގެ ތަޖުރިބާއާ ގުޅޭ، އެ ތަޖުރިބާ ފުރިހަމަކޮށްދޭނެ ފޮނި ނުވަތަ ކުޅި ކާ އެއްޗެކެވެ. ޗެލެންޖުގައި ސައި ތައްޔާރުކުރަން ޖެހޭ ތިން ދާއިރާއެއް ވަނީ ކަނޑައަޅައިފަ އެވެ. އެއީ ހަމައެކަނި ސައިފަތުން ތައްޔާރުކުރާ ބުއިމަކާއި ކިރާއި ސައިފަތް ބޭނުންކޮށްގެން ތައްޔާރުކުރާ ބުއިމަކާއި ސައިފަތް ބޭނުންކޮށްގެން މޮކްޓެއިލެއް ތައްޔާރުކުރާ ކެޓަގަރީ އެކެވެ. މިއީ 30 މިނެޓުގެ ތެރޭގައި ފުރިހަމަ ކުރަން ޖެހޭ ޗެލެންޖެކެވެ.

ސިމްޑީން ބުނީ މިއީ ސައިފަތުގެ ތަޖުރިބާ މިހާރަށް ވުރެ ފުރިހަމަ ކުރުމުގެ ގޮތުން، ސައިފަތުގެ އެކި ބުއިންތައް ތައްޔާރުކުރުމަށާއި ސައިގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރެވޭނެ ގޮތްތައް ދަސްކޮށްދީ، އެކަމަށް އަހުލުވެރިކޮށްދޭނެ ޗެލެންޖެއް ކަމަށެވެ. މިއީ ސައިފަތުގެ އިތުރުން ގުދުރަތީ އެކި އިންގްރިއެންޓްސްއާ އެ ތަކެތި ހައްދާ މީހުންނާއި ތަންތަނާއި ގުދުރަތީ މުއްސަނދިކަމާއި ދުޅަހެޔޮކަމާއި ނިއުޓްރިޝަނަށް އޮންނަ އިހުތިރާމާއި ގެސްޓުންގެ ތަޖުރިބާއަށް އޮންނަންވީ އިހުތިރާމަށް ހިތްވަރުދީ "އިހުތިރާމު"ގެ ތީމުގައި ކުރިއަށް ގެންދާ ޗެލެންޖެކެވެ.

މި ޗެލެންޖުގެ ޖަޖިން ޕެނަލްގައި ހިމެނެނީ ވޯލްޑް ޝެފް އެސޯސިއޭޝަންގެ ކުރީގެ ރައީސް ޝެފް ތޮމަސް ގުގްލާ އާއި ކާގިލްސް ރީޓެއިލް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ޓްރެވިން ގޯމޭޒް އާއި ދިލްމާގެ ސީނިއާ ޓީ ޓެސްޓާ އެންޖެލޯ ޖެންސެން އެވެ.

މި ޗެލެންޖުގެ އެއް ވަނަ އަށް ހުށައަޅާފައި ވަނީ 500 ޑޮލަރާއި ސްރީ ލަންކާގައި ހުންނަ ދިލްމާ ސްކޫލް އޮފް ޓީއަށް ޒިޔާރަތް ކުރުމަށް ހޭދަވާ ހުރުމާއި ދަތުރުގެ ހަރެދެވެ. މި ޗެލެންޖުގެ ފަސްޓް ރަނައަޕްއަށް ހުށައަޅާފައި ވަނީ 300 ޑޮލަރެވެ. އަދި ދެ ވަނަ ރަނައަޕްއަށް ހުށައަޅާފައި ވަނީ 200 ޑޮލަރެވެ. އޭގެ އިތުރުން އެންމެ މޮޅު ޓީމް ވޯކާއި އެންމެ މޮޅު ޓީ ސޮމެލިއާ އާއި އެންމެ މޮޅު ޓީ އިންސްޕަޔާޑް ޑްރިންކް އަދި އަދި އެންމެ މޮޅު ފުޑް ޕެއާރިން ފާހަގަކޮށް މެޑަލް ދޭނެ އެވެ.

ދިލްމާ ސައިފަތް ރާއްޖޭގައި އެތެރެކޮށް ވިއްކަނީ ސިމްޑީންނެވެ. ސިމްޑީން ދިލްމާގެ ލޫޒްޓީގެ އިތުރުން ޓީ ބޭގްސް އާއި ޕްރިމިއަމް ޓީ ވެސް ލިބެން ހުރެ އެވެ.