ތައިލެންޑްގެ ޕާލަމެންޓުން އެގައުމުގެ އާ ބޮޑުވަޒީރުކަމަށް އިދިކޮޅު ކޮންޒަވޭޓިވް ބޫމްޖައިތައި ޕާޓީގެ ލީޑަރު އަނޫތިން ޗާންވިރަކުލް އިންތިހާބުކޮށްފި އެވެ.
05 ސެޕްޓެމްބަރ 2025
ތައިލެންޑްގެ ޕާލަމެންޓުން އެގައުމުގެ އާ ބޮޑުވަޒީރުކަމަށް އިދިކޮޅު ކޮންޒަވޭޓިވް ބޫމްޖައިތައި ޕާޓީގެ ލީޑަރު އަނޫތިން ޗާންވިރަކުލް އިންތިހާބުކޮށްފި އެވެ.
ބޮޑުވަޒީރަކަށް ބޭފުޅަކު އިންތިހާބުކުރަން ތައިލެންޑް ޕާލަމެންޓްގައި މިއަދު ވޯޓެއް ނެގީ އެންމެ ފަހުން އެ މަގާމުގައި ހުންނެވި ޕެޓޮންގްޓާން ޝިނަވަޓްރާ އެ މަގާމުން ވަކިކުރުމުންނެވެ. އޭނާ މަގާމުން ވަކިކުރީ ތައިލެންޑާއި ކެމްބޯޑިޔާ ގުޅޭ ބޯޑަރުގައި ދެގައުމުގެ ދެމެދު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ކެމްބޯޑިއާގެ ބޮޑުވަޒީރަށް އޭނާ ކުރެއްވި ފޯންކޯލެއްގައި ސުލޫކީ މިންގަނޑާ ހިލާފުވި މައްސަލަ ބެލުމަށް ފަހުގަ އެވެ.
ބޮޑުވަޒީރު އިންތިހާބުކުރަން ޕާލަމެންޓްގައި މިއަދު ނެގި ވޯޓު އަނޫތިން ކާމިޔާބު ކުރެއްވީ ޕޮޕިއުލިސްޓް ފޫތައި ޕާޓީގެ ކެންޑިޑޭޓް ޗައިކަސިމް ނިތިސިރީގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ. ތައިލެންޑްގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ތާއީދާއެކު އޭނާ އެ މަގާމާ ހަވާލުވެ ވަޑައިގަތީ ހަތަރު މަސް ދުވަހުގެ ތެރޭގައި އާއްމު އިންތިހާބު ބާއްވާނެ ކަމުގެ ވައުދާ އެކުގަ އެވެ.
ތައިލެންޑް ޕާލަމެންޓްގެ ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވްސް ގައި 492 މެންބަރުން ތިއްބަވާ އިރު އަނޫތިން އެ މަގާމު ކާމިޔާބު ކުރެއްވީ 311 ވޯޓު ހޯއްދަވައިގެންނެވެ. އެ މަގާމު ހޯދުމަށް ހޯދަން ޖެހޭ ވޯޓުގެ އަދަދަކީ 247 އެވެ.
އޭނާއާ ވާދަކުރެއްވި ޗައިކަސިމް އަށް 152 ވޯޓު ލިބިވަޑައިގެންނެވި އިރު 27 މެންބަރަކު ވަކިކޮޅަކަށް ވޯޓެއް ނުދެއްވަ އެވެ. އަދި ޗައިކަސިމް ޕާޓީގެ ނުވަ މެންބަރަކު ވެސް ޕާޓީ ވިޕާ ހިލާފަށް ވޯޓު ދެއްވީ އަނޫތިން އަށެވެ.
އަލްޖަޒީރާއިން ބުނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި އަނޫތިން މަގާމުގެ ހުވާ ކުރައްވައި ސަރުކާރު އެކުލަވާލާނެ ކަމަށް ބެލެވޭ ކަމަށެވެ. އޭނާއަށް މަގާމުގެ ހުވާކުރެއްވޭނީ ތައިލެންޑްގެ ރަސްގެފާނު އޭނާ އެ މަގާމަށް ރަސްމީކޮށް އައްޔަން ކުރެއްވުމުންނެވެ.
އުމުރުން 58 އަހަރުގެ އަނޫތިން ތައިލެންޑްގެ ބޮޑުވަޒީރުކަމަށް ވަޑައިގެންނެވުމުން، އެ ގައުމުގެ ނުފޫޒު ގަދަ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަތުރާ ހާންދާނުގެ ވެރިކަން މިވަގުތަށް ނިމުނީ އެވެ. ތައިލެންޑްގެ ވެރިކަން މިދިޔަ 20 އަހަރު އެކިފަހަރު މަތިން ކުރީ ޝިނަވަތުރާގެ އާއިލާއިންނެވެ.
ތަކްސިންއަށް ރަސްގެފާނު މާފު ދެއްވައިފި
ތައިލެންޑްގައި އާ ސަރުކާރެއް އުފެއްދިދާނެކަމާމެދު ސުވާލު
ހުކުމް ތަންފީޒުނުވެ އޮތުމުން ތަކްސިންއަށް ޖަލު ހުކުމެއް
ތައިލެންޑްގެ ބޮޑުވަޒީރުގެ އިތުބާރު ނެތްކަމަށް ފާހެއްނުވި
ތައިލެންޑުގެ ވެރިކަން ތަކްސިންގެ ދަރިކަނބަލުންނަށް
ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން މިނިވަންކުރަނީ
ޕީތާ ވެރިކަމަށް އައުން ހުއްޓުވި މައްސަލަ ބަލައިނުގަތް
ޕީތާ، ތައި ބޮޑުވަޒީރުކަމަށް އައްޔަނުކުރުން ހުއްޓުވައިފި
އިންތިހާބާއެކު ތައިލެންޑްގެ އަސްކަރީ ވެރިކަން ނިމުމަކަށް
ލީޑަރު ދިން ލޯނަކާ ގުޅިގެން އިދިކޮޅު ޕާޓީ އުވާލައިފި