Roadha Mihaaru

ހަމާސްގެ ތަރުޖަމާނު އަބޫ އުބައިދާ އަވަހާރަކޮށްލައިފި ކަމަށް ބެލެވިއްޖެ

އަބޫ އުބައިދާގެ ނަމުގައި މަޝްހޫރުވެފައިވާ، ހަމާސްގެ ހަތިޔާރުއެޅި ގޮފީގެ ތަރުޖަމާނު ހުޒައިފާ ސާމިރު އަބްދުﷲ އަލް ކަހްލޫތު އިޒްރޭލުގެ ހަމަލާއެއްގެ އަވަހާރަކޮށްލައިފި ކަމަށް ބެލެވިއްޖެ އެވެ.

ހަމާސްގެ ތަރުޖަމާނު އަބޫ އުބައިދާ "އަވަހާރަކޮށްލައިފި"

އަބޫ އުބައިދާގެ ނަމުގައި މަޝްހޫރުވެފައިވާ، ހަމާސްގެ ހަތިޔާރުއެޅި ގޮފީގެ ތަރުޖަމާނު ހުޒައިފާ ސާމިރު އަބްދުﷲ އަލް ކަހްލޫތު އިޒްރޭލުގެ ހަމަލާއެއްގެ އަވަހާރަކޮށްލައިފި ކަމަށް ބެލެވިއްޖެ އެވެ.

ހޮނިހިރު ދުވަހު ޣައްޒާ ސިޓީގައި ދިން ހަމަލާތަކަކަށް ފަހުން އިޒްރޭލު ސިފައިންނާއި އިޒްރޭލުގެ އެތެރޭގެ ޖާސޫސީ އިދާރާ ޝަބާކް (ޝިން ބެއިތު) އިން ނެރުނު ބަޔާނެއްގައި ވަނީ ހަމާސްގެ އިސް މީހަކަށް އަމާޒުކޮށް ހަމަލާ ދިން ކަމަށް ބުނެފަ އެވެ. އެކަމަކު ވަކި މީހެއްގެ ނަމެއް ބުނެފައެއް ނުވެ އެވެ.

އެކަމަކު ހިބްރޫ ނޫސްތަކުން ބުނަމުންދަނީ ހަމަލާގެ އަމާޒަކީ އަބޫ އުބައިދާ ކަމަށެވެ.

ނަމަވެސް ހަމާސް އިން ވަނީ އަބޫ އުބައިދާ އަވަހާރަކޮށްލައިފި ކަމަށް ބުނެ ފަތުރާ ވާހަކައަކީ ނަފްސާނީ ގޮތުން ބަލިކަށިކޮށްލުމަށް ފަތުރާ ދޮގު ވާހަކައެއް ކަމަށް ބުނެފަ އެވެ.

މީޑިއާއަށް ބަޔާންތައް ދެއްވާއިރު އަބަދުވެސް މޫނު ނިވާކޮށްގެން ހުންނަ އަބޫ އުބައިދާ ވެފައިވަނީ އިޒްރޭލުން މީގެ ދެ އަހަރު ކުރިން ޣައްޒާއަށް ހަމަލާދޭން ފެށި ހަމަލާތަކުގައި ޣައްޒާ އާއި އަރަބި ދުނިޔޭގައި ވެސް ހަމާސްގެ މޫނަށެވެ. އިޒްރޭލުން ވަނީ އަބޫ އުބައިދާ ހުންނާނެ ކަމަށް ބެލެވޭ ގޮތުގެ ފޮޓޯތައް ވެސް އާންމުކޮށްފަ އެވެ.

ހަމަލާގައި އަބޫ އުބައިދާ އަވަހާރަވިކަމެއް ނުވަތަ ނޫން ކަމެއް އަދި ކަށަވަރު ނުވިޔަސް އިޒްރޭލުގެ ބައެއް ނޫސްތަކަށް އިޒްރޭލުގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި އަބޫ އުބައިދާ އަވަހާރަވި ކަމަށް ބެލެވެ އެވެ.

ހަމާސްގެ ތަރުޖަމާނު އަބޫ އުބައިދާ (ވ) އަދި އޭނާ ހުންނާނެ ކަމަށް ބެލެވޭ ގޮތް ކަމަށް ބުނެ އިޒްރޭލުން އާންމުކޮށްފައިވާ ފޮޓޯއެއް (ކ)

ހަމާސްގެ ތަރުޖަމާނު އަބޫ އުބައިދާ (ވ) އަދި އޭނާ ހުންނާނެ ކަމަށް ބެލެވޭ ގޮތް ކަމަށް ބުނެ އިޒްރޭލުން އާންމުކޮށްފައިވާ ފޮޓޯއެއް (ކ)

"ހަމަލާ އޭގެ އަމާޒަށް ވާސިލްވި" ކަމަށް އިޒްރޭލުގެ އޮފިޝަލަކު "ޗެނަލް 12" އަށް ބުނެފައިވެ އެވެ. އަދި ޕަބްލިކް ބްރޯޑްކާސްޓަރު "ކަން" އަށް ވާހަކަ ދެއްކި އޮފިޝަލަކު ވެސް ވަނީ އެގޮތަށް ވާހަކަ ދައްކައިފަ އެވެ.

ޣައްޒާއިން ލިބިފައިވާ ބައެއް ރިޕޯޓްތައް ބުނާ ގޮތުން ހަމާސްގެ އިސް ބޭފުޅުންތަކެއް ހިމާޔަތް ހޯދަމުން ދިޔަ ކަމަށް ބުނާ އިމާރާތަށް ދިން ހަމަލާގައި 11 މީހަކު ޝަހީދުވެފައިވެ އެވެ. އޭގެތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށް ވަނީ ބުނެފަ އެވެ.

އަބޫ އުބައިދާ އަކީ 2004 ވަނަ އަހަރުން ފެށިގެން އިއްޒުއްދީން އަލް ގައްސާމް ބްރިގޭޑްގެ މެންބަރެކެވެ. އަދި 2006 ވަނަ އަހަރު އިޒްރޭލު ސިފައިންގެ މީހެއް ކަމަށްވާ ގިލާޑް ޝަލިތު އަސީރުކުރިކަން އޭނާ އިއުލާނުކުރެއްވި ހިސާބުން އެ ޖަމާއަތުގައި ހާއްސަ ބޭފުޅަކަށް ވަނީ ވެފަ އެވެ.

އޭނާ އެންމެ ފަހުން ބަޔާނެއް ދެއްވީ މިދިޔަ ހުކުރު ދުވަހު އެވެ. އެއީ އިޒްރޭލުން ޣައްޒާ ސިޓީ ހިފަން ކުރާ މަސައްކަތުން ކުރިމަތިވާ ނުރައްކާ ހަމާސްގެ އަސީރުންގެ ގޮތުގައި ތިބި އިޒްރޭލު އެންމެންނަށް ވެސް އޮންނާނެ ކަމަށް އިންޒާރު ދެއްވައި ނެރުއްވި ބަޔާނެކެވެ.

"އަަހަރެމެންނަށް ވީ އެންމެ ރަނގަޅަކަށް އަސީރުންނާ މެދު އަމަލުކުރާނަން. އެ މީހުން ތިބޭނީ އަހަރެމެންގެ މުޖާހިދުންނާ އެކު ހަނގުރާމައިގެ މައިދާނުގައި، އެއް ނުރައްކަލެއް އަދި އެއް ހާލަތަކަށް ހުށަހެޅިގެން،" އަބޫ އުބައިދާގެ އެ ބަޔާނުގައި ވިދާޅުވި އެވެ.

އޭނާ އެންމެ ފަހުން ވީޑިއޯ ބަޔާނެއް ދެއްވީ މީގެ ދެ ހަފްތާ ކުރިންނެވެ. އެއީ އިޒްރޭލުން އަސީރުން މިނިވަންކުރަން ބޭނުން ނަމަ ހަމަލާތައް ހުއްޓާލުމަށް އަވަހަށް އެއްބަސްވުމަށް ގޮވާލައްވައި ދެއްވި ބަޔާނެކެވެ.