Roadha Mihaaru

ހަމާސްގެ އަސްކަރީ ތަރުޖަމާނު އަވަހާރަކޮށްލާފައިވާ ކަމަށް އިޒްރޭލުން ބުނެފި

އަބޫ އުބައިދާގެ ނަމުގައި މަޝްހޫރުވެފައިވާ، ހަމާސްގެ ހަތިޔާރުއެޅި ގޮފީގެ ތަރުޖަމާނު ހުޒައިފާ ސާމިރު އަބްދުﷲ އަލް ކަހްލޫތު އިޒްރޭލުގެ ހަމަލާއެއްގެ އަވަހާރަކޮށްލާފައިވާ ކަމަށް ބެލެވޭ ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައި ވަނިކޮށް އިޒްރޭލުން ރަސްމީކޮށް އެކަން އިއުލާނުކޮށްފި އެވެ.

އަބޫ އުބައިދާ އަވަހާރަކޮށްލި ކަމަށް އިޒްރޭލުން ބުނެފި

އަބޫ އުބައިދާގެ ނަމުގައި މަޝްހޫރުވެފައިވާ، ހަމާސްގެ ހަތިޔާރުއެޅި ގޮފީގެ ތަރުޖަމާނު ހުޒައިފާ ސާމިރު އަބްދުﷲ އަލް ކަހްލޫތު އިޒްރޭލުގެ ހަމަލާއެއްގެ އަވަހާރަކޮށްލާފައިވާ ކަމަށް ބެލެވޭ ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައި ވަނިކޮށް އިޒްރޭލުން ރަސްމީކޮށް އެކަން އިއުލާނުކޮށްފި އެވެ.

ޣައްޒާގައި ދިން ހަމަލާއެއްގައި އަބޫ އުބައިދާ އަވަހާރަކޮށްލާފައިވާ ކަމަށް އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިޒްރޭލް ކާޒް އެކްސްގައި އިއުލާނުކުރީ އަބޫ އުބައިދާއަށް އަމާޒުކޮށް ހަމަލާ ދިންކަން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއުލާނުކުރިތާ އިރުކޮޅެއް ފަހުންނެވެ.

އިޒްރޭލުން ޣައްޒާއަށް ހަމަލާދޭތާ 23 މަސް ދުވަސް ވެފައި ވާއިރު މިދިޔަ މުއްދަތުގައި އިޒްރޭލުން ވަނީ ހަމާސްގެ ލީޑަޝިޕްގެ ގިނަ ބަޔަކު ޝަހީދުކޮށްލައިފަ އެވެ. އިޒްރޭލުން ބުނަމުންދަނީ ހަމަލާ ދެނީ ހަމާސް ނައްތާލައި އިޒްރޭލުގެ އަސީރުން މިނިވަންކުރަން ކަމަށެވެ.

ޣައްޒާއަށް މިއަދު އިރު އެރީ ވެސް ގެދޮރު ގެއްލިފައިވާ އާންމުން ޣައްޒާ ސިޓީގައި އުޅޭ ޓެންޓަކަށް އިޒްރޭލުން ދިން ހަމަލާއަކާ ގުޅިގެން ހާލަތު ބަލަން މީހުން އެތަނަށް ޖަމާވަނިކޮށެވެ. މަންޒަރު ދުށް މީހުން ބުނި ގޮތުގައި އެތަނުން ވަނީ އެތައް ބަޔަކު ޝަހީދުވެފަ އެވެ.

ހަމާސްގެ ތަރުޖަމާނު އަބޫ އުބައިދާ (ވ) އަދި އޭނާ ހުންނާނެ ކަމަށް ބެލެވޭ ގޮތް ކަމަށް ބުނެ އިޒްރޭލުން އާންމުކޮށްފައިވާ ފޮޓޯއެއް (ކ)

ހަމާސްގެ ތަރުޖަމާނު އަބޫ އުބައިދާ (ވ) އަދި އޭނާ ހުންނާނެ ކަމަށް ބެލެވޭ ގޮތް ކަމަށް ބުނެ އިޒްރޭލުން އާންމުކޮށްފައިވާ ފޮޓޯއެއް (ކ)

އަބޫ އުބައިދާ އަަވަހާރަކޮށްލި ކަމަށް މިއަދު ހެނދުނު އިޒްރޭލުގެ މީޑިއާގައި ރިޕޯޓްކުރުމާ އެކު ހަމާސް އިން ވަނީ އެއީ ނަފްސާނީ ގޮތުން ބަލިކަށިކުރަން ފަތުރާ ދޮގު ކަމަށް ބުނެފަ އެވެ. އެކަމަކު ފަހުން ވަނީ މީގެ ތިން މަސް ކުރިން އިޒްރޭލުން އަވަހާރަކޮށްލި ކަމަށް ބުނި ޣައްޒާގެ އަސްކަރީ ވެރިޔާ މުހައްމަދު ސިންވާރުގެ މަރު ހަމާސް އިން ކަށަވަރުކޮށްދީފަ އެވެ.

އަބޫ އުބައިދާ އަވަހާރަކޮށްލާފައިވާ ކަމަށް އިޒްރޭލުން ރަސްމީކޮށް ބުނި ފަހުން އެކަމާ ގުޅޭ ގޮތުން އަދި ހަމާސް އިން ވާހަކައެއް ނުދައްކަ އެވެ.

މީޑިއާއަށް ބަޔާންތައް ދެއްވާއިރު އަބަދުވެސް މޫނު ނިވާކޮށްގެން ހުންނަ އަބޫ އުބައިދާ ވެފައިވަނީ އިޒްރޭލުން މީގެ ދެ އަހަރު ކުރިން ޣައްޒާއަށް ހަމަލާދޭން ފެށި ހަމަލާތަކުގައި ޣައްޒާ އާއި އަރަބި ދުނިޔޭގައި ވެސް ހަމާސްގެ މޫނަށެވެ. އަބޫ އުބައިދާ އަކީ 2004 ވަނަ އަހަރުން ފެށިގެން އިއްޒުއްދީން އަލް ގައްސާމް ބްރިގޭޑްގެ މެންބަރެކެވެ. އަދި 2006 ވަނަ އަހަރު އިޒްރޭލު ސިފައިންގެ މީހެއް ކަމަށްވާ ގިލާޑް ޝަލިތު އަސީރުކުރިކަން އޭނާ އިއުލާނުކުރެއްވި ހިސާބުން އެ ޖަމާއަތުގައި ހާއްސަ ބޭފުޅަކަށް ވަނީ ވެފަ އެވެ.

އޭނާ އެންމެ ފަހުން ބަޔާނެއް ދެއްވީ މިދިޔަ ހުކުރު ދުވަހު އެވެ. އެއީ އިޒްރޭލުން ޣައްޒާ ސިޓީ ހިފަން ކުރާ މަސައްކަތުން ކުރިމަތިވާ ނުރައްކާ ހަމާސްގެ އަސީރުންގެ ގޮތުގައި ތިބި އިޒްރޭލު އެންމެންނަށް ވެސް އޮންނާނެ ކަމަށް އިންޒާރު ދެއްވައި ނެރުއްވި ބަޔާނެކެވެ.