Roadha Mihaaru

ފަލާހުގެ ވާހަކަ ކުށްވެރިކުރި ސިޔާސީ މުވައްޒަފަކު ވަކިކޮށްފި

ނޫސްވެރިން "އުލުބައިންދަންވީ" ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ދެއްކެވި ވާހަކަތަކާ ގުޅިގެން ފާޑުކީ ސްޕޯޓްސް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރަކު މަގާމުން ވަކިކޮށްފި އެވެ.

ފަލާހުގެ ވާހަކަ ކުށްވެރިކުރި މުވައްޒަފަކު ވަކިކޮށްފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

28 އޯގަސްޓް 2025

ނޫސްވެރިން "އުލުބައިންދަންވީ" ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ދެއްކެވި ވާހަކަތަކާ ގުޅިގެން ފާޑުކީ ސްޕޯޓްސް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރަކު މަގާމުން ވަކިކޮށްފި އެވެ.

އެ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުގައި އިބްރާހިމް ސައީދު (ކޭޑު) ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފު ސޮއިކުރައްވައި މިއަދު ފޮނުއްވި ސިޓީގައި ވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ޅ. އިން ރައީސަށް ލިބިދޭ ބާރުގެ ދަށުން މިއަދުން ފެށިގެން އެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.

އޭނާ މަގާމުން ވަކި ކުރިއިރު ރޭ ވަނީ ނޫސްވެރިން ލާންވީ ޖަލަށް ނޫން ކަމަށާއި އެ މީހުން "އުލުބައިންދަންވީ" ކަމަށް ވިދާޅުވެ ފަލާހު ދެއްކެވި ވާހަކަތައް ކުށްވެރިކޮށް ފޭސްބުކްގައި ޕޯސްޓެއް ލިޔެފަ އެވެ.

ކުރިން ނޫސްވެރިއެއްގެ ގޮތުގައި ވެސް މަސައްކަތްކުރި އޭނާގެ ޕޯސްޓުގައި ވަނީ ނޫސްވެރިން އުލުބައިންދައި މަރަން ޖެހޭ ކަމަށް ފަލާހު ވިދާޅުވި މައްސަލަ ބަލަން ޖެހޭ ކަމަށް ބުނެފަ އެވެ.

މީޑިއާ ކޮންޓްރޯލްކުރާ ބިލުގެ ބަހުސް ކުރައްވަމުން ފަލާހު އިއްޔެ ވިދާޅުވީ މީޑިއާގެ ސަބަބުން ވަރަށް ނިކަމެތި ކަމެއް ލިބުނު ކަމަށާއި އޭނާއަކީ "އެއްޖިންސުން ގުޅުން ހިންގާ" ބޭފުޅެއް ކަމަށް މީޑިއާގައި ފަތުރާފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން އާއިލާ އަށް ވެސް އޭގެ އަސަރުކުރި ކަމަށް ވިދާޅުވެ އޭނާ ތަކުރާރުކޮށް ގޮވާލެއްވީ ނޫސްވެރިން އުލުބޭންދުމަށެވެ. އެއީ ކުރީގައި މީހުން މެރުމަށް ހަދާ ގޮތަކަށް ނިސްބަތްކޮށް ބުނެ އުޅޭ ބަހެކެވެ.

މީޑިއާ އިން ފަލާހުއަކީ އެއް ޖިންސުން ގުޅުން ހިންގާ މީހެއް ކަމަށް ބުނި ކަމަށް އޭނާ ވިދާޅުވާއިރު އޭރު އެފަދަ ވާހަކަތަކެއް ދެކެވުނީ ސޯޝަލް މީޑިއާގަ އެވެ.

ނޫސްވެރިން ގުޅުވާ ފަލާހު ދެއްކި ވާހަކަތަކާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލާއި ޖާނަލިސްޓް އެސޯސިއޭޝަނުން ވެސް ކަންބޮޑުވުން ފާޅުކޮށް އެ މައްސަލަ ބަލަން ގޮވާލި އެވެ. އަދި އެ ވާހަކަތަކަށް ނޫސްވެރިންގެ ކިބައިން މާފަށް އެދެން ވެސް ގޮވާލި އެވެ.