Roadha Mihaaru

ގައުމީ ޓީމަށް މަރުހަބާ ކިޔުން މިއަދު ހަވީރު ގަލޮޅު ދަނޑުގައި

ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އިންތިޒާމުކޮށްގެން އެ ގައުމުގައި ބޭއްވި ސައުތު އޭޝިއަން ސުޕަ ކަޕް ކާމިޔާބުކުރި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް މަރުހަބާ ކިޔަން މިއަދު ހަވީރު ގަލޮޅު ދަނޑުގައި ރަސްމިއްޔާތެއް ބާއްވަން ސްޕޯޓްސް މިނިސްޓްރީން ނިންމައިފި އެވެ.

ގައުމީ ޓީމަށް މަރުހަބާ ކިޔުން މިއަދު ހަވީރު ދަނޑުގައި

ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އިންތިޒާމުކޮށްގެން އެ ގައުމުގައި ބޭއްވި ސައުތު އޭޝިއަން ސުޕަ ކަޕް ކާމިޔާބުކުރި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް މަރުހަބާ ކިޔަން މިއަދު ހަވީރު ގަލޮޅު ދަނޑުގައި ރަސްމިއްޔާތެއް ބާއްވަން ސްޕޯޓްސް މިނިސްޓްރީން ނިންމައިފި އެވެ.

ދެ މެޗުގެ އުސޫލުން ކުޅުނު ސުޕަ ކަޕް ރާއްޖޭން ކާމިޔާބުކުރީ ފަހު މެޗުގައި އިއްޔެ ކޮޅުނބުގެ ރޭސްކޯސް ގްރައުންޑުގައި ލަންކާއާ 1-1 އިން އެއްްވަރުވި ނަމަވެސް، ފުރަތަމަ މެޗުން 3-0 އިން މޮޅުވެފައިވާތީ ދެ ލެގުގެ އެގްރިގޭޓުން 4-1 އިން ކުރި ހޯދައިގެންނެވެ.

ގައުމީ ޓީމު އެނބުރި ރާއްޖެ އަންނާނީ މިއަދު މެންދުރުފަހު 2:25 ގައި ޖައްސާ ސްރީ ލަންކަން އެއާލައިންސް އިންނެވެ. އެގޮތުން ޓީމަށް އެންމެ ފުރަތަމަ މަރުހަބާ ކިޔުން އޮންނާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖުންނެވެ. އޭގެ ފަހުން ޓީމު މާލެ އައުމުން، މަރުހަބާ ކިޔަން ގަލޮޅު ދަނޑުގައި ބާއްވާ ރަސްމިއްޔާތު ފަށާނީ 3:45 ގަ އެވެ.

ސުޕަ ކަޕަކީ ދެކުނު އޭޝިއާގެ ހަތަރު ގައުމެއްގެ މެދުގައި ބާއްވަން ލަންކާ އިން މަސައްކަތްކުރި މުބާރާތެކެވެ. އެކަމަކު ރާއްޖެ ފިޔަވައި އެހެން ގައުމަކުން ދައުވަތު ގަބޫލެއް ނުކުރުމުން، ލަންކާ އިން ނިންމީ ރާއްޖެއާ އެކު ދެ ލެގު އުސޫލުން މުބާރާތް ބާއްވާށެވެ.

ފީފާ ސްޓޭންޑަޑް މުބާރާތެއް ނޫން ނަމަވެސް، މި ކާމިޔާބަކީ، ވަޅުޖެހިފައިވާ ދިވެހި ފުޓްބޯޅަ އަލުން ނެގުމަށް އެފްއޭއެމުން ކުރަމުން އަންނަ މަސައްކަތުގައި ލިބުނު ހިތްވަރެއްގެ ގޮތުގައި ފާހަގަކޮށް ގިނަ ބަޔަކު އަންނަނީ އެކަން ފާހަގަކުރަމުންނެވެ.

ރާއްޖޭން ވަނީ މީގެ ކުރިން ދެކުނު އޭޝިއާގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދައިފަ އެވެ. އެއީ 2008 އާއި 2018 ގަ އެވެ. މީގެ ތެރެއިން 2008 ގައި ޗެމްޕިއަންކަން ހޯދިއިރު ފޯވާޑަށް ކުޅުނު އަހުމަދު ތޯރިގް (ޓޮމް) އަކީ އެފްއޭއެމްގެ މިހާރުގެ ރައީސެވެ. އެ ޓީމުގައި ހިމެނުނު ގޯލްކީޕަރު އިމްރާން މުހައްމަދާއި، ޑިފެންޑަރު މުހައްމަދު އުމެއިރަކީ މިހާރުގެ އެކްސްކޯ މެމްބަރުންނެވެ. އޭރުގެ އެސިސްޓަންޓް ކޯޗު މުހައްމަދު ޝިޔާޒަކީ މިހާރުގެ ގައުމީ ޓީމުގެ ކޯޗެވެ.

ރާއްޖޭން 2018 ގައި މުބާރާތް ކާމިޔާބުކުރިއިރު ޓީމުގެ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި އަބްދުﷲ ރާފިއު އަކީ މިހާރުގެ ސްޕޯޓްސް މިނިސްޓަރެވެ.