Roadha Mihaaru

އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގެ އިސްވެރިޔާގެ މަގާމަށް ހައްސާން

އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) ގެ ނަމަށް ބަދަލުކޮށްފައިވާ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ ޒިންމާތައް ހަވާލުކޮށްފައިވާ އިދާރާގެ އެންމެ އިސްވެރިއަކަށް މިހާތަނަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ހައްސާން މުހައްމަދު މިއަދު އައްޔަންކޮށްފި އެވެ.

އީއާރުއޭގެ އިސްވެރިއަކަށް ހައްސާން

އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) ގެ ނަމަށް ބަދަލުކޮށްފައިވާ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ ޒިންމާތައް ހަވާލުކޮށްފައިވާ އިދާރާގެ އެންމެ އިސްވެރިއަކަށް މިހާތަނަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ހައްސާން މުހައްމަދު މިއަދު އައްޔަންކޮށްފި އެވެ.

އީއާރުއޭ އިން މިއަދު ބުނިގޮތުގައި އެ ތަނުގެ ޗީފް އެގްޒެކެޓިވްގެ މަގާމަށް ހައްސާން މިއަދު ވަނީ އައްޔަންކޮށްފަ އެވެ. އެއީ ސިޔާސީ މަގާމެއް ކަމަށް ވާއިރު، އީއާރުއޭ ހިންގުމުގައި އެންމެ އިސްކޮށް ހުންނަވާނީ ހައްސާން އެވެ.

ނަމަވެސް އީޕީއޭގެ ނަން އީއާރުއޭ އަށް ބަދަލުކުރުމާ އެކު، އެ ތަނުގެ އެންމެ އިސްވެރިޔާގެ މަގާމަކީ ޗީފް އެޑްމިނިސްޓްރޭޓަރު ކަމަށް ރައީސް އޮފީހުން ކުރިން އަންގާފައި ވެ އެވެ. އެކަމަކު، އެ އިދާރާގެ ޗީފް އެގްޒެކެޓިވްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމުން އެންމެ އިސްވެރިޔާއަކީ ހައްސާން ކަމަށް ވެ އެވެ.

ޗީފް އެގްޒެކެޓިވްގެ ދަށުން އެ އިދާރާ ހިންގަވާނީ ސިވިލް ސާވިސް މަގާމުގައި ހުންނަވާ ބޭފުޅެކެވެ. އެހެންވެ، އީއާރުއޭގެ ޗީފް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް މީހަކު ހޯދަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ވަނީ އެ ފުރުސަތު އާންމުކޮށް އިއްޔެ ހުޅުވާލައިފަ އެވެ.

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ނަން އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އަށް ބަދަލުކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަން އިއުލާން ކުރެއްވީ މިދިޔަ އަންގާރަ ދުވަހު އެވެ. އަދި އެ އޮތޯރިޓީ ހިންގުމުގެ އެންމެ އިސްވެރިޔަކަށް ޗީފް އެޑްމިނިސްޓްރޭޓަރު ކިޔާ މަގާމެއް އުފައްދަން ރައީސް ނިންމެވި އެވެ.

ސީއެސްސީގެ އިއުލާނުގައި ބުނި ގޮތުގައި، އީއާރުއޭގެ ޗީފް އެޑްމިނިސްޓްރޭޓަރުގެ މަގާމުގެ އަސާސީ މުސާރައަކީ މަހަކު 20،500ރ. ކަމަށާއި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000.00ރ. އާ އެކު ޖުމްލަ 35،500ރ. ލިބޭނެ އެވެ.

ޗީފް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އެވެ.

އީޕީއޭގެ އެންމެ އިސްމަގާމަކީ ކުރިން ޑިރެކްޓަރު ޖެނެރަލެވެ. އެ މަގާމުގައި ހުންނެވީ އިބްރާހިމް ނައީމެވެ.

ރައީސް އިއުލާންކުރެއްވި ބަދަލާއެކު، ކުރިން ގަވަނިން ބޯޑެއްގެ ލަފާގެ ދަށުން ހިންގި އެ އިދާރާގެ ހައިސިއްޔަތު ބަދަލުވެ، މިހާރު އެ އިދާރާ ހިންގަނީ ސީދާ ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، އެ ބަދަލު ގެނައީ އީޕީއޭއިން މިހާތަނަށް ކުރަމުން އައި މައިގަނޑު މަސައްކަތްތަކަކީ ރާއްޖޭގެ ތިމާވެއްޓާ ބެހޭ ކަންކަން ރެގިއުލޭޓްކުރުމާ ގުޅުންހުރި މަސައްކަތްތަކެއް ކަމަށް ވާތީ، އެ އިދާރާއިން ކުރަމުން ގެންދާ މައިގަނޑު މަސައްކަތްތަކާ ވީހާ ވެސް ގުޅުންހުރި ނަމެއް ހަމަޖެއްސުމަށެވެ. އަދި އެ އިދާރާގެ މަސައްކަތްތައް މިހާރަށް ވުރެ ހަރުދަނާކޮށް، ހަލުވިކުރުމުގެ ބޭނުމުގަ އެވެ.