Roadha Mihaaru
ތިމާވެށީގެ ގެއްލުމުގެ ޖޫރިމަނާ: 203 މިލިއަން ނުލިބޭ

ތިމާވެށީގެ ގެއްލުމުގެ ޖޫރިމަނާ: 203 މިލިއަން ރުފިޔާ ނުލިބޭ!

26 ސެޕްޓެމްބަރ 2022

ތިމާވެއްޓަށް ގެއްލުން ދިނުމުގެ އެކި ހާދިސާތަކާ ގުޅިގެން މިދިޔަ ހަތަރު އަހަރުގެ ނިޔަލަށް ގިނަ ބަޔަކު ޖޫރިމަނާ ކޮށްފައި ވިޔަސް 203 މިލިއަން ރުފިޔާ އަދިވެސް ނުލިބޭ ކަން ތަފާސްހިސާބުތަކުން އެނގިއްޖެ އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ތިމާވެއްޓަށް ގެއްލުން ދިނުމުގެ އެކި ހާދިސާތަކާ ގުޅިގެން މިދިޔަ ހަތަރު އަހަރުގެ ނިޔަލަށް ގިނަ ބަޔަކު ޖޫރިމަނާ ކޮށްފައި ވިޔަސް 203 މިލިއަން ރުފިޔާ އަދިވެސް ނުލިބޭ ކަން ތަފާސްހިސާބުތަކުން އެނގިއްޖެ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މިދިޔަ ފަސް އަހަރުގެ ތަފާސްހިސާބުތައް ހޯދަން އެދުމުން އީޕީއޭ އިން ވަނީ 2017 އިން 2021 ގެ ނިޔަލަށް އެކި ފަރާތްތަކަށް ކޮށްފައިވާ ޖޫރިމަނާތަކުގެ ތަފުސީލުތައް ދީފަ އެވެ. އެއީ ޖެނުއަރީ 2017 އިން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް ކޮށްފައިވާ ޖޫރިމަނާތަކެވެ.

އީޕީއޭ އިން ހާމަކުރި މައުލޫމާތުގައި ހިމެނެނީ ފާއިތުވި ހަތަރު އަހަރު އެކި ސަބަބުތަކާ ހެދި ކުރި 32 ޖޫރިމަނާ އެވެ. ޖޫރިމަނާ ކުރި ސަބަބުތަކުގެ ތެރޭގައި ހިމާޔަތްކޮށްފައިވާ ދިރުންތައް ގެންގުޅުމާއި މޫދަށް ކުނި އެޅުމާއި އީއައިއޭއާ ހިލާފަށް މަޝްރޫއުތައް ހިންގުމާއި އުޅަނދުތައް ފަރަށް އެރުމާއި ގަސްދުގައި ތިމާވެއްޓަށް ގެއްލުން ހިމެނެ އެވެެ.

ހަތަރު އަހަރުގެ ތެރޭގައި އީޕީއޭ އިން ކޮށްފައި ހުރި ޖޫރިމނާގެ އަދަދު 367،312،796ރ. އަށް އަރަ އެވެ. އޭގެ ތެރެއިން މިހާތަނަށް ނުދައްކައި ހުރީ 203،270،500ރ. ނުވަތަ ޖުމުލަ ޖޫރިމަނާގެ 55.3 ޕަސެންޓެވެ.

އެ އަދަދު އެހާ ބޮޑުވަނީ ފަރަށް އަރައި ލިބުނު ގެއްލުމުގެ ނިސްބަތަށް ބަލައި، އީޕީއޭ އަށް ޖޫރިމަނާ ކުރެވެން އޮންނަ އެންމެ ބޮޑު އަދަދު ކަމަށްވާ އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރި ދެ ފަރާތަކުން ދައްކަން ޖެހޭ ފައިސާ ނުދައްކާތީ އެވެ.

ޖެނުއަރީ 2017 އިން ފެށިގެން ޑިސެމްބަރު 2021އާ ހަމައަށް އީޕީއޭއިން އެކި ފަރާތްތަކަށް ކޮށްފައި ހުރި ޖޫރިމަނާގެ ތެރެއިން 203 މިލިއަން ރުފިޔާގެ ޖޫރިމަނާ އަދި ދައްކާފައި ނުވޭ

ޖެނުއަރީ 2017 އިން ފެށިގެން ޑިސެމްބަރު 2021އާ ހަމައަށް އީޕީއޭއިން އެކި ފަރާތްތަކަށް ކޮށްފައި ހުރި ޖޫރިމަނާގެ ތެރެއިން 203 މިލިއަން ރުފިޔާގެ ޖޫރިމަނާ އަދި ދައްކާފައި ނުވޭ

ހަތަރު އަހަރުގެ ތެރޭގައި ނުދައްކައި ހުރި އެންމެ ބޮޑު ތިން ޖޫރިމަނާ

• ފުށިދިއްގަރު ފަރަށް މުތާ ރޯޔަލް ޓަގްބޯޓާއި މުތާ ގްރޭސް ބާޖު އެރުމުން ލިބުނު ގެއްލުމަށް މާޗު 2018 ގައި ކުރި އެއް މިލިއަން ރުފިޔާގެ ޖޫރިމަނާއެއް (މެއިންލޭންޑް ޝިޕިން ލިމިޓެޑް)

• ފަސް ރަށެއްގައި އީއައިއޭ ހެދުމަކާ ނުލައި އިންޖީނުގެ ހެދުމުގެ މަސައްކަތް ފެށުމުން މާޗު 2019 ގައި ކުރި ހަ ލައްކަ ރުފިޔާގެ ޖޫރިމަނާ (ފެނަކަ ކޯޕަރޭޝަން)

• "ބީޖީ ސީޕަރާ 3" ނަމަކަށް ކިޔާ ބާޖެއް ހިންމަފުށި ފަރަށް އެރުމުން ލިބުނު ގެއްލުމަށް ޖޫން 2020 ގައި ކުރި އެއް މިލިއަން ރުފިޔާގެ ޖޫރިމަނާއެއް (ޓްރާންސްލިންކް ޕްރައިވެޓް ލިމިޓެޑް)

ފުށިދިއްގަރު ފަރުގެ މައްސަލައިގައި ކުރި ޖޫރިމަނާ، ބާޖާއި ޓަގްބޯޓުގެ ދިވެހި އެޖެންޓު މެއިންލޭންޑް ޝިޕިން އިން އިސްތިއުނާފު ކުރުމުން ވެސް އީޕީއޭ އަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިމިނަތު ޝައުނާ އެންގެވީ އެ ފައިސާ އެ ކުންފުނިން ދައްކާށެވެ.

އޭގެ ފަހުން އެ ފައިސާ ނުދައްކާތާ އަހަރުތަކެއް ވެފައިވާއިރު، އެ ކުންފުނީގެ ދަށުން ދުއްވި އެހެން ޓަގް ބޯޓަކާއި ބާޖެއް ވ. އަތޮޅު މާގުޅީ ކައިރި ފަރަކަށް މި އަހަރު އެރުމުން އެ ކުންފުނިން އިތުރު 100 މިލިއަން ރުފިޔާގެ ޖޫރިމަނާ ދައްކަން ޖެހެ އެވެ. މެއިންލޭންޑް ޝިޕިން އިން މިހާރު ދައްކަން ޖެހޭ ޖޫރިމަނާ ފައިސާގެ އަދަދު 200 މިލިއަނަށް އަރަ އެވެ.

ހަތަރު އަހަރުގެ ތެރޭގައި ދެއްކި އެންމެ ބޮޑު ތިން ޖޫރިމަނާ

• ކ. ރަސްފަރީ ފަރަށް އެރި އެމްވީ ނެވިއޯސް އެމެރައިލިސް ކެރިއަރު އެރުމުން އެ ފަރަށް ލިބުނު ގެއްލުމަށް ކުރި އެއް މިލިއަން ރުފިޔާގެ ޖޫރިމަނާ (އެންޓްރެކް ހޯލްޑިން ޕްރައިވެޓް ލިމިޓެޑް)

• ނޫމަރާ ފަރަށް "މެރިން ޕަވާ" ބާޖު އަރައި ފަރަށް ލިބުނު ގެއްލުންތަކަށް ކުރި 61،681،316ރ. (ރޮހޮފް ޕްރައިވެޓް ލިމިޓެޑް)

• ކ. ހިންމަފުއްޓާއި ގިލި ލަންކަންފުއްޓާ ދެމެދު އޮންނަ ފިނޮޅަށް ގިލި ލަންކަންފުށީގެ މުވައްޒަފުން ގެއްލުން ދިނުމުން ކުރި 562،980ރ.ގެ ޖޫރިމަނާ (ޕްރޯމަސް ޕްރައިވެޓް ލިމިޓެޑް)

ގިލިލަންކަން ފުށީގެ މުވައްޒަފުން ހިންމަފުއްޓާއި އެ ރިޒޯޓާ ދެމެދު އޮންނަ ފިނޮޅަކަށް ދިން ގެއްލުން. އެ ހާދިސާ ހިނގި ދުވަސްވަރު އެ މައްސަލަގަނޑު ވަރަށް ހޫނުވި

ގިލިލަންކަން ފުށީގެ މުވައްޒަފުން ހިންމަފުއްޓާއި އެ ރިޒޯޓާ ދެމެދު އޮންނަ ފިނޮޅަކަށް ދިން ގެއްލުން. އެ ހާދިސާ ހިނގި ދުވަސްވަރު އެ މައްސަލަގަނޑު ވަރަށް ހޫނުވި

މި އަހަރުގެ މިހާތަނަށް ވެސް ތިމާވެއްޓަށް ގެއްލުން ދީގެން ބޮޑެތި އަދަދުތަކުން އެކި ފަރާތްތައް ޖޫރިމަނާކޮށްފައި އެބަހުއްޓެވެ. އޭގެ ތެރޭގައި މޫދަށް ކުނި އަޅައިގެން ކުރި ޖޫރިމަނާތަކާއި އުޅަނދުތައް ފަރަށް އަރައިގެން ކޮށްފައި ހުރި ޖޫރިމަނާތައް ވެސް ހިމެނެ އެވެ.

މާގުޅީ ފަޅު ކައިރިއަށް ބާޖާއި ޓަގް ބޯޓު އެރި މައްސަލައިގައި ކުރި ބޮޑު ޖޫރިމަނާއާއެކު މި އަހަރު ވެެއްޓަށް ގެއްލުން ދީގެން ކުރި ޖޫރިމަނާތައް ވެސް އެއް މިލިއަން ރުފިޔާ އިން މައްޗަށް އަރާނެ އެވެ. އެ މައްސަލައިގައި ވެސް ޖޫރިމަނާ ކުރީ 2018 ވަނަ އަހަރު ފުށިދިއްގަރު ފަޅަށް އެރި ބާޖާއި ޓަގް ބޯޓުގެ ދިވެހި އެޖެންޓު މެއިންލޭންޑް ޝިޕިން އެވެ.

އޭގެ އިތުރުން، ވިލިމާލޭ ބްރިޖުގެ މަސައްކަތް ކުރަނިކޮށް ފަރަށް އުރުނު ޕްލެޓްފޯމުން ވެސް ބޮޑެތި ގެއްލުންތަކެއް ވެފައި ވެ އެވެ. އެ ގެއްލުން ހިސާބުކޮށް ޖޫރިމަނާ ކުރުމުގެ މަސައްކަތް އީޕިއޭ އިން އަންނަނީ ކުރަމުންނެވެ.

އެ އިދާރާ އިން ބުނިގޮތުގައި، މި އަހަރުު ކުރި ޖޫރިމަނާގެ މައުލޫމާތު ހިމަނާފައި ނުވަނީ އަހަރު ނުނިމޭތީ އެވެ. މި އަހަރުގެ މިހާތަނަށް ކޮށްފައި ހުރި ޖޫރިމަނާތަކުގެ މައްސަލަތައް އިސްތިއުނާފު މަރުހަލާގައި ހުރި ކަން ވެސް ފާހަގަކުރި އެވެ.