ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ ބަދަލުތަކާއި ގެންނާނެ ކަމަށް ވިދާޅުވެފައިވާ ބަދަލުތަކާ މެދު އިތުރަށް ވިސްނެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން އއ. ބޮޑުފޮޅުދޫ ކައުންސިލް ރައީސް ޝުޖާއު އާދަމް އެދިވަޑައިގެންފި އެވެ.
20 އޯގަސްޓް 2025
ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ ބަދަލުތަކާއި ގެންނާނެ ކަމަށް ވިދާޅުވެފައިވާ ބަދަލުތަކާ މެދު އިތުރަށް ވިސްނެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން އއ. ބޮޑުފޮޅުދޫ ކައުންސިލް ރައީސް ޝުޖާއު އާދަމް އެދިވަޑައިގެންފި އެވެ.
އއ. އަތޮޅަށް ރައީސް މުއިއްޒު ކުރައްވާ ދަތުރުފުޅުގައި މިއަދު ހެނދުނު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތައް އޮތީ ވަރަށް ބޮޑަށް ދަތިވާ ގޮތަށް ކަމަށެވެ. އޭނާ އެންމެ ބޮޑަށް ފާހަގަކުރެއްވި އެއް ކަމަކީ މުވައްޒަފުން ނެގުމުގައި ހުރި ދަތިތަކެވެ.
އޭނާ ވިދާޅުވީ ކައުންސިލްގެ އިދާރީ އޮނިގަނޑު މިހާރުވެސް ހަދާފައި އޮންނަނީ ސިވިލް ސާވިސް އަށް ހުށަހަޅައި އެތަނުގެ އެންޑޯޒްމަންޓު ލިބިގެން ކަމަށެވެ. ދާއިމީ މަގާމަކަށް ނުވަތަ ކޮންޓްރެކްޓް މަގާމަކަށް ވެސް މުވައްޒަފުން ނެގެނީ އިދާރީ އޮނިގަނޑުގައި ހިމަނައި އަދި އެ އަހަރަކަށް ބަޖެޓްކޮށްގެން ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވީ ކައުންސިލްތަކުގެ މަގާމުތަކަށް މީހުން ނެގުމަށް ހުއްދަ ހޯދަން ސިޓީ ފޮނުވައިގެން އެކަމުގެ އިންތިޒާރުގައި އެތައް ދުވަހަކު ތިބެން ޖެހުމުން ރައްޔިތުންގެ ހިދުމަތްތަކަށް ބުރޫ އަރާނެ ކަމަށެވެ.
މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުން ފާސްކުރި ބިލް ރައީސް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ތަސްދީގުކުރައްވައިފަ އެވެ.
"ވަރަށް ބޮޑަށް އަޅުގަނޑު ރައީސްގެ ކިބައިން އެދެން އެންމެ ފަހުން މި ގެނެވުނު ބަދަލާ މެދު އިތުރަށް ވިސްނުންފުޅު ބަހައްޓަވައި އަޅުގަނޑުމެން ކައުންސިލްތަކަށް ފަސޭހަވާނެ ގޮތަކަށް އަދިވެސް މިކަން ކޮށްދެއްވުން،" ޝުޖާއު ވިދާޅުވި އެވެ.
ލާމަރުކަޒީ ނިޒާމު ފެށުނީއްސުރެ އެކަމުގައި އުޅުއްވާ ބޭފުޅެއްގެ ހައިސިއްޔަތުން އޭނާ ވަނީ އެ ބިލަށް ގެންނަން ބޭނުންވާ ކަމަށް ރައީސް ވިދާޅުވެފައިވާ ބަދަލުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. ބޮޑުފޮޅުދޫއަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށު ކައުންސިލް ރައިސް ޝުޖާއު އާދަމް އާއި އެ ދާއިރާގެ މެމްބަރު ހަސަން ޒަރީރު.-- ފޮޓޯ: ރައީސް އޮފީސް
ޝުޖާއު ވިދާޅުވީ ކައުންސިލްގައި ތިން މެމްބަރުން ތިބޭ ގޮތަށް ނުހަދައި މިހާރު އޮތް ގޮތަށް ފަސް މެންބަރުން ތިބޭ ގޮތަށް ބޭއްވުމަށް ހަމަޖެއްސުމަށް އެދިވަޑައިގެންފަ އެވެ. އަތޮޅު ކައުންސިލްތައް އުވާލާނެ ކަމަށް ރައީސް ވިދާޅުވެފައި ވާތީ ޝުޖާއު ވަނީ އެ ކައުންސިލްތައް ވެސް މުހިންމު ކަމަށާއި ބައެއް އަތޮޅު ކައުންސިލްތަކުން އަމަލުކުރާ ގޮތުން މުޅި ނިޒާމަށް ބަދަލުގެންނަންޖެހޭ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް ވިދާޅުވެފަ އެވެ.
"އަތޮޅު ކައުންސިލް އަތޮޅު ލެވަލްގައި، ރަށްރަށުގައި އެބަ ކަންކަން ހިންގޭ. ގައުމީ ފެންވަރަށް ކުދިން ނެރެވޭ. މީހުން އެބަ ބިނާކުރެވޭ. އެހެންވީމާ ރައީސްގެ އަރިހުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން މި އިސްލާހާ މެދު ވެސް އަލުން ވިސްނައިވަޑައިގަތުން،" ޝުޖާއު ވިދާޅުވި އެވެ.
"ކައުންސިލްގައި ތިން މެމްބަރު ތިބޭ ގޮތަށް ބަދަލުކުރުމަކީ ހަގީގަތުގައި ވެސް ވަރަށް ދަތި ކަމެއް. އެއް މެމްބަރަކު ޗުއްޓީއަށް ގޮސް އަނެއް މެމްބަރަކު ޒަރޫޒީ ބޭނުމަކަށް ސަލާމް ނޫނީ އެހެން ގޮތަކަށް ޒަރޫރީ ކަމެއްގައި މަޑުކޮށްލަން ޖެހުނަސް ކައުންސިލް ހިންގުމަށް ބުރޫއަރާ،" ޝުޖާއު ވިދާޅުވި އެވެ.
ލާމަރުކަޒީ ގާނޫނަށް ބަދަލުގެނައި ބިލް ތަސްދީގު ނުކުރައްވަން، އިދިކޮޅު އެމްޑީޕީ އަދި 60 އަށް ވުރެ ގިނަ ކައުންސިލްތަކުން ބަޔާން ނެރެފައިވެ އެވެ. އަދި އެހެން ބައެއް ކައުންސިލްތަކުން އެ ބަދަލުތަކަށް ތާއީދުކޮށް ވެސް ބަޔާން ނެރެފައިވެ އެވެ.
ޝުޖާއު ވަނީ ކައުންސިލްތަކުން ދައްކާ ވާހަކަތައް އަޑު އައްސަވައި އެކަމަށް އިތުރަށް ވިސްނެވުމަށް ތަކުރާރުކޮށް ރައީސްގެ އަރިހުން އެދިވަޑައިގެންފަ އެވެ.
ލާމަރުކަޒީ ގާނޫނަށް ބަދަލުތަކެއް ގެނެސްފައި ވާއިރު ކައުންސިލްތަކުގެ ސައިޒު ކުޑަކުރުން ފަދަ ބަދަލުތައް ގެންނަވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ. އެއީ މެންބަރުން މަދުކުރުމުގެ ގޮތުން، 2،000 އިން ދަށުގެ އާބާދީގެ ރަށްރަށުގައި ތިން މެމްބަރުންގެ ކައުންސިލެއް އަދި 2،000 އަށް ވުރެ އާބާދީ ބޮޑު ނަމަ ފަސް ކައުންސިލަރުން ތިބޭ ގޮތަށް ހަމަޖެއްސުމެވެ.
އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެންބަރުން ހޮވަން ވެސް އެ ރޭޝިއޯ ހަމަޖެއްސުން ހިމެނެ އެވެ. އެކަމަކު، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާގެ މަގާމަށް މުޅި ރަށުގެ ރައްޔިތުން ވޯޓުލައިގެން މީހަކު އިންތިހާބުކުރާނެ ކަމަށް ރައީސް ރޭ ވަނީ ވިދާޅުވެފަ އެވެ. އަދި އެއީ ފުލްޓައިމް ވަޒީފާއަކަށް ހަދަން ގާނޫނު އިސްލާހު ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އާންމު ތަންތަން ދިއްލަން ޑޮމެސްޓިކް ރޭޓުން ބިލްކުރަނީ
"ބޯޅަ އޮތީ ކައުންސިލް ކޯޓުގައި، ކަންކަން ކުރަންވީ"
"އިސްލާހު ގެނައީ ބަޖެޓު ނަހަމަ ގޮތުގައި ބޭނުންކުރާތީ"
ރައީސް ބ. އަތޮޅަށް
ކައުންސިލްތަކުގެ ހަރަދު ކުޑަކުރަން ރައީސްގެ އާ ހިޔާލެއް
"ކައުންސިލް ބާރުވެރިކުރުވަން މިދަނީ އަމަލުދިމާކުރަމުން"
"3،000ގެ އާބާދީއަކަށް ތިން ކައުންސިލަރުން ފުދޭ"
ކައުންސިލަރުންގެ އަދަދު ވެސް މަދުކުރަނީ
ކައުންސިލް އިދާރާ އަޅާ ރަށްތައް ކަނޑައަޅާ މިންގަނޑެއް
ރައީސް، ހުރިހާ ކައުންސިލަކާ ބައްދަލުކުރައްވަނީ