Roadha Mihaaru

ބ. އަތޮޅުގެ 13 ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ފުރާވަޑައިގެންފި

ބ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ރައީސް ޑރ. މުހައްމަދު މުއިއްޒު ފުރާވަޑައިގެންފި އެވެ.

ރައީސް ބ. އަތޮޅަށް
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

11 އޯގަސްޓް 2025

ބ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ރައީސް ޑރ. މުހައްމަދު މުއިއްޒު ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ، ހަތަރު ދުވަހުގެ މި ދަތުރުފުޅުގައި އެ އަތޮޅުގެ 13 ރަށަކަށް އެ މަނިކުފާނު ވަޑައިގަންނަވާނެ ކަމަށެވެ.

މިއަދު ފުރަތަމަ ވަޑައިގަންވަނީ ބ. ކަމަދުއަށެވެ. އެ އަށް ފަހު ކުޑަރިކިއްޔާއި ކެންދޫގެ އިތުރުން އޭދަފުއްޓަށް މިއަދު ވަޑައިގަންނަވާނެ އެވެ. މިރޭގެ ޖަލްސާ އޮންނާނީ އޭދަފުށީގަ އެވެ.

އޭފަދުއްޓަށް ފަހު ފުޅަދޫ، ތުޅާދޫ، ދަރަވަންދޫ، ކިހާދޫ، ހިތާދޫ، ގޮއިދޫ، މާޅޮސް، ފެހެންދޫ އަދި ދޮންފަނަށް ވެސް ކުރިއަށް އޮތް ދުވަސްތަކުގައި ރައީސް މުއިއްޒު ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ދަތުރުފުޅުގައި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކާއި އެ ރަށްރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ރައީސް ބައްދަލުކުރަން ވަނީ ހަމަޖެހިފަ އެވެ.

އަދި މި ދަތުރުފުޅުގައި ރަށްރަށުގެ ތަރައްގީއަށްޓަކައި ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ބައެއް މަޝްރޫއުތައް ފައްޓަވައި ދެއްވުމާއި ނިމިފައިވާ ބައެއް މަޝްރޫއުތައް އިފުތިތާހު ކުރުން ވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނިގޮތުގައި، މިއީ، އެ މަނިކުފާނުގެ ވައުދާ އެއްގޮތަށް ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ހާލަތު ބެއްލެވުމަށާއި މި ރިޔާސީ ދައުރުގެ ތެރޭގައި ދެ ފަހަރު މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ޒިޔާރަތް ކުރެއްވުމަށް ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ސިލްސިލާކޮށް ކުރިއަށް ގެންދަވާ ދަތުރުފުޅެއް ކަމަށެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.

ރައީސް ބ. އަތޮޅުގެ ހުރިހާ ރަށަކަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލައްވައި، މާލެ ވަޑައިގަންނަވާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.

އެ މަނިކުފާނު އެންމެ ފަހުން ވަޑައިގަތީ މިދިޔަ ޖުލައި 21 ގައި ނ. އަތޮޅަށެވެ. އެ އަތޮޅުގެ 13 ރަށަކަށް އެ ފަހަރު ވެސް ވަޑައިގަތެވެ.