Roadha Mihaaru
ކައުންސިލަރުންގެ އަދަދު ވެސް މަދުކުރަނީ

ކައުންސިލަރުން މަދުކޮށް، އަތޮޅު ކައުންސިލް އެކުލެވޭ ގޮތް ބަދަލުކުރަނީ

07 ޖުލައި 2024

އަތޮޅު ތެރޭގެ ރަށްރަށުގެ ރަށު ކައުންސިލަރުންގެ އަދަދު މަދުކޮށް އަދި އަތޮޅު ކައުންސިލް އެކުލެވޭ ގޮތަށް ބަދަލުތަކެއް ގެންނަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އަތޮޅު ތެރޭގެ ރަށްރަށުގެ ރަށު ކައުންސިލަރުންގެ އަދަދު މަދުކޮށް އަދި އަތޮޅު ކައުންސިލް އެކުލެވޭ ގޮތަށް ބަދަލުތަކެއް ގެންނަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ލާ މަރުކަޒީ ނިޒާމުގެ ދަށުން އެކުލެވިފައިވާ ކައުންސިލްތައް މިހާރު އޮތީ ދައުލަތަށް ނުކަތާ ވަރަށް ބޮޑުކޮށް ކަމަށެވެ. އެގޮތުން، ގައުމެއް ހިންގުމަށް އެންމެ ރައީސަކު ހޮވާއިރު، 300 އެއްހާ މީހުން އުޅޭ ރަށެއް ތަމްސީލު ކުރުމަށް ހަތް ކައުންސިލަރުން ތިބުމަކީ ބަޖެޓުން ބޮޑު ހަރަދެއް ކައުންސިލްތައް ހިންގުމަށް ހިނގާނެ ކަމެއް ކަމަށާއި އެހެންވެ، ކައުންސިލްތައް އޮތް ގޮތް ބަދަލު ކުރަން އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ކައުންސިލްގެ ރައީސްގެ ގޮތުގައި އަދި އެ މަގާމަށް ހޮވާ މީހާ ރައްޔިތުން ބޭނުން ވާނަމަ ކުރީ ޒަމާނުގައި ކިޔާހެން ކަތީބު ކިޔާ ނަމަވެސް، ރައްޔިތުންގެ ފަރާތުން ހުންނަ ކައުންސިލްގެ ރައީސަކާއި ނައިބު ރައީސެއް ހޮވުމުން އާބާދީގައި ގޮތުން ކުދި ރަށްތަކަށް ފުދޭނެ،" ރައީސް ވިދާޅުވި އެވެ.

"ތަންކޮޅެއް ބޮޑެތި ރަށްތަކަށް އެއަށްވުރެ އަދަދު ބޮޑުކޮށްލިޔަސް، އަދި ސިޓީތަކަށް އެއަށް ވުރެ ތަންކޮޅެއް ބޮޑުކޮށްލި ކަމުގައި ވިޔަސް މިހާރަށް ވުރެ އެތައް ގުނައަކުން، ކައުންސިލްތަކުގެ ސައިޒު ކުޑަކުރުމަކީ ރައްޔިތުންނަށް އެންމެ ފައިދާހުރި ރައްޔިތުންގެ ވިންދާ ގުޅޭ ގޮތް." އެމަނިކުފާނު ވިދާޅުވި އެވެ.

މިރޭ ޕީއެންސީއާ އަލަށް ގުޅުނު މެމްބަރުންގެ ފޯމާ ރައީސް ހަވާލުވެ ވަޑައިގަންނަވަނީ --- މިހާރު ފޮޓޯ/ފަޔާޒް މޫސާ

މިރޭ ޕީއެންސީއާ އަލަށް ގުޅުނު މެމްބަރުންގެ ފޯމާ ރައީސް ހަވާލުވެ ވަޑައިގަންނަވަނީ --- މިހާރު ފޮޓޯ/ފަޔާޒް މޫސާ

އެކަން އެގޮތަށް ކުރެވިއްޖެ ނަމަ ދައުލަތުގެ ހަރަދުން ބޮޑު ބައެއް ސަލާމަތް ކުރެވޭނެ ކަމަށާއި އަދި އެ ފައިސާއިން ރައްޔިތުންނަށް ތަރައްގީ ގެނައުމަށް ގިނަ މަސައްކަތެއް ކުރެވޭނެ ކަން ވެސް ރައީސްގެ ފާހަގަ ކުރެއްވި އެވެ. އެގޮތުން ގެދޮރު ބިނާ ކުރުމަށާއި ސިއްހީ ފަރުވާ ދިނުމާއި ތައުލީމީ ދާއިރާއިން ތަރައްގީ ގެނައުމާއި މިސްކިތްތައް އެޅުމާއި އިޖުތިމާއީ އެތައް މަސައްކަތަކަށް އެ ފައިސާ ހޭދަ ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އަތޮޅު ކައުންސިލް މިހާރު އިންތިހާބު ކުރަނީ އެއްވެސް މާނައެއް ނެތް ގޮތަކަށެވެ.

"ކޮންމެ ކައުންސިލެއްގެ ރައީސް އަތޮޅު ކައުންސިލްގެ މެމްބަރަކަށް ހިމެނޭ. ދެން މި ހުންނަނީ އަތޮޅު ކައުންސިލްގެ ރައީސެއް. އަތޮޅު ކައުންސިލްގެ ބައްދަލުވުމެއް ގިނަ ފަހަރަށް އޮންލައިންކޮށް ނޫނީ ނުބޭއްވޭ ކައުންސިލްގެ ރައީސް ފިޒިކަލީ ހާޒިރުވާން ޖެހޭތީ." ރައީސް ވިދާޅުވި އެވެ.

އެހެންކަމުން، ރައްޔިތުންނަށް ފައިދާވާނެ ގޮތަށް ސައިޒުން ކުޑަ އަދި އޭގެ ނަތީޖާ ނެރެވޭ ކައުންސިލްތަކަށް ބަދަލު ކުރުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.