Roadha Mihaaru
ރައީސް، ހުރިހާ ކައުންސިލަކާ ބައްދަލުކުރައްވަނީ

ރާއްޖޭގެ ހުރިހާ ކައުންސިލަކާ އެއްމަސް ތެރޭގައި ރައީސް ބައްދަލުކުރައްވަނީ

08 ފެބުރުއަރީ 2024

ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވަޑައިގެން ހުރިހާ ރަށެއްގެ ކައުންސިލަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކާ ކުރިއަށް އޮތް އެ މަސްތެރޭގައި ބައްދަލުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވަޑައިގެން ހުރިހާ ރަށެއްގެ ކައުންސިލަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކާ ކުރިއަށް އޮތް އެ މަސްތެރޭގައި ބައްދަލުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކިނބިދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އަބަދުވެސް ބޭނުންވަނީ ރައްޔިތުންނާ ގާތުން މަސައްކަތްޕުޅު ކުރައްވަން ކަމަށެވެ.

މާލޭގެ މޭޔަރުގެ މަގާމު ފުރުއްވިއިރު ވެސް މަސައްކަތްޕުޅު ކުރެއްވީ އެގޮތަށް ކަމަށާއި ކުރިމަގުގައި ވެސް އުޅުއްވަން ބޭނުންފުޅުވަނީ އެ ގޮތަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑު ހުރި ތަނަށް ކައުންސިލުން އައިސްގެން ބައްދަލުކުރާކަށް ނޫން ބޭނުމީ. ކައުންސިލް އޮތް ތަނަށް އަޅުގަނޑު ދާން ބޭނުންވަނީ،" ރައީސް ވިިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީީ، އަންނަ ހަފުތާގައި ރާއްޖެ އިން ބޭރަށް ކުރައްވާ ދަތުރުފުޅަށް ފަހު އެނބުރި ވަޑައިގެން އަނެއްކާ ވެސް އަތޮޅުތެރެއަށް ދަތުރުފުޅު ފައްޓަވާނެ ކަމަށެވެ. އަމާޒަކީ ހުރިހާ ރަށަކަށް ވަޑައިނުގެންނެވުނަސް ހުރިހާ ރަށެއްގެ ކައުންސިލާއި އަތޮޅު ކައުންސިލްތަކުގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވުން ކަަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރަށު ކައުންސިލްތަކާ ބައްދަލުކުރައްވައި، ރައްޔިތުން ބޭނުންވާ ކަންކަން އައްސަަވައި ބޭނުންވާ ކަންކަން މަގުފަހިކޮށްދީ، ހިދުމަތްތައް ފަސޭހައިން ލިބޭނެ ގޮތަށް ކަންކަން ބައްޓަން ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އޭރުން މަހެއްހާ ދުވަސް ތެރޭގައި އަޅުގަނޑަށް އެ ބައްދަލުވަނީ ހުރިހާ ރައްޔިތުން ރިޕްރެޒެންޓް ކުރާ، ރަމްޒު ކޮށްދޭ ހުރިހާ މުއައްސަސާތަކާ ހުރިހާ ކައުންސިލްތަކާ. އޭރުން ގާތުން ރައްޔިތުންނަށް މަސައްކަތް ކުރުމުގެ ފަސޭހަކަން ލިބިގެން ދިޔައީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ތ. އަތޮޅަށް ރައީސް މި ކުރައްވާ ދަތުރުފުޅަކީ އެ މަނިކުފާނު އަތޮޅުތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުގައި މި އަތޮޅުގެ 10 ރަށަކަށް ވަޑައިގެންނެވިއިރު، ހުރިހާ ރަށެއްގެ ކައުންސިލަކާ އެ މަނިކުފާނު ވަނީ ބައްދަލުކުރައްވައިފަ އެވެ.