Roadha Mihaaru
"3،000ގެ އާބާދީއަކަށް ތިން ކައުންސިލަރުން ފުދޭ"

3،000 މީހުންގެ އާބާދީއެއް އުޅޭ ރަށަކަށް ތިން ކައުންސިލަރުން ހޮވީމާ ފުދޭނެ: ރައީސް

19 ޖުލައި 2024

އާބާދީގައި 3،000 އަށް ވުރެ މަދުން މީހުން ދިރިއުޅޭ ރަށަކަށް ތިން ކައުންސިލަރުން ހޮވުމުން ފުދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އާބާދީގައި 3،000 އަށް ވުރެ މަދުން މީހުން ދިރިއުޅޭ ރަށަކަށް ތިން ކައުންސިލަރުން ހޮވުމުން ފުދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓްރީގެ ނާރެސް ޕޯޓަލް އާއި ކުރަނގި އޮޕަރޭޝަންގެ ދެ ވަނަ ފޭސް އިފުތިތާހުކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ކައުންސިލުތަކުން ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ގިނަ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އެ ބަދަލުތައް ގެނައުމަށްޓަކައި ކަމާ ބެހޭ އިދާރާތަކުން މަސައްކަތްކުރަމުން އަންނަ ކަމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

އެއްކަމަށް އެ މަނިކުފާނު ފާހަގަކުރެއްވީ ކައުންސިލުތަކުގައި ތިބޭ ކައުންސިލަރުންގެ އަދަދު މަދުކުރުމެވެ.

"އަޅުގަނޑު ހިތުން 3،000 މީހުންނަށް ވުރެ ގިނަ ނޫން އާބާދީ އޮންނަ ރަށުގައި ތިން ބޭފުޅަކު އިންތިހާބުކުރީމަ ފުދޭނެ،" ރައީސް ވިދާޅުވި އެވެ.

"ކައުންސިލުގެ ރައީސަކާއި އަދި އިތުރު ދެ ބޭފުޅުން. އޭގެ ތެރެއިން އެއް ބޭފުޅަކީ އަންހެނުންގެ ފަރާތުން އިންތިހާބުކުރާ އަންހެނުންގެ ރައީސާއަކަށް ވުމާއި އަދި އެއް ބޭފުޅަކީ ޒުވާނުންގެ ފަރާތުން އިންތިހާބުކުރެވޭ ޒުވާނުންގެ ރައީސެއްގެ ގޮތުގައި ހުންނަ ބޭފުޅަކަށް ވެ، ތިން ބޭފުޅުން ތިބެ ކައުންސިލްގެ ރައީސްގެ ގޮތުގައި ހޮވާ މީހާގެ އިތުރަށް ދެން ހޮވާ ދެ ބޭފުޅުންގެ ތެރެއިން އެކަކު އެއީ ނައިބު ރައީސަކަށް ކަނޑައެޅިދާނެ."

މި އުސޫލަށް ބަދަލުކުރެއްވިއްޖެ ނަމަ ކައުންސިލްތަކާއި އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން ވެސް އޮންނާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ހޯމް މިނިސްޓްރީގެ ނާރެސް ޕޯޓަލް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އަދި ހޯމް މިނިސްޓަރު އަލީ އިހުސާން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހޯމް މިނިސްޓްރީގެ ނާރެސް ޕޯޓަލް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އަދި ހޯމް މިނިސްޓަރު އަލީ އިހުސާން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ރައީސް ވިދާޅުވި ގޮތުގައި، އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި މާލޭގައި ވެސް ކޮންމެ 3،000 މީހަކަށް ކައުންސިލަރެއް ހުރުން ރަނގަޅު ވާނެ އެވެ. އަދި 3،000 އާއި 10،000 ދެމެދުގެ އާބާދީއެއް އޮންނަ ރަށްރަށުގައި ފަސް ކައުންސިލަރުން ތިބުމުން ފުދޭނެ ކަމަށް ވިދާޅުވި އެވެ.

"އޭރަށް [ކައުސިލްތަކަށް] ލިބޭ ބަޖެޓުގެ ބޮޑު ބައެއް ކައުންސިލްގައި މަސައްކަތްކުރާ ސިވިލް ސާވަންޓުންނަށް ރަނގަޅު މުސާރައެއް ދެވޭ ގޮތަށް މިހާރަށް ވުރެ ވެސް ގިންތި ރަނގަޅު ކޮށްފައި ރަނގަޅު މުސާރައެއް ދެވޭ ގޮތަށް ބައްޓަން ކޮށްގެން ހިންގީމާ އަޅުގަނޑު ހިތުން ކައުންސިލްގެ ހުރިހާ މުވައްޒަފުން ވެސް އުފާވެރިކަމާ އެކީގައި ރަނގަޅު ހިދުމަތެއް ދެވޭނީ،" ރައީސް ވިދާޅުވި އެވެ.

ނަމަވެސް މި ކަންކަން ނިންމާނީ މިކަމާ ގުޅޭ ފަންނީ ދިރާސާތަކުގެ އަލީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އަދަދު ކުޑަކޮށްގެން އެ ދޭ ހިދުމަތް އަދި ރަނގަޅަށް ވެސް ދެވޭނެ،" ރައީސް ވިދާޅުވި އެވެ.

ހިދުމަތް ދެވޭ ގޮތް ފުރިހަމަ ކުރަން މި ޖެހެނީ. ހިދުމަތް ދިނުމުގައި އިހުލާސްތެރިވާން މި ޖެހެނީ. ހިދުމަތް ދިނުމުގައި ތެދުވެރިވާން މި ޖެހެނީ، ހީވާގި ވާން މި ޖެހެނީ. އެކަން ކުރާކަށް ބައިބޯކުރާކަށް ނުޖެހޭ: ރައީސް

"ހިދުމަތް ދެވޭ ގޮތް ފުރިހަމަ ކުރަން މި ޖެހެނީ. ހިދުމަތް ދިނުމުގައި އިހުލާސްތެރިވާން މި ޖެހެނީ. ހިދުމަތް ދިނުމުގައި ތެދުވެރިވާން މި ޖެހެނީ، ހީވާގި ވާން މި ޖެހެނީ. އެކަން ކުރާކަށް ބައިބޯކުރާކަށް ނުޖެހޭ."

ރަށު ކައުންސިލަރުންގެ އަދަދު މަދުކޮށް އަދި އަތޮޅު ކައުންސިލް އެކުލެވޭ ގޮތަށް ބަދަލުތަކެއް ގެންނަވާނެ ކަން ރައީސް އެންމެ ފުރަތަމަ އިއުލާންކުރެއްވީ މި މަހުގެ ކުރީކޮޅުގަ އެވެ. އެކަން އެގޮތަށް ކުރެވިއްޖެ ނަމަ ދައުލަތުގެ ހަރަދުން ބޮޑު ބައެއް ސަލާމަތް ކުރެވޭނެ ކަމަށާއި އެ ފައިސާއިން ރައްޔިތުންނަށް ތަރައްގީ ގެނައުމަށް ގިނަ މަސައްކަތެއް ކުރެވޭނެ ކަން ވެސް އެ މަނިކުފާނު އޭރު ވިދާޅުވެފައިވެ އެވެ.

މިރޭގެ ރަސްމިއްޔާޔުގައި ރައީސް ވިދާޅުވީ ކައުންސިލްތައް ބާރުވެރިކުރުމަށްޓަކައި މި ސަރުކާރުން ވަރަށް ގިނަ ކަންކަން ކުރަން ރާވާފައިވާ ކަމަށެވެ. ޓޫރިޒަމްގެ ދާއިރާ އިން ރާއްޖެ އަށް ލިބޭ އާމްދަނީ އިން ވަކި ޕަސެންޓެއް ކައުންސިލްތަކުގެ ބަޖެޓަށް ޖަމާކުރަން އެ މަނިކުފާނުގެ ވައުދާ އެއްގޮތަށް ނިންމެވި ނިންމެވުން ލަސްތަކެއް ނުވެ ތަންފީޒުކުރަން ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.