Roadha Mihaaru
ބަޖެޓް ޕްލޭން ކުރަން ކައުންސިލްތަކަށް އެއް މަސް ދެނީ

ބަޖެޓް ޕްލޭން ކުރުމަށް ކައުންސިލްތަކަށް އެއް މަސް ދެނީ

21 ނޮވެމްބަރ 2019

ރައްޔިތުންގެ މަޖިލީހުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ފާސްކުރާތާ އެއް މަސް ދުވަހުގެ ތެރޭގައި ކައުންސިލްތަކުގެ ބަޖެޓު ޕްލޭން ތައްޔާރުކޮށް، ފިނޭންސް މިނިސްޓްރީއާ ހިއްސާކުރަން ޖެހޭ ގޮތަށް ބަޖެޓާ ގުޅޭ ހާއްސަ ރެކޮމެންޑޭޝަނެއް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީން ފާސްކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރައްޔިތުންގެ މަޖިލީހުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ފާސްކުރާތާ އެއް މަސް ދުވަހުގެ ތެރޭގައި ކައުންސިލްތަކުގެ ބަޖެޓު ޕްލޭން ތައްޔާރުކޮށް، ފިނޭންސް މިނިސްޓްރީއާ ހިއްސާކުރަން ޖެހޭ ގޮތަށް ބަޖެޓާ ގުޅޭ ހާއްސަ ރެކޮމެންޑޭޝަނެއް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީން ފާސްކޮށްފި އެވެ.

މި ރެކޮމެންޑޭޝަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ނިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ އެވެ. އެ ރެކޮމެންޑޭޝަނުގައި ތިން ކަމެއް ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ކައުންސިލްތަކަށް ބަޖެޓުގައި ކަނޑައަޅާފައިވާ އާމްދަނީ ބޭނުންކުރުމާ ގުޅޭ އުސޫލެއް އެކުލަވާލުން ހިމެނެ އެވެ. ދެވަނަ ކަމެއްގެ ގޮތުގައި ކައުންސިލްތަކަށް ލިބޭ އާމްދަނީ ހަރަދުކުރާ ގޮތުގެ ޕްލޭނެއް އެކުލަވާލައި އެކަން ފިނޭންސް މިނިސްޓްރީއާ ހިއްސާކުރަން ޖެހޭ ކަމަށް ކަނޑައަޅާފައިވެ އެވެ. މިކަންކަން ބަޖެޓު ފާސްކުރާތާ އެއް މަސް ދުވަހުގެ ތެރޭގައި ކުރަންޖެހޭނެ ކަމަށް ކޮމިޓީން ފާސްކޮށްފައިވެ އެވެ.

ތިން ވަނަ ކަމެއްގެ ގޮތުގައި ލޯކަލް ކައުންސިލްތަކަށް ލިބޭ ޖުމްލަ އާމްދަނީ ބޭނުންކުރާނެ ގޮތުގެ ބަޖެޓު ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލާ އެއްގޮތަށް ތައްޔާރު ކުރުމަށްފަހު ކައުންސިލްތަކުން ކުރާ ހޭދަތައް ފިނޭންސް މިނިސްޓްރީން މޮނީޓާކުރަން ޖެހޭނެ ކަމަށް ކޮމިޓީގެ ރެކޮމަންޑޭޝަނުގައި ބުނެ އެވެ.

ރޭ އިރާކޮޅު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީގައި މެންބަރުން ވަނީ ޕީއެސްއައިޕީ ބަޖެޓާއި ކައުންސިލްތަކަށް ކަނޑައަޅާފައިވާ ބަޖެޓުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ. ގާތްގަނޑަކަށް ތިން ގަޑިއިރަށް ދެމިގެންދިޔަ މި މަޝްވަރާތަކުގައި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވަނީ ކައުންސިލްތަކުގެ ބަޖެޓަށް ބަދަލުތަކެއް ގެނެސްފައިވާ އިރު އެކަންކަން ފިނޭންސް މިނިސްޓްރީން އޮޅުން ފިލުވަދޭން އެދިވަޑައިގެންފަ އެވެ.

"އެހެން ނޫނީ އެހެން ރަށްރަށަކަށް އިންސާފުވެރިއެއް ނޫން. ހަތްސަތޭކަ އަށް ނުވަތަ 800 ހިމެނޭ އާބާދީއެއްގެ ކައުންސިލަށް މި އަދަދުތައް އައީ ކީއްވެގެންތޯ އޮޅުންފިލަން ޖެހޭ. އަޅުގަނޑަށް ފެންނަނީ މިނިސްޓަރުގެ އަރިހުން ބޮޑަށް ސާފުކޮށްލަން ކޮން ގޮތަކަށްތޯ އާބާދީ ބެހިފައި ވަނީ،" އޭނާ ވިދާޅުވި އެވެ.

އަފީފު މިހެން ވިދާޅުވި ނަމަވެސް ކޮމިޓީ އަށް ހާޒިވެވަޑައިގެންނެވި އިތުރު އެއްވެސް މެންބަރަކު މިކަމަށް ތާއީދުކުރައްވައިފައެއް ނުވެ އެވެ. އެހެންކަމުން އެކަން ފާސްވާގޮތެއް ނުވި އެވެ. މިކަމާ ގުޅޭ ގޮތުން ދާންދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔައުގޫބް ވިދާޅުވީ، ކައުންސިލްތަކަށް ބަޖެޓު ބެހުމުގައި ބަލާފައިވަނީ ރަށްރަށުގެ އާބާދީ އަށް ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ އަމީރު ވިދާޅުވި ކަމަށެވެ. އަދި އެކަން ބަލާފައިވަނީ 2014 ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކަށް ބަލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ކުރީ އަހަރުތަކުގައި ޕީއެސްއައިޕީ ބަޖެޓާ ގުޅޭ ގޮތުން މަޝްވަރާތައް ކުރާ އިރު، ފިނޭންސް މިނިސްޓަރުން ހާޒިރު ކުރާ ނަމަވެސް، މި އަހަރު ބަޖެޓް ކޮމިޓީގައި އެކަމާ ގުޅޭ މަޝްވަރާތައް ކުރީ މިނިސްޓަރު ހާޒިރު ނުކޮށެވެ.