Roadha Mihaaru
ކައުންސިލް އިދާރާ އަޅާ ރަށްތައް ކަނޑައަޅާ މިންގަނޑެއް

ކައުންސިލް އިދާރާތައް އަޅާ ރަށްތައް ކަނޑައަޅާނެ މިންގަނޑު އާންމުކޮށްފި

21 މާޗް 2024

ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހު އިއުލާނު ކުރެއްވި ގޮތަށް 50 ރަށެއްގައި ކައުންސިލް އިދާރާ އިމާރާތް ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ރަށްތައް ކަނޑައަޅާނެ ގޮތުގެ މިންގަނޑެއް ލޯކަލް ގަވަމަންޓް މިނިސްޓްރީން އާންމުކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހު އިއުލާނު ކުރެއްވި ގޮތަށް 50 ރަށެއްގައި ކައުންސިލް އިދާރާ އިމާރާތް ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ރަށްތައް ކަނޑައަޅާނެ ގޮތުގެ މިންގަނޑެއް ލޯކަލް ގަވަމަންޓް މިނިސްޓްރީން އާންމުކޮށްފި އެވެ.

ރައީސް މިދިޔަ މަހު ރާއްޖޭގެ އުތުރަށް ކުރެއްވި ދަތުރުފުޅުގައި ހދ. މަކުނުދޫގައި ބޭއްވި ޖަލްސާގައި ވިދާޅުވީ، ގިނަ ރަށްރަށުގައި އަދިވެސް ކައުންސިލް އިދާރާ ހިންގަމުން އަންނަނީ ވަރަށް ބާ އިމާރާތްތަކުގައިކަން ރަށްރަށުގެ ކައުންސިލްތަކާ ވެސް ބައްދަލުކުރެއްވުމަށް ކުރެއްވި އެ ދަތުރުފުޅުގައި ފާހަގަވި ކަމަށެވެ.

އެހެންވެ، ރައީސް ވިދާޅުވީ ކައުންސިލްތަކުގެ އިދާރާތައް ހިންގުމަށް އޮފީސް އިމާރާތް އެޅުމުގެ ބޮޑު މަޝްރޫއެއް މި އަހަރުގެ ތެރޭގައި ފައްޓަވާނެ ކަމަށެވެ. އެއީ ބަޖެޓުގައި ނެތް މަޝްރޫއަކަށް ވާތީ، އެ މަސައްކަތް ކުރާނީ އިންވެސްޓާ ފައިނޭންސިން މޮޑެލްގެ ދަށުން ފައިސާ ހޯދައިގެން ކަމަށް ރައީސް ވިދާޅުވި އެވެ.

"މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 50 ރަށެއްގައި ރަށު ކައުންސިލް އޮފީސް އަޅުގަނޑުމެން ގާއިމްކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ލޯކަލް ގަވަމަންޓް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ވަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އިމާރާތް ކުރާ 50 ކައުންސިލު އިދާރާ ކަނޑައެޅުމުގައި ބޭނުންކުރާނެ މިންގަނޑުތަކާއި މާކްސް ދެވޭނެ ގޮތް އާންމުކޮށްފަ އެވެ.

ރަށުގެ އާބާދީ، ކައުންސިލުގެ ވަސީލަތް އަދި މިހާރު އިމާރާތް ހުރި ހާލަތަށް ބަލައި ކޮންމެ ބަޔަކަށް ގިނަވެގެން 20 މާކްސް ވަނީ ކަނޑައަޅައިފަ އެވެ. ކައުންސިލަރުންނާއި އިދާރީ މުވައްޒަފުން އަދި އަންހެނުންގެ ކޮމިޓީ މަސައްކަތް ކުރާނެ ޖާގައަށް ކޮންމެ ބަޔަކަށް ވަކިން ގިނަވަގެން 10 މާކްސް ދޭން ވަނީ ހިމަނައިފަ އެވެ.

ކޮންމެ އަހަރެއްގައި އެންމެ ރަނގަޅަށް މަސައްކަތްކުރާ ކައުންސިލަކަށް އެލްޖީއޭއިން ދެމުން އަންނަ ކަންގަތި އެވޯޑު ލިބިފައިވާ ކައުންސިލުތަކަށް އިތުރު 10 މާކްސް ދޭނެ އެވެ.

މި މިންގަނޑާއި މާކްސް ދޭ ގޮތާ މެދު ހިޔާލެއް އޮތް ނަމަ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 1:00 އާ ހަމައަށް ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.