Roadha Mihaaru

ދައުލަތުގެ ބަޖެޓު އަރަނީގައި ހިފަހައްޓާތާ ހަތް މަސް

މި އަހަރުގެ ފުރަތަމަ ހަތް މަސް ދުވަސް ނިމުނުއިރު، ދައުލަތުގެ ބަޖެޓު އަދިވެސް ސާޕްލަސް ނުވަތަ އަރަނީގައި ހިފެހެއްޓިފައިވާކަން ދައުލަތުގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.

ދައުލަތުގެ ބަޖެޓު އަރަނީގައި ހިފަހައްޓާތާ ހަތް މަސް

މި އަހަރުގެ ފުރަތަމަ ހަތް މަސް ދުވަސް ނިމުނުއިރު، ދައުލަތުގެ ބަޖެޓު އަދިވެސް ސާޕްލަސް ނުވަތަ އަރަނީގައި ހިފެހެއްޓިފައިވާކަން ދައުލަތުގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރާ މާލީ ހިސާބުތައް ދައްކާ ގޮތުން، ނިމުނު ޖުލައި މަހުގެ ނިޔަލަށް، ދައުލަތުގެ ހަރަދުތައް މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 17.4 ޕަސަންޓުން ދަށްކޮށް، ދައުލަތުގެ ބަޖެޓުގެ އޯވައޯލް ބެލެންސް ވަނީ 314.3 މިލިއަން ރުފިޔާގެ ސާޕްލަސްއެއްގައި ދަމަހައްޓައިފަ އެވެ.

މިގޮތުން ބަލާއިރު، މިދިޔަ އަހަރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ތެރޭގައި ދައުލަތުގެ ބަޖެޓުގެ އޯވައޯލް ބެލެންސް ހުރީ 6.4 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގަ އެވެ. އަދި އޭގެ ކުރިން، 2023 ވަނަ އަހަރުގެ އެ މުއްދަތުގައި ދައުލަތުގެ ބަޖެޓުގެ އޯވައޯލް ބެލެންސްވެސް ހުރީ 4.2 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގަ އެވެ.

ދައުލަތުން ތަންފީޒު ކުރަމުންދާ ހަރަދު ކުޑަކުރުމުގެ ސިޔާސަތުތަކުގެ ދަށުން، މިދިޔަ ހަފުތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ކޮށްފައިވާ ހަރަދުތައް ވަނީ ކުޑަކޮށްފަ އެވެ.

ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 21.9 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ހަރަދާ އަޅައިބަލާއިރު 17.4 ޕަސަންޓު ދަށް އަދަދެކެވެ. އެގޮތުން، ދައުލަތުގެ ރިކަރަންޓް ހަރަދު 2.2 ޕަސެންޓުން ދަށްވެފައިވާއިރު، ކެޕިޓަލް ހަރަދު ވަނީ 60.8 ޕަސެންޓުން ދަށްވެފަ އެވެ.

ރިކަރަންޓް ހަރަދުގެ 56.2 ޕަސެންޓު ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ ކަންކަމަށް ހޭދަކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 7.3 ޕަސެންޓު ދަށް އަދަދެކެވެ. އެގޮތުން އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެތީގެ ހަރަދު 20 ޕަސެންޓުން ދަށްވެފައިވާއިރު، މަރާމާތުކުރުމާއި މެއިންޓެނަންސްގެ ހަރަދު ވަނީ 20.1 ޕަސެންޓުން ދަށްވެފަ އެވެ. އަދި، ދައުލަތުގެ ބަޖެޓުން ދަތުރުފަތުރުކުރުމަށް ކުރެވޭ ހޭދަ ވަނީ، 2024 އާ އަޅައިބަލާއިރު 5.1 ޕަސެންޓުން ދަށްވެފަ އެވެ. މީގެއިތުރުން، ދައުލަތުން ފޯރުކޮށްދޭ އެކި އެހީ އަދި ސަބްސިޑީތަކަށް ކުރެވުނު ހޭދަ މިދިޔަ އަހަރާ އަޅައިބަލާއިރު 10.7 ޕަސެންޓުން ދަށްވެފައި ވެ އެވެ.

ދައުލަތުގެ ޖުމްލަ ހަރަދުން އެންމެ ބޮޑު އަދަދެއް ސަލާމަތް ކުރި، ކެޕިޓަލް ހަރަދުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވަނީ 2.7 ބިލިއަން ރުފިޔާ އެވެ.

މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)އަށް 12.4 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާއިރު، މި އަހަރުގެ މިހާތަނަށް މިފަދަ ޕްރޮގްރާމްތަކަށް ހޭދަކޮށްފައިވަނީ 3.4 ބިލިއަން ރުފިޔާ އެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ހިނގާފައިވާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ހަރަދުގެ ބޮޑު ބައެއް، ބިން ހިއްކުމާއި މަގު ހެދުމުގައި މަޝްރޫއުތަކަށް ހޭދަކޮށްފައިވިޔަސް، މި އަހަރު ހަރަދުގެ ބޮޑު ބައެއް ހިއްސާކުރަނީ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމާ ގުޅޭ ތަފާތު އެކި މަޝްރޫއުތަކަށެވެ.

އެގޮތުން މިފަދަ މަޝްރޫއުތަކަށް ޖުމުލަ 2.2 ބިލިއަން ރުފިޔާ މި އަހަރުގެ ތެރޭގައި ވަނީ ހަރަދުކޮށްފަ އެވެ. މީގެ އިތުރުން ބޯހިޔާވަހިކަމުގެ އެކިއެކި މަޝްރޫއުތަކަށް 114.6 މިލިއަން ރުފިޔާ ވަނީ އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހުގެ ތެރޭގައި ހޭދަކޮށްފަ އެވެ.