Roadha Mihaaru

ހަމާސް އިން ހަމަލާތައް ހުއްޓަން ބޭނުން ނުވާ ކަމަށް ޓްރަމްޕް ވިދާޅުވުމުން ރައްދު ދީފި

ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް ހަމާސް އިން ހަގީގަތުގައި ބޭނުން ނުވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވުމުން އެ ވާހަކައަށް ހަމާސް އިން ރައްދު ދީފި އެވެ.

ހަމާސް އިން ޓްރަމްޕުގެ ވާހަކައަށް ރައްދު ދީފި

ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް ހަމާސް އިން ހަގީގަތުގައި ބޭނުން ނުވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވުމުން އެ ވާހަކައަށް ހަމާސް އިން ރައްދު ދީފި އެވެ.

ޓްރަމްޕް މިހެން ވިދާޅުވީ ގާތްގަނޑަކަށް ތިން ހަފުތާވަންދެން ގަތަރުގައި ހަމާސް ޖަމާއަތާ އެކު އިޒްރޭލާއި އެމެރިކާ އިން ނުސީދާކޮށް ކުރިއަށް ގެންދިޔަ މަޝްވަރާތަކުން ނަތީޖާއެއް ނުނެރެވި ހުއްޓާލިތާ އެއް ދުވަސް ފަހުންނެވެ.

"ޓްރަމްޕުގެ ވާހަކަތަކުން ލިބުނީ ހައިރާންކަމެއް. އަދި ހާއްސަކޮށް، މަޝްވަރާގެ މުހިންމު ބައެއް ކަންކަމުގައި ކުރިއެރުންތައް ލިބެމުން ދަނިކޮށް މިފަދަ ވާހަކައެއް ދެއްކެވެމުން،" ހަމާސްގެ އޮފިޝަލް ތާހިރުލް ނޫރު އޭއެފްޕީއަށް ވިދާޅުވި އެވެ.

"ނުސީދާ ކޮށް ކުރިއަށް ގެންދާ، ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުގައި މަޝްވަރާ ކުރަމުންދާ ފައިލްތަކާ ގުޅޭ އެއްވެސް މައްސަލައެއް މިހާތަނަށް އަޅުގަނޑުމެންނަށް އަންގާފައެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޝްވަރާތަކުގައި ކުރިއެރުން ލިބެމުން ދަނިކޮށް އިޒްރޭލާއި އެމެރިކާގެ އޮފިޝަލުން މަޝްވަރާތައް މެދުކަނޑާލައި ވަޑައިގެންފައި ވާތީ ހައިރާންވާ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޓްރަމްޕްގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޯފް ވަނީ އެމެރިކާގެ މެދުވެރިން އަނބުރާ ގައުމަށް ގެންދާކަން އިއުލާނު ކުރައްވައި ހަމާސް އިން "ހެޔޮ ނިޔަތުގައި އަމަލު ނުކުރާ" ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.

ހަމާސްގެ މަޝްވަރާ ޓީމުގައި ހިމެނިވަޑައިނުގެންނެވި ނަމަވެސް ހަމާސްގެ ޕޮލިޓްބިއުރޯގެ މެމްބަރެއް ކަމަށްވާ އިއްޒަތު އަލް ރިޝްގު ވިދާޅުވީ އެ މަޝްވަރާތަކުގައި އެ ޖަމާއަތުން "ދޫދެމުން" އަންނަ ކަމަށެވެ.

"އެމެރިކާގެ ބަޔާނުގައި ވަނީ އެއްބަސްވުންތަކަށް ހުރިހާ ހުރަހެއް ކުރިމަތިކުރި ފަރާތް ގަސްތުގައި ހަނދާން ނައްތާލާފައި. އެއީ ނަތަންޔާހޫގެ ސަރުކާރު،" އޭނާ ވިދާޅުވި އެވެ.

ހަމާސްގެ ދެ އޮފިޝަލުން ވެސް ވަނީ 21 މަހަށް ވުރެ ގިނަ ދުވަސް ވެފައިވާ ހަމަލާތައް ހުއްޓުމަކަށް ގެނައުމުގައި އިންސާފުވެރިކަމާ އެކު މަސައްކަތްކުރުމަށް އެމެރިކާއަށް ގޮވާލައްވައިފަ އެވެ. -- އޭއެފްޕީ