Roadha Mihaaru

ރާއްޖެ އިން އިންޑިއާ އެކު އެފްޓީއޭގެ މަޝްވަރާތައް ފަށަނީ

ރާއްޖެ އާއި އިންޑިއާއާ ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އާއި އިންވެސްޓްމެންޓް ޓްރީޓީއެއްގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އިން އިންޑިއާއެކު އެފްޓީއޭގެ މަޝްވަރާތައް ފަށަނީ
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

22 ޖުލައި 2025

ރާއްޖެ އާއި އިންޑިއާއާ ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އާއި އިންވެސްޓްމެންޓް ޓްރީޓީއެއްގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީ އަންނަ ހޮނިހިރު ދުވަހު ކުރައްވާ ފުރަމާނަ ދަތުރުފުޅާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ވިކްރަމް ވިދާޅުވީ، އެ ދަތުރުފުޅުގައި މުހިއްމު ގިނަ ދާއިރާތަކުން މަޝްވަރާތައްކޮށް ގުޅުން ބަދަހި ކުރުމަށް ރާވާފައިވާ ކަމަށެވެ.

މޯދީ ރާއްޖެ އަށް ވަޑައިގަންނަވަނީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ އެންމެ ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ކަމަށް އިންޑިއާގެ ސަރުކާރުން ވަނީ ބުނެފަ އެވެ. ނަމަވެސް މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމުގެ ކުރިން އަންނަ ހޮނިހިރު ދުވަހު މޯދީ ފުރާވަޑައިގަންނަވާނެ އެވެ. މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ބާއްވަން ނިންމާފައި ވަނީ ހޮނިހިރު ދުވަހުގެ ހެނދުނު އެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު އެފްޓީއޭގެ މަޝްވަރާތައް ކުރައްވާ ކަމަށް އިންޑިއާ ސަރުކާރުން ހާމަކުރިއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެސް ވަނީ ދެ ގައުމުގެ މެދުގައި ވިޔަފާރީގެ ހާއްސަ އެއްބަސްވުމެއް އެކުލަވައިލުމުގެ މަސައްކަތްތައް ފަށައިފަ އެވެ.

މޯދީގެ ދަތުރުފުޅުގައި މުހިއްމު ދާއިރާތަކުން އިންވެސްޓްމެންޓް ފުރުސަތުތަކާ ގުޅޭ މަޝްވަރާތައް ކުރަން ރާވާފައިވާ ކަމަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިއަދު ވިދާޅުވި އެވެ. އެގޮތުން އިޔާދަކުރަނިވި ހަކަތަ އާއި މަސްވެރިކަމުގެ ދާއިރާ އިން އާއި އުމްރާނީ ދާއިރާއާ ގުޅޭ މަޝްވަރާތައް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވިކްރަމް ވިދާޅުވީ، ދެ ގައުމުގެ ވިޔަފާރީގެ އިންވެސްޓްމެންޓްގެ އަގު 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) އަށް އަރާ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އާ ދާއިރާތަކުން އިތުރު ވިޔަފާރީގެ މުއާމަލާތްތައް ފެށުމަށް ޕްލޭން ކޮށްފައިވެ އެވެ.

އޭނާ ވިދާޅުވިގޮތުގައި، އިންޑިއާ އިން އިސްނަގައިގެން ހިންގާ މީހުން ބިނާކުރުމާއި ތަމްރީން ޕްރޮގްރާމުތަކުގެ އެންމެ ބޮޑު ފައިދާއެއް ލިބޭ އެއް ގައުމަކީ ރާއްޖެ އެވެ.

"ކުރިއަށް އޮތްތަނުގައި ވެސް ކެޕޭސިޓީ ބިލްޑިން ދާއިރާއިން އިތުރު ޕްރޮގްރާމުތައް ކުރިއަށް ގެންދާނަން. އަދި ކަނޑުގެ ސަރަަހައްދު ބެލެހެއްޓުމުގައި އިތުރަށް އެހީތެރިކަން ފޯރުކޮށްދޭން ވަނީ ނިންމާފައި. އޭގެ ތެރޭގައި އިތުރު ބޯޓުތަކާއި އެސެޓުތައް ދިނުމަށް ވަނީ ނިންމާފައި،" ވިކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މޯދީގެ ދަތުރުފުޅުގައި ރާއްޖޭގެ އުމްރާނީ ތަރައްގީގެ އިތުރު މަޝްރޫއުތައް އިއުލާނު ކުރާނެ ކަމަށެވެ. އަދި އެ ދަތުރުފުޅާ އެކު، ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދޭނެ ކަމުގެ އުންމީދު ބޮޑުވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.