Roadha Mihaaru

އަމާޒަކީ އެސްއެމްއީތަކަށް ވިއްކާ ޑޮލަރު 50 ޕަސެންޓަށް އިތުރުކުރުން: އެމްއެމްއޭ

ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ބޭންކުތަކަށް ޑޮލަރު މާރުކުރަން ފެށި ފަހުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 364 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާ ކަމަށާއި އަމާޒަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވިއްކާ ޑޮލަރުގެ އަދަދު 50 ޕަސެންޓަށް އިތުރުކުރުން ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން މިއަދު ބުނެފި އެވެ.

އެސްއެމްއީއަށް ދޭ ޑޮލަރު 50 ޕަސެންޓަށް އިތުރުކުރަނީ
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

17 ޖުލައި 2025

ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ބޭންކުތަކަށް ޑޮލަރު މާރުކުރަން ފެށި ފަހުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 364 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާ ކަމަށާއި އަމާޒަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވިއްކާ ޑޮލަރުގެ އަދަދު 50 ޕަސެންޓަށް އިތުރުކުރުން ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން މިއަދު ބުނެފި އެވެ.

އެ އިދާރާ އިން ބުނީ، ވިޔަފާރިތަކުން މާރުކުރާ ޑޮލަރުގެ އަދަދު މިދިޔަ އަހަރުގެ ހަ މަސް ތެރޭ މާރުކުރި އަދަދު 14 ޕަސެންޓަށް އިތުރުވެފައިވާ ކަމަށެވެ.

އެމްއެމްއޭ އިން ބުނީ، ޑޮލަރުގެ މައްސަލައަށް ހައްލެއް ހޯދުމަށް އެ އިދާރާއިން އެޅި ފިޔަވަޅުތަކުގެ ސަބަބުން، ވިޔަފާރިތަކަށް ޑޮލަރު ވިއްކާ ވަރު އިތުރުކުރަމުން އަންނަ ކަމަށެވެ.

"ފޮރިން އެކްސްޗޭންޖް ގާނޫނަށް ގެނައި ބަދަލާ އެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކް މެދުވެރިކޮށް ވިއްކާ ޑޮލަރު އިންސައްތަ މިހާރު އުޅޭނީ 30 ޕަސެންޓުގައި. ނަމަވެސް އަމާޒަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭންކްތައް މެދުވެރިކޮށް ދޭ އަދަދު 50 ޕަސެންޓަށް ބޮޑުކުރުން،" އެމްއެމްއޭ އިން ބުންޏެވެ.

އެމްއެމްއޭ އިން ބުނީ، މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން އެ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ސަރުކާރުގެ ބޭރުގެ ދަރަނި ދައްކަން 88 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާ ކަމަށެވެ. އަދި މިއަހަރު ދަރަނި އަދާކުރުމަށް 174 މިލިއަން ޑޮލަރު ހަރަދު ކުރި ކަމަށެވެ. އެހެންވެ، ދަރަނި އަދާކުރުމަށް ޑޮލަރުން ކުރި ހޭދަ ވަނީ 51 ޕަސެންޓް އިތުރުވެފަ އެވެ. އެއީ އެމްއެމްއޭގެ ރިޒާވަށް ކުރިމަތިވި އިތުރު ޕްރެޝަރެކެވެ.

އެކަމަކު މިދިޔަ ޖޫން މަސް ނިމުނު އިރު ރަސްމީ ރިޒާވްގައި އޭގެ ކުރީ މަހު ހުރި ވަރާ އަޅާބަލާއިރު ދެ ޕަސެންޓް އިތުރުވެ 832 މިލިއަން ޑޮލަރަށް ވަނީ އަރައިފަ އެވެ.

ޑޮލަރުގެ މުހިއްމު ހިސާބުތައް:

● ޖޫން މަހުގެ ނިޔަލަށް ބޭންކްތަކަށް މާރުކުރި އަދަދު: 364 މިލިއަން ޑޮލަރު

● މިއަހަރު ދަރަނި އަދާކުރަން ހޭދަކުރި ވަރު: 174 މިލިއަން ޑޮލަރު

● މިދިޔަ އަހަރު ދަރަނި އަދާކުރަން ކުރި ހޭދަ: 88 މިލިއަން ޑޮލަރު

މަރުކަޒީ ބޭންކުން ބުނީ، ބޭރު ފައިސާގެ އާމްދަނީގެ ގޮތުގައި ރާއްޖޭގެ ބޭންކިން ނިޒާމަށް އެތެރެވާ އަދަދުގެ ތެރެއިން ރާއްޖޭގެ ބޭންކްތަކަށް މާރުކުރުވޭ މިންވަރު ވޭތުވެދިޔަ ހަތަރު އަހަރު ވެސް ހުރީ ގާތްގަނޑަކަށް 10 ޕަސެންޓުގައި ކަމަށެވެ. އެކަމަކު ބޭރު ފައިސާއާ ބެހޭ ގާނޫނަށް އަމަލު ކުރަން ފެށުމުން މިއަހަރުގެ މިހާތަނަށް 21 ޕަސެންޓަށް އިތުރުވެފައިވަ ކަމަށެވެ.

މިދިޔަ އަހަރު ވެސް މަރުކަޒީ ބޭންކުން ވަނީ ރާއްޖޭގެ ބާޒާރަށް 998 މިލިއަން ޑޮލަރު އިންޖެކްޓްކޮށްފަ އެވެ. އޭގެ ތެރެއިން ބޭންކްތަކަށް 346 މިލިއަން ޑޮލަރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 652 މިލިއަން ރުފިޔާ ފޯރުކޮށްދީފައިވެ އެވެ. އެއީ 2023 ވަނަ އަހަރަށް ވުރެ އެއް ޕަސެންޓް އިތުރު އަދަދެކެވެ.