Roadha Mihaaru

ދައުލަތުގެ ރިޒާވް ހަތް ޕަސެންޓަށް ދަށަށް

މިދިޔަ ޖުލައި މަހު ރިޒާވް ހަތް ޕަސެންޓަށް ދަށްވެ، ޖުމްލަ ރިޒާވްގެ އަދަދު 775 މިލިއަން ޑޮލަރަށް އަރައިފި އެވެ.

ދައުލަތުގެ ރިޒާވް ހަތް ޕަސެންޓަށް ދަށަށް
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

19 އޯގަސްޓް 2025

މިދިޔަ ޖުލައި މަހު ރިޒާވް ހަތް ޕަސެންޓަށް ދަށްވެ، ޖުމްލަ ރިޒާވްގެ އަދަދު 775 މިލިއަން ޑޮލަރަށް އަރައިފި އެވެ.

މަރުކަޒީ ބޭންކު، އެމްއެމްއޭ އިން އާންމުކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ ޖޫން މަހުގެ ރިޒާވްގައި ހުރީ 832 މިލިއަން ޑޮލަރެވެ. އެހެންވެ، އެއީ 57 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ.

މި އަހަރުގެ މިދިޔަ ހަތް މަހު އެވްރެޖުކޮށް ރިޒާވްގައި 800-700 މިލިއަން ޑޮލަރު ހުއްޓެވެ.

ރަސްމީ ރިޒާވްގެ އިތުރުން ޔޫޒަބަލް ރިޒާވްގައި މިދިޔަ މަހު ހުރީ 213 މިލިއަން ޑޮލަރެވެ. އޭގެ ކުރީ މަހު އެ އަދަދު ހުރީ 203 މިލިއަން ޑޮލަރުގަ އެވެ.

ދައުލަތުގެ ދަރަނި އަދާކުރުމަށް މިދިޔަ ޖުލައި މަހުގެ ނިޔަލަށް ދައުލަތުގެ ރިޒާވުން 213 މިލިއަން ޑޮލަރު (3.3 ބިލިއަން ރުފިޔާ) ބޭނުންކުރި ކަމަށް އެމްއެމްއޭ އިން ބުންޏެވެ. އެ އިދާރާ އިން ބުނި ގޮތުގައި ދަރަނި އަދާކުރުމަށް މި އަހަރު ހޭދަކުރި އަދަދަކީ މިދިޔަ އަހަރަށް ވުރެ 60 ޕަސެންޓު އިތުރު އަދަދެކެވެ.

އެމްއެމްއޭ އިން ބުނީ، އެ ހަރަދުތައް ހަމަޖެއްސުމަށް އެސްޓީއޯ އަށް ޖުލައި މަހުގެ ނިޔަލަށް 274 މިލިއަން ޑޮލަރު (4.2 ބިލިއަން ރުފިޔާ) ބޭނުންކޮށްފައިވެ އެވެ.

ރިޒާވަށް ބޭރު ފައިސާގެ އެންމެ ބޮޑު ބައެއް ލިބެނީ ޓޫރިޒަމްގެ ދާއިރާގެ ޓެކްސް އާއި ފީގެ ގޮތުގައި ސަރުކާރަށް ލިބޭ ބޭރު ފައިސާގެ އާމްދަނީންނެވެ. މި އަހަރުގެ ފުރަތަމަ ހަތް މަހުގައި ސަރުކާރަށް ޓެކްސް އާއި ފީގެ ގޮތުގައި ލިބުނު ބޭރު ފައިސާގެ އާމްދަނީ މިދިޔަ އަހަރަށް ވުރެ 30 ޕަސެންޓު އިތުރެވެ.

އެމްއެމްއޭ އިން ބުނީ 2021 ވަނަ އަހަރުން ފެށިގެން ރިޒާވް ދަށްވަމުން ގޮސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރިޒާވް 371.2 މިލިއަން ޑޮލަރަށް ދަށްވި ކަމަށެވެ. އޭގެ ފަހުން ރިޒާވް އިތުރުވާން ފެށީ، ޓެކްސް އާމްދަނީ އިތުރުވުމާއި ބޭރު ފައިސާއާ ބެހޭ ގާނޫނު ތަންފީޒު ކުރުމާއި ކަރަންސީ ސްވޮޕް ނެގުމުގެ ސަބަބުންނެވެ.