Roadha Mihaaru
އިސްލާހީ ފިޔަވަޅު ލަސްވާ ކޮންމެ ދުވަހަކީ ގެއްލުމެއް!

އުނދަގޫ ވިޔަސް އިސްލާހީ ފިޔަވަޅުތައް އެޅުން ނޫން ގޮތެއް ނެތް!

22 އޯގަސްޓް 2024

އިގްތިސާދީ ގޮތުން ރާއްޖެ އަށް މި ހާލަތާ ކުރިމަތިލާން ޖެހުނީ ކުއްލިއަކަށް ނޫނެވެ؛ ދައުލަތުގެ އާމްދަނީއާ އަޅާ ބަލާއިރު ހަރަދުތައް އިތުރުވުމާއި ޖީޑީޕީގެ ނިސްބަތުން ބޭރުގެ ދަރަނި އިންތިހާ އަށް ބޮޑުވުމަކީ އިގްތިސާދީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭނެ ކަން ހިސާބުތަކުން އެނގެ އެވެ. ކުރިމަތީގައި އޮތް މި ހާލަަތަށް އިސްލާހީ، އަވަސް ފިޔަވަޅުތަކެއް އަޅަން މިދިޔަ އަހަރުތަކުގައި މާލީ އިދާރާތަކުން ކެނޑިނޭޅި ހަނދާންކޮށްދީފައިި ވެސް އެބަހުއްޓެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އިގްތިސާދީ ގޮތުން ރާއްޖެ އަށް މި ހާލަތާ ކުރިމަތިލާން ޖެހުނީ ކުއްލިއަކަށް ނޫނެވެ؛ ދައުލަތުގެ އާމްދަނީއާ އަޅާ ބަލާއިރު ހަރަދުތައް އިތުރުވުމާއި ޖީޑީޕީގެ ނިސްބަތުން ބޭރުގެ ދަރަނި އިންތިހާ އަށް ބޮޑުވުމަކީ އިގްތިސާދީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭނެ ކަން ހިސާބުތަކުން އެނގެ އެވެ. ކުރިމަތީގައި އޮތް މި ހާލަަތަށް އިސްލާހީ، އަވަސް ފިޔަވަޅުތަކެއް އަޅަން މިދިޔަ އަހަރުތަކުގައި މާލީ އިދާރާތަކުން ކެނޑިނޭޅި ހަނދާންކޮށްދީފައިި ވެސް އެބަހުއްޓެވެ.

ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ އިދާރާތަކުން ދެމުން އައި ލަފަ އާއި އިންޒާރުތަކުގެ ތެރޭގައި ތިއްބައި، މާލީ ހާލަތު މި އޮތީ ނުރައްކާތެރި ފައްތަރަަކަށް ވެއްޓިފަ އެވެ. ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ބޮޑަށް ރިޒާވް އަޑިއަޅާލީ މި އަހަރެވެ. ރާއްޖޭގެ ޔޫޒަބަލް ނުވަތަ ބޭނުން ކުރެވޭ ރިޒާވް ދަށްވެ، ހުސްވެދާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އެކަމަކު، އާ ގަވަރުނަރު އަހުމަދު މުނައްވަރުގެ އުންމީދެއް އަދި ނުގެއްލެ އެވެ. މިދިޔަ ޖުލައި މަހަށް ވުރެ މި މަހުގެ ޔޫޒަބްލް ރިޒާވް ރަނގަޅުވާނެ ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ. މާނައަކީ ކޮންމެވެސް މަސައްކަތްތަކެއް އެބަ ކުރެވެ އެވެ.

މިއީ ތާރީހުގައި ވެސް ރިޒާވް އެންމެ ބޮޑަށް އަޑިއަޅާލި އަހަރުގެ ގޮތުގައި ސިފަކޮށް، އެ ވާހަކަ ވޯލްޑް ބޭންކުގެ އިކޮނޮމިސްޓުން ފާހަގަކުރީ މިދިޔަ އަހަރުގެ ރާއްޖޭގެ އިގްތިސާދީ އަޕްޑޭޓް "ބެޓަން ޑައުން ދަ ހެޗަސް" ރިޕޯޓުގަ އެވެ. މިދިޔަ އަހަރުގެ އެ އަދަދު ހުރީ 90 މިލިއަން ޑޮލަރުގަ އެވެ. އިކޮނޮމިސްޓް އާޑަމް އޭޓަސް އޭރު ވިދާޅުވި ގޮތުގައި، އެއީ 1.9 މަހުގެ އިމްޕޯޓަށް ވާ ފައިސާ އެވެ. އެކަމަކު މި ވަގުތު ރިޒާވްގެ ހާލަތު އެއަށް ވުރެ ގޯހެވެ.

މިއީ ސިޔާސީ މީހަކު ބުނެލާ ބަހަކުން ނުވަތަ ސަރުކާރުން މިވަގުތު އަޅާ އެންމެ ފިޔަވަޅަކުން ބަދަލު ކުރެވޭނެ ހާލަތެއް ނޫނެވެ. ކޮވިޑަށް ފަހު، ރާއްޖޭގެ މާލީ ހާލަތު ގޯސްވަމުން އައި ގޮތުގެ ތަފްސީލްތައް ހިސާބުތަކުން ފެންނަން އެބަހުއްޓެވެ.

މި އަހަރު ފެށި އިރު ޔޫޒަބަލް ރިޒާވްގައި ހުރީ 109 މިލިއަން ޑޮލަރެވެ. އެ އަދަދު ވެއްޓެމުން ވެއްޓެމުން ގޮސް މިހާރު ހުރީ ގާތްގަނޑަކަށް ދެބައި ކުޅަ އެއްބައި ދަށްވެފަ އެވެ. މިދިޔަ ޖުލައި މަސް ނިމުނު އިރު ދައުލަތުގެ ޔޫޒަބަލް ރިޒާވްގައި ހުރީ 45 މިލިއަން ޑޮލަރެވެ. އެއީ އެއް މަހުގެ އިމްޕޯޓަށްވާ އަދަދަށް ވުރެ ވެސް ދަށް އަދަދެކެވެ. މިއީ މިދިޔަ ތިން އަހަރުގެ ތެރޭގައި ރިޒާވު އެހާ ބޮޑަށް ދަށްވި ފުރަތަމަ ފަހަރެވެ.

މިދިޔަ ތިން އަހަރަށް ބަލާއިރު ވެސް ޔޫޒަބަލް ރިޒާވް ދަށްވާ މަސްތައް ދެ އެވެ. މިދިޔަ ދެ އަހަރު ވެސް ރިޒާވް އެންމެ ބޮޑަށް ދަށަށް ދިޔައީ އޮކްޓޫބަރު މަހު އެވެ. އޮކްޓޫބަރު 2022 ގައި ޔޫޒަބަލް ރިޒާވްގައި ހުރީ 105 މިލިއަން ޑޮލަރެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރިޒާވްގައި ހުރީ 91.2 މިލިއަން ޑޮލަރެވެ.

ދައުލަތުގެ ރިޒާވްގެ ތަފްސީލު

ދައުލަތުގެ ރިޒާވްގެ ތަފްސީލު

މިދިޔަ އަހަރު ޔޫޒަބަލް ރިޒާވް ވަނީ އޭގެ ކުރީ އަހަރަށް ވުރެ 54 ޕަސެންޓު ދަށަށް ގޮސްފަ އެވެ. މި އަހަރުގެ ފުރަތަމަ ހަތް މަހުގެ ރިޒާވާއި މިދިޔަ އަހަރުގެ ފުރަތަމަ ހަތް މަހުގެ ރިޒާވް އަޅާ ކިޔާ އިރު ވަނީ 51 ޕަސެންޓުގެ ވެއްޓުމެއް އައިސްފަ އެވެ. މި ހިސާބުތަކުން އެނގެނީ މިދިޔަ އަހަރުން ފެށިގެން ރިޒާވް ވަރަށް ބޮޑަށް ދަށްވަމުން އައި ނަމަވެސް އެކަމަށް ހައްލެއް ނުލިބި އޮތް ކަމެވެ.

އެވްރެޖު ޔޫޒަބްލް ރިޒާވު:

2022: 293 މިލިއަން ޑޮލަރު

2023: 161 މިލިއަން ޑޮލަރު

2024 (7 މަސް): 93 މިލިއަން ޑޮލަރު

މި އަހަރުގެ މެއި މަހު ވަނީ ޔޫޒަބަލް ރިޒާވްގެ އަދަދު 30 ޕަސެންޓަށް ދަށަށް ގޮސްފަ އެވެ. އެ އަށް ފަހު ޖޫން މަހު 10 ޕަސެންޓަށް ރިޒާވް ވެއްޓުނު އިރު މިދިޔަ މަހު ރިޒާވް ވަނީ އަނެއްކާ ވެސް 33 ޕަސެންޓަށް ދަށްވެފަ އެވެ.

އިގްތިސާދީ މާހިރުން މިކަން ދެކެވަޑައިގަންނަވަނީ، "އެލާމިން" ބޮޑު މައްސަލައެއްގެ ގޮތުގަ އެވެ.

ލޯކަލް މާރުކޭޓުގައި ދޯންޏަކަށް މުދާ ބަރު ކުރަނީ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ލޯކަލް މާރުކޭޓުގައި ދޯންޏަކަށް މުދާ ބަރު ކުރަނީ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

"މިހާރު" އާ ވާހަކަ ދެއްކެވި އިކޮނޮމިސްޓަކު ވިދާޅުވީ، މި ހާލަތު ބަދަލު ނުކުރެވިގެން އުޅެނީ، އަޅަން ޖެހޭ ފިޔަވަޅުތައް ނޭނގުމަށް ވުރެ، އެކަން ކުރަން ފަސް ޖެހޭތީ ކަމަށެވެ.

މި ވެރިކަން ފެށުނު އިރު މާލީ ހާލަތު އެހާ ގޯސް އިރު، ފިޔަވަޅު އަވަސް ކުރަން ޖެހޭ ކަން އޭނާ ފާހަގަކުރެއްވި އެވެ.

އޭނާގެ ވިދާޅުވީ، އެންމެ ބޮޑު މައްސަލައަކީ، މުޅި ހާލަތު ވަޒަން ނުކޮށް ހަރަދުތައް ކުރުމެވެ. މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން ޕްރޮޖެކްޓްތަކަށް ފައިސާ ނުދެއްކި، ކުދި އަދި މެދުފަންތީގެ ކުންފުނިތަކުގެ ޝަކުވާ ދިޔައީ ބޮޑުވަމުންނެވެ.

އެކަމަކު، މި ހާލަތުގެ ފެށުން މެދުވެރިވެފައި އޮތީ ކުރީ ސަރުކާރާ ހިސާބުންނެވެ. ކުރީ ސަރުކާރުން ސިޔާސީ ބާރުވެރިކަން ދަމަހައްޓަން ނުވަތަ ރިޔާސީ އިންތިހާބާ ދިމާކޮށް ދިޔައީ ބަޖެޓް ފޫނުބެއްދޭ ވަަރަށް ޕްރޮޖެކްޓްތައް އިއުލާނު ކުރަމުންނެވެ. އެއް މިސާލަކީ ވޯޓުލާން ކުޑަތަންވެފައި ވަނިކޮށް މަހުގެ އަގަށް ގެނައި ބަދަލެވެ. މަހުގެ އަގު 25ރ. އަށް ބޮޑު ކުރީ ހާލަތަށް ބެލުމެއް ނެތި އެވެ. ބޮޑެތި ލޯނު ނަގައިގެން ހަދާފައިވާ ފްލެޓްތަކުގެ އަގުތައް އެތައް ގުނައެއް ކުޑަކޮށް، ބަޖެޓުގައި ނުވެސް ނެތް، ފީޒަބަލް ނޫން އެތައް ޕްރޮޖެކްޓެއް ވެސް އިއުލާނުކުރި އެވެ.

ފިސްކަލް ސްޓެބިލިޓީ އަށް ބެލުމަކާ ނުލާ ކަންކަން ކުރެވިފައި ހުރީ. ތެލުގެ އަގު ބޮޑުވާ ކޮންމެ ދަނޑިވަޅެއްގައި ދިވެހި ރާއްޖެ އަށް އޭގެއިން އަސަރު ކުރާ ފަހަރެއް،"--- ސާއިދު

އެއާ އެކު މިދިޔަ އަހަރު ވަނީ 6.5 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ވެސް ފާސްކޮށްފަ އެވެ. އެސްއޯއީތަކުގެ ހާލަތު އިންތިހާއަށް ގޯސްވެފައި އޮއްވައި އޭރު ވެސް ދިޔައީ އެތައް ހާހެއްގެ މުވައްޒަފުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ނަގަމުންނެވެ. ރިޔާސީ އިންތިހާބާ ދިމާކޮށް ފެނަކަ ފަދަ ކުންފުނިތަކަށް ސިޔާސީ މުވައްޒަފުން ނެގި ގޮތަށް، މަޖިލީސް އިންތިހާބާ ދިމާކޮށް ވެސް ފެނުނީ ހަމަ އެފަދަ މަންޒަރެކެވެ. މާލީ ގޮތުން ކުރިމަތިވެފައިވާ ހާލަތާ ނުބައްދަލު އެތައް ނިންމުމެއް ނިންމީ އެވެ.

"ސަރުކާރުން އިންޑިއާ އަށް ލެޓާއެއް ފޮނުވާލައިގެން ލަސް ކުރެވެން އޮތް 50 މިލިއަން ޑޮލަރުގެ ޓީބިލް ދައްކަން ޖެހުނު. އަނެއްކޮޅުން ސިޔާސީ މުއްވަޒަފުން މަދެއް ނުވި. މަޖިލީސް އިންތިހާބާ ދިމާކޮށް އެސްއޯއީތަކަށް އެތައް މުވައްޒަފުންނެއް ނެގި،" އޭނާ ވިދާޅުވި އެވެ.

މި ހުރިހާ ކަމެއް ކުރީ، މާލީ ގޮތުން ހާލަތު ބަދަލުވާނެ މަގެއް ނުހޯދައި ކަމަށް ކުރިން ވާހަކަ ދެއްކެވި އިކޮނޮމިސްޓް ދެކަވަޑައިގަންނަވަ އެވެ. އެހެންވެ، އެކަމުން ވެސް ހާލަތު ރަނގަޅު ވުމުގެ ބަދަލުގައި ކުރިމަތިވީ، މާލީ އިތުރު ގޮންޖެހުންތަކެވެ. ދެން ޖެހުނީ، ޕްރޮޖެކްޓްތައް ހުއްޓާލައި ބިލްތައް ދެއްކުން މަޑު ޖައްސައިގެން ރިކަރަންޓު ހަރަދުތައް ހަމަޖެއްސޭނެ ގޮތްތައް ހޯދާށެވެ.

ހާލަތު މިވަރު ވީ ނުވާވަރުގެ ހަރަދުތައް ކުރަން ފެށުމުން

މިދިޔަ އަހަރުތަކުގައި ދިމާވި އެންމެ ބޮޑު މައްސަލައަކީ ދައުލަތުގެ ހަރަދުތައް ރޮކެޓް ސްޕީޑުގައި މައްޗަށް އަރައިގެން ދިއުމެވެ. ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ރާއްޖެއިން އާމްދަނީއާ ނުބައްދަލު ހަރަދުތަކެއް ކުރިމަތީ މިހާރު ކުރިމަތިވެފައިވާ މާލީ ދަތި އުނދަގުލާ ކުރިމަތިލާން ޖެހުނު މައިގަނޑު ސަބަބު ކަމަށް ވޯލްޑް ބޭންކްގެ އެންމެ ފަހުގެ އިކޮނޮމިކް އަޕްޑޭޓުގައި ވެސް ބުނެފައިވެ އެވެ.

ދައުލަތުގެ މާލީ ހިސާބުތަކުން އެނގޭ ގޮތުން 2012 ވަނަ އަހަރު ޖުމްލަ ހަރަދު ވަނީ 13 ބިލިއަން ރުފިޔާގަ އެވެ. އެކަމަކު މި އަހަރު ކުރާނެ ކަމަށް ލަފާ ކުރާ ހަރަދު އުޅޭނީ އޭގެ ދެ ގުނަ އަށް ވުރެ ވެސް މަތީގަ އެވެ. އެއީ ގާތްގަނޑަކަށް 72 ޕަސެންޓުގެ އިތުރުވުމެކެވެ. ނަމަވެސް އެ މުއްދަތުގައި ދައުލަތުގެ އާމްދަނީ އެ ސްޕީޑުގައި ކުރިއަކަށް ނުދެ އެވެ.

ދައުލަތުގެ ހަރަދާއި ޖީޑީޕީއަށް އައި ބަދަލު -- ފޮޓޯ: މިހާރު

ދައުލަތުގެ ހަރަދާއި ޖީޑީޕީއަށް އައި ބަދަލު -- ފޮޓޯ: މިހާރު

އާމްދަނީއާ ނުބައްދަލު ހަރަދުތައް ކުރަމުން ދަނީ ދަރަނި ނަގައިގެންނެވެ. އެހެންވެ، ފާއިތުވެދިޔަ 12 އަހަރު ބޭރުގެ ދަރަނި ވަނީ 305 މިލިއަން ޑޮލަރު (4.7 ބިލިއަން ރުފިޔާ) އިން 591 މިލިއަން ޑޮލަރު (9.1 ބިލިއަން ރުފިޔާ) އަށް އިތުރުވެފަ އެވެ. އެއީ 50 ޕަސެންޓުގެ އިތުރުވުމެކެވެ.

ހަރަދުތައް 70 ޕަސެންޓަށް އިތުރުވި ނަމަވެސް، އެ މުއްދަތުގައި ރާއްޖޭގެ ޖީޑީޕީ ކުރިއަށް ގޮސްފައިވަނީ ވެސް 50 ޕަސެންޓުގަ އެވެ.

ރިޒާވާއި ބޭރުގެ ދަރަނީގެ ތަފްސީލުތައް

ރިޒާވާއި ބޭރުގެ ދަރަނީގެ ތަފްސީލުތައް

ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދު މުސްތަފާ ވިދާޅުވީ މިހާލަތަށް ރާއްޖެ އަންނަން ޖެހުނީ، ރާއްޖޭގެ ދަރަނީގެ ދެމެހެއްޓެނިވި ކަމަށް ބެލުމެއް ނެތި ޑެފިސިޓް ބަޖެޓުތަކަށް ހަރަދުތައް ކުރުމުންނެވެ.

"ފިސްކަލް ސްޓެބިލިޓީ އަށް ބެލުމަކާ ނުލާ ކަންކަން ކުރެވިފައި ހުރީ. ތެލުގެ އަގު ބޮޑުވާ ކޮންމެ ދަނޑިވަޅެއްގައި ދިވެހި ރާއްޖެ އަށް އޭގެއިން އަސަރު ކުރާ ފަހަރެއް،" އޭނާ ވިދާޅުވި އެވެ.

ސާއިދު ވިދާޅުވީ، މިހާ ބޮޑަށް ހާލަތު ބޮއްސުންލާން ޖެހުނީ ވޭތުވެދިޔަ ދެ އަހަރުގައި ވެސް ހާލަތު ރަނގަޅު ކުރުމަށް ފިޔަވަޅެއް ނޭޅުމުގެ އިތުރަށް އިތުރަށް ހަރަދުތައް ބޮޑުވާނެ ގޮތްގޮތަށް ކަންކަން ކުރުމުން ކަމަށެވެ.

ރިފޯމް ލަސްވެއްޖެ

މި އަހަރުގެ ބަޖެޓުގައި ވެސް ރިޕޯމުގެ ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށް ކަނޑައަޅާފައި އޮތީ ޖުލައި މަހު އެވެ .ދައުލަތުގެ ބަޖެޓުގައިވާ ގޮތުން ކަރަންޓާއި ތެލާއި ކާޑާއި ނަރުދަމާގެ ހިދުމަތްތަކަށް ދޭ ސަބްސިޑީ ބަދަލުކޮށް، ޑައިރެކްޓް ޓްރާންސްފާ ނިޒާމަކަށް ބަދަލު ކުރުމަށް ވަނީ ކަނޑައަޅައިފަ އެވެ. އެކަމަކު، އެކަންކަން އަދިވެސް އަމަލީ ސިފައެއްގައި ކުރެވޭ މަންޒަރެއް ނުފެނެ އެވެ.

ރިޒާވަށް ޕްރެޝަރު ބޮޑުވާ އެއް ސަބަބަކީ، ކުރާ ހަރަދުތަކަށް ބަދަލު ނައިސް، އިތުރަށް ފައިސާ ވަންނާނެ ގޮތެއް ވެސް ނެތުމެވެ. ބަޖެޓަށް ބޭނުންވާ ފައިނޭންސް ހޯދުމުގައި ބޮޑެތި ދަތިތައް ވަނީ ފިނޭންސް މިނިސްޓްރީ އަށް ކުރިމަތިވެފަ އެވެ. ސަރުކާރުގެ ބަޖެޓު ޑެފިސިޓަށް ބޭނުންވާ ފައިސާގެ ގޮތުގައި 550 މިލިއަން ޑޮލަރު (8.5 ބިލިއަން ރުފިޔާ) ދަރަނީގެ ގޮތުގައި ދޭނެ ބަޔަކު ހޯދަން އިއުލާނު ކުރި ނަމަވެސް، އެކަމުގައި ވެސް ސަރުކާރަށް ވަނީ އަދި މިހާތަނަށް މާބޮޑު ކުރިއެރުމެއް ނުފެނިފަ އެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭ އޮފީސް ބިލްޑިންގު. މިއަހަރު މެއި މަހުން ފެށިގެން ރިޒާވު އަންނަނީ ވަރަށް ބޮޑަށް ދަށްވަމުން -- ފޮޓޯ: މިހާރު

މަރުކަޒީ ބޭންކް އެމްއެމްއޭ އޮފީސް ބިލްޑިންގު. މިއަހަރު މެއި މަހުން ފެށިގެން ރިޒާވު އަންނަނީ ވަރަށް ބޮޑަށް ދަށްވަމުން -- ފޮޓޯ: މިހާރު

މިދިޔަ ހަފުތާގައި މާލިއްޔަތު ކޮމިޓީގައި ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސާއިދު ވިދާޅުވީ، ފިޔަވަޅުތައް އެޅުން ލަސްވަނީ، ސަރުކާރުން ވީހާ ވެސް ބޮޑަށް އާންމު ރައްޔިތުންނަށް އެކަމުގެ ގެއްލުން ކުޑަވާނެ ގޮތަކަށް އެކަން ރާވަން މަސައްކަތް ކުރާތީ ކަމަށެވެ.

"މިސާލަކަށް ސަބްސިޑީ އާއި އާސަންދަ އަށް ބަލާ އިރު ހަގީގަތުގައި އަމާޒަކީ އިޖުތިމާއި ޒިންމާގެ ނިޒާމު މި އަށް ވުރެ ވަރުގަދަކޮށް، އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް މި އަށް ވުރެ ފަސޭހަ ކަމާ އެކު ހިދުމަތް ލިބޭނެ ނިޒާމަކަށް ބަދަލުކުރުން،" އޭނާ ވިދާޅުވި އެވެ.

އެކަންކަން ރާވައި ކުރިއަށް ގެންދަން ވަގުތު ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވާހަކަދައްކަވަނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވާހަކަދައްކަވަނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ހަމަ އެ ދުވަހު ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވީ، އަމާޒަކީ އާސަންދަ އަށް ގެންނަ ބަދަލުތައް މި އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އަޅަން ފެށުން ކަމަށެވެ.

"މިހާރު އެކުލަވާލާފައިވާ ޕްލޭންގައިވާ ގޮތުން އޮކްޓޫބަރު މަހު އިމްޕްލިމެންޓޭޝަން ފެށިގެން ދާނެ. މިކަމަކީ ރައްޔިތުންނާ ވަރަށް ބޮޑަށް ގުޅިފައި އޮތް ކަމެއް. އެހެންވީމާ އެއްވެސް ހިދުމަތެއް ސަރުކާރުން ބޭނުމެއް ނުވޭ ރައްޔިތުންނަށް ދަތިވާ ގޮތަށް ގެންދާކަށެއް،" އޭނާ ވިދާޅުވި އެވެ.

"މިހާރު" އާ ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވީ، މާލީ ހާލަތު މިހާރު އޮތް ގޮތުން، ލަސްވާ ކޮންމެ ދުވަހަކީ ވެސް އޭގެ ގެއްލުންތައް އެކި ގޮތްގޮތަށް ފެންނާނެ ދުވަހެއް ކަމަށެވެ.

"މިހާރު ވެސް ފިޔަވަޅު އަޅަން މާ ލަސްވެއްޖެ. މިހާރުން މިހާރަށް ކޮންމެވެސް ސިފައެއްގައި ވެސް އެކަން ކުރަން ޖެހޭ. ފިޔަވަޅު އަޅަން ފަށާފައި ވެސް، އެ ފިޔަވަޅުތައް އިތުރަށް ފުރިހަމަ ކުރެވިދާނެތާ،" އޭނާ ވިދާޅުވި އެވެ.

ރިޒާވް ރަނގަޅު ކުރާނީ ކިހިނެއް؟

ރާއްޖޭގެ މާލީ ދާއިރާގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅަކު ވިދާޅުވީ، ރިޒާވަށް އިތުރަށް އެއްޗެއް ނުލިބިއްޖެ ނަމަ ދެން އަނެއްކާ ވެސް އޮތީ ސޮވެރިން ޑިވަލޮޕްމެންޓް ފަންޑުގައި އަތްލުން ކަމަށެވެ.

"އެފަންޑުގައި އެބަހުރި 60 އަހަށް މިލިއަން ޑޮލަރު. އެ ވެސް މި ވަގުތަށް ބޭނުން ކުރެވިދާނެ. އެކަމަކު އެއީ ކުޑަ ދުވަސްކޮޅެއްގެ ހައްލު. ސަރުކާރަށް ކޮންމެ ގޮތެއް ވެސް އިތުރަށް ފައިސާ ނުހޯދާ، މި ހާލަތު ބަދަލު ކުރަން ދަތި،" އޭނާ ވިދާޅުވި އެވެ.

ގަވަރުނަރު މުނައްވަރު އިއްޔެ "މިހާރު" އަށް ވިދާޅުވީ، ރިޒާވްގެ ހާލަތު ރަނގަޅު ކުރުމަށް ކަރަންސީ ސްވޮޕް ހަމަޖެއްސުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދަވާ ކަމަށެވެ.

ރިޒާވް ރަނގަޅު ކުރުމަށްޓަކައި ކަރަންސީ ސްވޮޕްގެ ގޮތުގައި 400 މިލިއަން ޑޮލަރު ހޯދުނަސް އެއީ ވެސް ތިން މަސް ނުވަތަ ހަ މަސް ތެރޭގައި އަނބުރާ ދައްކަން ޖެހޭނެ އަދަދެކެވެ. އެހެންވެ، އެއީ ވެސް ވަގުތީ ހައްލެއް ކަމަށް ވިދާޅުވި އެވެ.

އެމްއެމްއޭގެ އިދާރާ. މަރުކަޒީ ބޭންކުން އަންނަނީ ރިޒާވް ރަނގަޅު ކުރުމަށް ކަރަންސީ ސްވޮޕް ހަމަޖައްސަން މަސައްކަތް ކުރަމުން --ފޮޓޯ | މިހާރު

އެމްއެމްއޭގެ އިދާރާ. މަރުކަޒީ ބޭންކުން އަންނަނީ ރިޒާވް ރަނގަޅު ކުރުމަށް ކަރަންސީ ސްވޮޕް ހަމަޖައްސަން މަސައްކަތް ކުރަމުން --ފޮޓޯ | މިހާރު

"މިހާރު ސްވޮޕް ހޯދާ އިރު އެ އަނބުރާ ދައްކާނެ ގޮތްތަކެއް ވެސް ހޯދަން ޖެހޭނެ. އެ ވާނީ އެމްއެމްއޭގެ ދަރަންޏަކަށް. އަނެއްކޮޅުން ދެން ހުރި ލޯނުތައް ވެސް ހަމަ ދައްކަން ޖެހޭނެ،" އިގްތިސާދީ މާހިރު ވިދާޅުވި އެވެ.

ކުރިއަށް އޮތް އޮކްޓޫބަރު މަހުން ފެށިގެން އަނެއްކާ ވެސް ޕީކް ސީޒަން ފެށި އަނެއްކާ ވެސް ޓެކްސް އިތުރުވާން ފެށުމުން އެކަމުގެ ރަނގަޅު އަސަރު ރިޒާވަށް ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، މުޅި ހާލަތު ބަދަލު ކުރުމަށްޓަކައި އާމްދަނީ އިތުރުކޮށް ރިފޯމު އަވަސް ނުކޮށް ރާއްޖެ އަށް ސަލާމަތެއް ނެތް ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ރާއްޖެ އަށް ޓެކްސްގެ 60 ޕަސެންޓު ގާތްގަނޑަކަށް ވަންނަނީ ޑޮލަރުން. އެހެންވެ، ކުރިއަށް އޮތް ދެ މަހަށް ފަހު ޕީކް ސީޒަން ފެށުމުން ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުން އެކަށީގެންވޭ. އެކަމަކު މުޅި މައްސަލަ ހައްލު ކުރެވޭނެ ފަދަ ބަދަލެއް ގެންނަން މަސައްކަތް ކުރަންވީ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރިޒާވް ހުސްވުމުން ގައުމު "ބޭންކްރަޕްޓު" ވުމުގެ ކުރިން، ފިޔަވަޅުތައް އަޅަން ޖެހެ އެވެ. އެހެން ނޫނީ ލަންކާގެ ހާލަތު އައުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

ލަންކާގެ އިގްތިސާދު 2021 ވަނަ އަހަރު ފުނޑުނު އިރު އެ ގައުމުގެ ފައިސާގެ އަގު ވަނީ 160 ރުފީ އިން 230 ރުފީއަށް ވެއްޓިފަ އެވެ. ތަކެތީގެ އަގު 75 ޕަސެންޓަށް އިތުރުވި އިރު ދިރިއުޅުމުގެ ހަރަދުތައް އެވްރެޖްކޮށް 57 ޕަސެންޓަށް އެރި ކަަމަށް ވޯލްޑް ބޭންކްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. ފަގީރުންގެ އަދަދު ވަނީ ފަސް ޕަސެންޓުން 15 ޕަސެންޓަށް އިތުރުވެފަ އެވެ.

މިއީ ރާއްޖެ އަށް ކުއްލިއަކަށް ކުރިމަތިވި ހާލަތެއް ނޫނެވެ. ކޮވިޑަށް ފަހު ގައުމުގެ އިގްތިސާދު ދަނީ ބޮޑު އަނދަވަޅަކާ ދިމާލަށް ދަތުރު ކުރަމުންނެވެ. އެކަމުގެ އަސަރުތައް އެކި ސިފަސިފައިގައި މިހާރު ވެސް ފެންނަމުން ދާއިރު، އިގްތިސާދު ފުޑެން ދޫނުކޮށްލާ އަވަސް ކުރަންވީ ފިޔަވަޅުތަކެވެ. ސަބްސިޑީތައް ކުޑަކޮށް، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރަންވީ އެވެ. ހާލަތު ބަދަލު ކުރުމަށްޓަކައި ހަރަދުތައް ވަރަށް ބޮޑަށް ކުޑަކުރަން ޖެހެ އެވެ. ބަޖެޓް ޑެފިސިޓާއި ކަރަންޓް އެކައުންޓް ޑެފިސިޓް ކުޑަ ކުރުމަށް ފިޔަވަޅުތައް އަވަސް ނުކޮށް ސަލާމަތް ނުވާނެ ކަން މިހާރު ވަރަށް ސާފެވެ.