Roadha Mihaaru
އަހަރު ނިމުނުއިރު ރިޒާވް އެއްވަރެއްގައި ހިފެހެއްޓިފައި

އަހަރު ނިމުނުއިރު ރިޒާވް ހުރީ އެއްވަރެއްގައި ހިފެހެއްޓިފައި: އެމްއެމްއޭ

01 ފެބުރުއަރީ 2017

މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ރިޒާވް ހުރީ އޭގެ ކުރީގެ އަހަރާ އަޅާބަލާއިރު އެއްވަރެއްގައި ހިފެހެއްޓިފައި ކަމަށް މަރުކަޒީ ބޭންކުން މިއަދު ބުނެފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ރިޒާވް ހުރީ އޭގެ ކުރީގެ އަހަރާ އަޅާބަލާއިރު އެއްވަރެއްގައި ހިފެހެއްޓިފައި ކަމަށް މަރުކަޒީ ބޭންކުން މިއަދު ބުނެފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މަހަކު އެއްފަހަރު ނެރޭ އިގްތިސާދީ ރިވިއުގެ މިދިޔަ މަހުގެ އަދަދު މިއަދު ނެރެފައި ވާއިރު، އޭގައިވާ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 467.1 މިލިއަން ޑޮލަރު (7.2 ބިލިއަން ރުފިޔާ) އެވެ. އޭގެ ތެރޭން، ބޭނުންކުރެވޭ ރިޒާވްގެ ގޮތުގައި ހުރީ، ހިސާބުތައް ދައްކާ ގޮތުން، 200 މިލިއަން ޑޮލަރު (ތިން ބިލިއަން ރުފިޔާ) އެވެ.

"ޔޫޒަބަލް [ބޭނުންކުރެވޭ] ރިޒާވްގެ ގޮތުގައި ހުރި އަދަދަކީ މަހުން މަހަށް ބަލާއިރު ވަރަށް ބޮޑު ތަން އިތުރު އަދަދެކެވެ. އަދި އަހަރުން އަހަރަށް ބަލާއިރު މި އަދަދަށް މާ ބޮޑު ބަދަލެއް އައިސްފައި ނުވެ އެވެ،" ރިވިއުގައިވެ އެވެ.

މިދިޔަ މަހު ރިޒާވް އިތުރުވިއިރު، އޭގެ ކުރީ މަހު ރިޒާވް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. އެއީ، އިންޑިއާގެ ޖީއެމްއާރަށް ފައިސާ ދައްކަން މަރުކަޒީ ބޭންކުން ބޮންޑް ގަތުމުންނެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވިއްކި 140 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ)ގެ ބޮންޑް އެމްއެމްއޭ އިން ގަތީ ތިން އަހަރުން އަނބުރާ ދައްކައި ހަލާސްކުރާ ގޮތަށް، 4.9 ޕަސެންޓުގެ އިންޓަރެސްޓް ރޭޓެއްގަ އެވެ.

ޓީ ބިލާއި ބޮންޑަށް 23.2 ބިލިއަން ރުފިޔާ ދައްކަން ޖެހޭ

ސަރުކާރުގެ ކޭޝް ފްލޯ ހަމަޖައްސަން ދޫކުރި ޓީ ބިލާއި ބޮންޑަށް ދައްކަން ޖެހޭ މިންވަރު ވަނީ، ރިވިއުގައިވާ ގޮތުން، މިދިޔަ އަހަރު ނިމުނުއިރު 23.2 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ. އެއީ، މަހުން މަހަށް ބަލާއިރު ދެ ޕަސެންޓުގެ އަދި އަހަރުން އަހަރަށް ބަލާއިރު 16 ޕަސެންޓުގެ އިތުރު އަދަދެކެވެ.

އޭގެ މައިގަނޑު ސަބަބަކީ، އެމްއެމްއޭ އިން ބުނި ގޮތުގައި، ބޮންޑަށް ދައްކަން ޖެހޭ އަދަދު 18 ޕަސެންޓް މައްޗަށް އަދި ޓީ ބިލަށް ދައްކަން ޖެހޭ އަދަދު 15 ޕަސެންޓް މައްޗަށް ދިއުމެވެ. މިދިޔަ މަހަށް އެކަނި ބަލާއިރު، ޓީ ބިލަށް ދައްކަން ޖެހޭ މިންވަރު އިތުރުވެފައި ވިޔަސް، އެ މުއްދަތުގައި ބޮންޑަށް ދައްކަން ޖެހޭ އަދަދަށް ބަދަލު އައިސްފައެއް ނުވެ އެވެ.

އަހަރުން އަހަރަށް ބަލާއިރު ޓީ ބިލަށް ދައްކަން ޖެހޭ މިންވަރު މަތިވެފައި ވަނީ، ރިވިއުގައިވާ ގޮތުން، ބޭންކުތަކުން ޓީބިލްގައި އިންވެސްޓް ކުރި އަދަދު 29 ޕަސެންޓް އިތުރުވެފައިވާތީ އެވެ. އަދި ބޮންޑަށް ދައްކަން ޖެހޭ މިންވަރު އިތުރުވެފައި ވަނީ ސަރުކާރުން ޕެންޝަން ފަންޑަށް ދޫކުރި ޓީ ބިލުތަކުން ބައެއް ބޮންޑަށް ބަދަލުކޮށްފައިވާތީ އެވެ.

ދަރަންޏަށް ނަގާފައިވާ ފައިސާގެ މިންވަރު މިދިޔަ އަހަރު އިތުރުވެފައި ވާއިރު، މި އަހަރުގެ މިހާތަނަށް ވެސް ވަނީ ގާތްގަނޑަކަށް 2.9 ބިލިއަން ރުފިޔާގެ ޓީ ބިލް ވިއްކައިފަ އެވެ. އޭގެ ތެރޭގައި، ހަފުތާއަކު އެއް ފަހަރު އާއްމުކޮށް ހުޅުވާލައިގެން ވިއްކާ ޓީ ބިލުތަކުގެ އިތުރުން، ހާއްސަ ހާލަތްތަކުގައި ވިއްކި ޓީ ބިލް ވެސް ހިމެނެ އެވެ.

ރާއްޖޭގެ އިގްތިސާދު މިދިޔަ އަހަރު ކުރިއަރާފައި ވަނީ 3.9 ޕަސެންޓުގަ އެވެ. އެއީ އެ އަހަރު ފެށުނު އިރު ސަރުކާރުން ލަފާކުރި 6.4 ޕަސެންޓަށް ވުރެ ދަށް މިންވަރެއް ކަމަށް ވިޔަސް، މި އަހަރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން 4.4 ޕަސެންޓުގައި ހުންނާނެ ކަމަށް ސަރުކާރުން ވަނީ އަންދާޒާކޮށްފަ އެވެ.