Roadha Mihaaru
ޑޮލަރުގެ ކަޅު ބާޒާރުން ނުކުންނަން އޮތީ ހަނި މަގެއް

ޑޮލަރުގެ ކަޅު ބާޒާރުން ނުކުންނަން އޮތީ ހަނި މަގެއް

25 ނޮވެމްބަރ 2024

ޑޮލަރު ހޯދުމުގައި އޮތް ދަތިކަން ހައްލުކުރުމަށް އެކި ވިސްނުންތައް ނެރެ ތަންފީޒުވޭތޯ ބަލަނީ އެވެ. އެކަމަކު އެތައް ޒަމާނެއް ވެފައި އޮތް މި މައްސަލައިގެ ކޮޅެއް މެދެއް އަދި ފެންނާކަށް ނެތެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޑޮލަރު ހޯދުމުގައި އޮތް ދަތިކަން ހައްލުކުރުމަށް އެކި ވިސްނުންތައް ނެރެ ތަންފީޒުވޭތޯ ބަލަނީ އެވެ. އެކަމަކު އެތައް ޒަމާނެއް ވެފައި އޮތް މި މައްސަލައިގެ ކޮޅެއް މެދެއް އަދި ފެންނާކަށް ނެތެވެ.

ވިޔަފާރިވެރިންނަށް ބޭނުންވާ ޑޮލަރަށް ޑިމާންޑް ބޮޑުވެ ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 19.30ރ. އާ ހިސާބަށް އަރައިފި އެވެ. އެއީ ކޮވިޑްގެ ބަލިމަޑުކަމުގެ ދުވަސްވަރު ޑޮލަރު ލިބުން ގާތްގަނޑަކަށް ހުއްޓުމަކަށް އައިސް ތާށިކަން ބޮޑުވި އިރު އަގުތައް އެރި ހިސާބެވެ.

ޑޮލަރަށް ޖެހިފައި އޮތް މިންވަރު އެންމެ ބޮޑަށް ފެންނަ އެއް ކަމަކީ ވޭތުވެދިޔަ ތިން އަހަރު ވެސް ރާއްޖޭގެ ރިޒާވް ދަށަށް ނުދާ މިންވަރަށް ޔޫޒަބަލް ރިޒާވް ދަށަށް ގޮސްފައި އޮތުމެވެ. މިދިޔަ މަސް ނިމުނު އިރު ޔޫޒަބަލް ރިޒާވުގައި ހުރީ އެންމެ 32 މިލިއަން ޑޮލަރެވެ. މައުލޫމާތު އެނގޭ މީހުން ބުނާ ގޮތުގައި ބައެއް ދުވަސް ދުވަހު ރިޒާވުގައި 3-4 މިލިއަން ޑޮލަރު ހުންނަ ފަހަރު ވެސް ދެ އެވެ. މިއީ ދުވަހަކު ނުދާހާ ދަށެވެ.

ޑޮލަރު މާރުކުރުމަށް ބަޔަކު މަނީ އެކްސްޗޭންޖެއް ކައިރީގައި -- ފޮޓޯ: ނިޝާން އަލީ / މިހާރު

ޑޮލަރު މާރުކުރުމަށް ބަޔަކު މަނީ އެކްސްޗޭންޖެއް ކައިރީގައި -- ފޮޓޯ: ނިޝާން އަލީ / މިހާރު

ރިޒާވް އެހާ ބޮޑަށް ދަށަށް ދިއުމުން ކުންފުނިތަކަށް ވެސް ޑޮލަރު ހޯދަން އިތުރަށް ދަތިވެ ކަޅު ބާޒާރަށް ދާން މަޖުބޫރުވުމުން ކަޅު ބާޒާރުގައި ޑިމާންޑު އުފުލެ އެވެ. ނަތީޖާއަކަށް ވަނީ ޑޮލަރުގެ އަގު އަނެއްކާވެސް އިތުރަށް މައްޗަށް ދިއުމެވެ.

ރިޒާވަށް އެހާ ބާރު ބޮޑުވީ ދައުލަތުގެ ހަރަދުތައް މާބޮޑަށް މައްޗަށް ގޮސް، ދަރަނި އަދާކުރަން ހޭދަކުރަން ޖެހޭ ޑޮލަރު ވެސް އިތުރުވާތީ އެވެ. އަންނަ އަހަރު އަދާކުރަންޖެހޭ ދަރަނި އަދި މިއަހަރަށް ވުރެ މާ ބޮޑުވާނެ އެވެ. މި އަހަރު ދަރަންޏަށް ތިން ބިލިއަން ރުފިޔާ ހޭދަކުރަން އޮތް އިރު އަންނަ އަހަރު މި އަދަދު ގާތްގަނޑަކަށް ނުވަ ބިލިއަން ރުފިޔާ އަށް އަރަ އެވެ. އެހެންވެ ރިޒާވަށް އިތުރަށް ބާރު ބޮޑުވާނެ އެވެ.

ވިޔަފާރިވެރިން ބުނާ ގޮތުގައި މިވަގުތު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އަނެއްކާ ބޮޑުވީ ބޭރު ފައިސާއާ ބެހޭ ގަވައިދު ބަދަލުކޮށް، ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުން ޑޮލަރު މާރުކުރަން މަޖުބޫރުވާ ގޮތަށް ހެދި ހިސާބުން ކަމަށެވެ. އެ ހިސާބުން ވިޔަފާރިވެރިން ބާޒާރަށް ދޫކުރާ ޑޮލަރުގެ އަދަދު ކޮންޓްރޯލްކުރީ ކަމަށް ބެލެވެ އެވެ.

މެޝިން ބޭނުން ކޮށްގެން ޑޮލަރުތަކެއް ގުނަނީ: ބޭރަށް ޑޮލަރު ފޮނުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ފުލުހުން ބުނޭ-- ފޮޓޯ: ނިޝާން އަލީ/މިހާރު

މެޝިން ބޭނުން ކޮށްގެން ޑޮލަރުތަކެއް ގުނަނީ: ބޭރަށް ޑޮލަރު ފޮނުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ފުލުހުން ބުނޭ-- ފޮޓޯ: ނިޝާން އަލީ/މިހާރު

"... ބޮޑެތި ވިޔަފާރިތަކުން މިއުޅެނީ ޑޮލަރު ކޮންޓްރޯލްކޮށްގެން. ކުރިން ލިބޭހާ ފަސޭހައެއް ނޫން ޑޮލަރެއް،" ވިޔަފާރިވެރިޔަކު ބުންޏެވެ.

"މިހާރު ރިސޯޓުތަކުން ޑޮލަރު ހޯދަން އުނދަގޫ. ކުރިން ގެސްޓްހައުސް ވިޔަފާރިކުރާ ރަށްރަށުން ވެސް ޑޮލަރު ފަސޭހައިން ލިބޭ. މިހާރު އެތަންތަނުން ވެސް ޑޮލަރު ހޯދަން ވަރަށް ދަތި،" އޭނާ ބުންޏެވެ.

އެމްއެމްއޭ އިން ގަވައިދަށް ގެނައި ބަދަލުން، ރިސޯޓުތަކުން އަންނަ ޓޫރިސްޓުންގެ ބޮލަކަށް 500 ޑޮލަރު، ގެސްޓްހައުސްތަކުން އަންނަ ޓޫރިސްޓުންގެ ބޮލަކަށް 25 ޑޮލަރު ބޭންކްތަކަށް މާރުކުރަން ޖެހެ އެވެ. އެކަމަކު ޑޮލަރުގެ އިންފްލޯއެއް އެކަމުން މާކެޓަށް ވަންނާނީ އަންނަ ޖެނުއަރީ މަހުގެ ފަހުކޮޅުން ފެށިގެންނެވެ.

އެމްއެމްއޭގެ އަންދާޒާ އަކީ ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުންގެ މިންވަރަށް ބަލައިގެން ޑޮލަރު މާރުކުރުމުން ގާތްގަނޑަކަށް 750 މިލިއަން ޑޮލަރު ހޯދޭނެ ކަމަށެވެ.

ޑޮލަރު މާރުކުރުމަކީ ކިހާ ވަރެއްގެ ހައްލެއް؟

މާލީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅަކު ވިދާޅުވީ، މި ވަގުތު އެމްއެމްއޭގެ ޕްލޭން އޮތް ގޮތުން ގަވައިދަށް ގެނައި ބަދަލުން ވެސް ކަޅު ބާޒާރުގެ އަގު ކޮންޓްރޯލްވާނެ ކަމަށް ނުފެންނަ ކަމަށެވެ. އޭނާ ފާހަގަކުރެއްވި އެއް ކަމަކީ، މާރުކުރާ ފައިސާގެ 60 ޕަސެންޓު އެމްއެމްއޭ އަށް ނެގުމެވެ. އެއީ ރިޒާވް ހަމަޖެއްސުމަށެވެ. އެކަން ކޮންމެހެން ކުރަން ޖެހެނީ ބޭރުން ފައިސާ ނުލިބި، ދައުލަތުގެ ދަރަނި ބޮޑުވެފައި ވާތީ އެކަމަށް ހޭދަކުރުމަށާއި އިމްޕޯޓާއި ތެލަށް ކުރަންޖެހޭ ހަރަދުތައް ހަމަޖައްސާށެވެ.

އޭނާ ވިދާޅުވި ގޮތުގައި ބޭންކްތަކަށް ވަންނަ ފައިސާ އިން ބޮޑު ބައެއް ބޭންކް އޮފް މޯލްޑިވްސް އަށް ވަންނާނެ ކަމަށާއި އެ ފައިސާގެ ބޮޑު ބައެއް، ކާޑް ލިމިޓްތައް ހަމަޖެއްސުމަށް ބޭނުންވާނެ ކަމަށެވެ. ބީއެމްއެލް އިން މިވަގުތު ވެސް އެކަން ކުރަނީ، އެ ބޭންކަށް ލިބޭ ޑޮލަރަށް ވުރެ އިތުރަށް ޑޮލަރު ހޯދައިގެން، ގެއްލުމުގަ އެވެ.

ބޭރު ފައިސާގެ ވިޔަފާރިކުރާ ތަނަކުން މީހަކު ނިކުންނަނީ. -- ފޮޓޯ: މިހާރު

ބޭރު ފައިސާގެ ވިޔަފާރިކުރާ ތަނަކުން މީހަކު ނިކުންނަނީ. -- ފޮޓޯ: މިހާރު

"މާރު ކުރާ 60 ޕަސެންޓު އެ ދަނީ ސަރުކާރުގެ ހަރަދުތަކަށް. ބާކީ 40 ޕަސެންޓުގެ ތެރެއިން ބޮޑު ބައެއް ދާނީ ބީއެމްއެލްގެ ކާޑަށް. ބާކީ ބޭންކްތަކަށް ދާ އަދަދުން މާބޮޑު ބަދަލެއް ނުފެންނާނެ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިހާރު ވެސް ދަރަނި ދެއްކުމާއި ފައިނޭންސިން ނުލިބުމުގެ ސަބަބުން ޑޮލަރު ހޯދޭނެ ގޮތްތައް އެހާ ބޮޑަށް ހަނިވެފައި އޮތުމުން، އަންނަ އަހަރު ރިސޯޓުތަކުން ބޭންކަށް ޑޮލަރު މާރުކުރަން ފެށިޔަސް އޭގެ ބޮޑު ބައެއް ބޭނުންކުރަން މަޖުބޫރުވާނީ ދައުލަތުގެ ދަރަނި އަދާކުރަން ކަމަށެވެ.

އެހެންވެ ޑޮލަރުގެ ކަޅު ބާޒާރަށް އެނގުންވާ ވަރަށް މާކެޓަށް އަދި ޑޮލަރު ވަންނަ މަންޒަރު ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ދެން ކޮން ހައްލެއް؟

ޑޮލަރުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދާ ނަމަ އޮތް ގޮތަކީ ޑޮލަރުގެ ޑިމާންޑު ނައްތާލުމެވެ.

އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވީ، އެއް ހައްލަކީ، ރިސޯޓުތަކާއި އެހެން ވިޔަފާރިތަކަށް ވަންނަ ހުރިހާ ޑޮލަރެއް ބޭންކް މެދުވެރިކޮށް މާރުކުރުން ކަމަށެވެ. އެކަމަކު އެއީ ކުރަން ފަސޭހަ ކަމަކަށް ނުވާނެ އެވެ.

އޭނާ ވިދާޅުވީ އަވަސް އަރުވާލައިގެން ނޫޅެ އެކަން މަޑުމަޑުން، ވިޔަފާރިވެރިންނަށް ގެއްލުން ނުވާނެ ގޮތަކަށް ކުރަންޖެހޭ ކަމަށެވެ. ޓޫރިޒަމް ވިޔަފާރިތަކުން ޑޮލަރު މާރުކުރަން މަޖުބޫރުވާ ގޮތަށް ހެދި ހިސާބުން އެ ވިޔަފާރިވެރިންގެ މެދުގައި އުފެދުނު ނުތަނަވަސްކަމުން މިއީ ފަސޭހަ ކަމެއް ނޫންކަން އެނގެ އެވެ.

"އެފަދަ ބަދަލެއް ގެންނަންވާނީ އަވަސް އަރުވާލައިގެންނެއް ނޫން. ވިސްނުން ތެރިކަމާ އެކު ކުރިއާލައި ރާވައިގެން. ފަސޭހައެއް ނުވާނެ. އެކަމަކު ވިޔަފާރިވެރިން ރުޅި އަރުވައިގެން ވެސް ހައްލެއް ނުހޯދޭނެ،" އޭނާ ވިދާޅުވި އެވެ.

ހުރިހާ ޑޮލަރެއް މާރުކުރަން ފެށުމުން، ކަޅު ބާޒާރަށް ވިޔަފާރިވެރިން ނެރޭނެ ނުވަތަ، ކޮންްޓްރޯލް ކުރާނެ ޑޮލަރެއް ނުހުންނާނެ އެވެ. އޭރުން ބޭންކުތަކުން ފަސޭހަ ކަމާ އެކު ވިޔަފާރިތަކަށް ވެސް ޑޮލަރު ގަނެވޭނެ ގޮތްތައް ފަހިވާނެ އެވެ. އޭނާ ވިދާޅުވީ ކަޅު ބާޒާރަށް ބަރޯސާވުން ކުޑަކުރަން އެންމެ މުހިއްމު ކަމަކީ، އިމްޕޯޓުކުރާ ފަރާތްތަކަށް ފަސޭހައިން ޑޮލަރު ލިބޭނެ ގޮތްތަކެއް ފަހިކޮށްދިނުން ކަމަށެވެ.

ބީއެމްއެލް ޑޮލަރު އޭޓީއެމް ކައިރީގައި ބަޔަކު ފައިސާ މާރު ކުރަނީ: ގަވައިދާ ހިލާފު ރޭޓުތަކުގައި މިކަން ކުރަނީ ވަރަށް ފުޅާކޮށް. -- ފޮޓޯ: ނިޝާން އަލީ/މިހާރު

ބީއެމްއެލް ޑޮލަރު އޭޓީއެމް ކައިރީގައި ބަޔަކު ފައިސާ މާރު ކުރަނީ: ގަވައިދާ ހިލާފު ރޭޓުތަކުގައި މިކަން ކުރަނީ ވަރަށް ފުޅާކޮށް. -- ފޮޓޯ: ނިޝާން އަލީ/މިހާރު

"މިހާރު ވިޔަފާރިތަކަށް ވީހާ ވެސް ފަސޭހަކުރަންވީ ޑޮލަރު ހޯދަން. މިހާރު އިމްޕޯޓަރުން މި ދާން ޖެހެނީ ކަޅު ބާޒާރަށް. އެތަނުން އަގު ބޮޑުކޮށް ޑޮލަރު ގަނެގެން މުދާ ގެނެސް ވިއްކަން ޖެހެނީ އަގު ބޮޑުކޮށް. އެކަމުގެ ބުރަ އުފުލަން މިޖެހެނީ އާންމުން،" އޭނާ ވިދާޅުވި އެވެ.

ކާބޯތަކެތީގެ އިންފްލޭޝަން 2021 ވަނަ އަހަރު 1.8 ޕަސެންޓުގައި ހުރުމަށް ފަހު މިހާރު ހަތް ޕަސެންޓާ ހިސާބަށް އަރައިގެން ދިއުމާ އެ މުއްދަތުގައި ޑޮލަރުގެ ތާށިކަން ބޮޑުވަމުން ދިއުމާ ގުޅުވާލެވެ އެވެ. އެހެންވެ ބާޒާރުގެ އަގުތައް ދަށްކުރުމަށް ވެސް ޑޮލަރުގެ އަގު ދަށްވާނެ ގޮތެއް ހޯދަން ޖެހެ އެވެ.

ޑޮލަރުގެ މައްސަލައަށް އޮތް ދާއިމީ ހައްލަކީ ދައުލަތުގައި ފެންވަރު ހުރި ވަރަކުން ޕްރޮޖެކްޓްތައް ހިންގުމާއި އިސްރާފުތައް ކުޑަކުރުންކަން އެނގެ އެވެ. އަދި އެއާ އެކު މާލީ ދަތިކަމުން އަރައިގަތުންކަން ވެސް އެނގެ އެވެ. އެކަމަކު ކުރަން އުނދަގޫވެގެން އުޅެނީ އެ ކަންކަމެވެ.

އެމްއެމްއޭ އިން އަޅާ ފިޔަވަޅުތަކުން ޑޮލަރުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ލުޔެއް ފެނިދާނެ ކަމުގެ އުންމީދެއް އޮތަސް ޑޮލަރުގެ ކަޅު ބާޒާރަށް އެނގުންވާ ވަރުގެ ބަދަލެއްގެ ކޮޅުމަތި އަދި ފެންނާކަށް ނެތެވެ.