Roadha Mihaaru

ރުއްތަކަށް ގެއްލުންދޭ ސޫފި ކޮންޓްރޯލްކުރަން ޗައިނާގެ އެހީ

ރާއްޖޭގެ ރުއްތަކަަށް ސޫތްޕަކުން ޖެހޭ ބައްޔެއް ކޮންޓްރޯލް ކުރަން އެހީތެރިކަންފޯރުކޮށް ދިނުމުގެ އެއްބަސްވުމެއްގައި އެގްރިކަލްޗަ މިނިސްޓްރީން ޗައިނާއާ އެކު އިއްޔެ ސޮއިކޮށްފި އެވެ.

ރުކަށް ގެއްލުންދޭ ސޫފި ކޮންޓްރޯލްކުރަން ޗައިނާގެ އެހީ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

16 ޖުލައި 2025

ރާއްޖޭގެ ރުއްތަކަަށް ސޫތްޕަކުން ޖެހޭ ބައްޔެއް ކޮންޓްރޯލް ކުރަން އެހީތެރިކަންފޯރުކޮށް ދިނުމުގެ އެއްބަސްވުމެއްގައި އެގްރިކަލްޗަ މިނިސްޓްރީން ޗައިނާއާ އެކު އިއްޔެ ސޮއިކޮށްފި އެވެ.

ކާށި ލިބުން މަދުވާ މައްސަލައާ ގުޅުން ހުރި މި ޕެސްޓް ކޮންޓްރޯލް ކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ އެވެ. ޗައިނާއިން ސޮއިކުރެއްވީ ސަފީރު ކޮންގް ޝިއަންހުއާ އެވެ.

ދިވެހި ރުއްތަކުގައި އަޅާ ޕެސްޓް ކޮންޓްރޯލް ކުރުމުގެ އެެއްބަސްވުމުގައި މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ އަދި ޗައިނާ ސަފީރު ކޮންގް ޝިއަންހުއާ ސޮއިކުރެއްވުމަށް ފަހު ފޮޓޯއަށް ހުއްޓިގެން. -- ފޮޓޯ: މިނިސްޓްރީ

ދެ އަހަރު ދުވަހުގެ މި ޕްރޮޖެކްޓުގެ އަމާޒަކީ ރާއްޖޭގެ ފުޑް ސެކިއުރިޓީއަށާއި އެގްރިބިޒްނަސް ކުރިއެރުވުމަށް ވެސް މުހިންމު ބާވަތެއްކަމުގައި ކަނޑައަޅާފައިވާ ދިވެހި ރުއް ހިމާޔަތްކުރުމެވެ. ބޭރުން ރާއްޖެއަށް އެތެރެކޮށްފައިވާ ރުކާއި ރުކުގެ ބައިތަކަށް ގެއްލުންދޭ ޕެސްޓު މި ޕްރޮގްރާމްގެ ދަށުން ކޮންޓްރޯލްކުރަން މަސައްކަތްކުރާނެ އެވެ.

ރާއްޖޭގެ ރުއްތަކަށް ޖެހޭ އެ ބަލި ފެތުރެނީ ދިރޭ ސޫތްޕެއްގެ ސަބަބުންނެވެ. އެ ސޫފި ރުކުގެ ފަނާއި ގަހުގެ ފެހި ބައިތަކަށް ހަމަލާދިނުމުން ސޫޓީމޯލްޑް ކިޔާ ކަޅުކުލައިގެ ފަންގަސްއެއް (ކަޅުކޫޑި ބަލި) ފެތުރި، ގަސްތައް ނިކަމެތިވެ ބައެއް ގަސްތައް މަރު ވެސް ވެ އެވެ.