Roadha Mihaaru

ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވި ދެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

ހައި ކޯޓުގެ ދެ ފަނޑިޔާރަކު ސުޕްރީމް ކޯޓަށް އައްޔަން ކުރުމުން އެ ކޯޓުގެ ބެންޗުން ހުސްވި ދެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

10 ޖުލައި 2025

ހައި ކޯޓުގެ ދެ ފަނޑިޔާރަކު ސުޕްރީމް ކޯޓަށް އައްޔަން ކުރުމުން އެ ކޯޓުގެ ބެންޗުން ހުސްވި ދެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

ހައި ކޯޓުގެ ބެންޗުން ދެ މަގާމެއް ހުސްވީ އެ ކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި ހުސައިން ޝަހީދާއި ފަނޑިޔާރު މުހައްމަދު ސަލީމް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ދާދިފަހުން އައްޔަން ކުރެއްވުމުންނެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ކުރި އިއުލާނުގައިވާ ގޮތުން އެ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ. އެ މަގާމުގެ ތައުލީމީ ޝަރުތަކީ ޝަރުއީ އަދި ގާނޫނީ ދާއިރާއިން ޑިގްރީއެއް އޮތުމާއެކު ފަނޑިޔާރުކަން ނުވަތަ ވަކީލުކަމުގައި ފަސް އަހަރު ދުވަހުގެ ތަޖްރިބާ ހުރުމެވެ. އަދި އުމުރުން 25 އަހަރުވެފައިވުމާއި އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅޭ ކުށެއް ނުވަތަ ރިޝްވަތު ނުވަތަ ހިޔާނާތުގެ ކުށެއް ސާބިތުވެފައި ނެތުމަކީ ވެސް ޝަރުތެކެވެ.

ހައި ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާއެކު މަހަކު 64،000ރ. ލިބޭނެ އެވެ.

ހައި ކޯޓުގެ ދެ ފަނޑިޔާރަކު ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވީ އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މިދިޔަ ފެބްރުއަރީ މަހު ސަސްޕެންޑް ކުރުމުން އޭގެ ތެރެެއިން ސުއޫދު އިސްތިއުފާ ދެއްވުމުންނާއި އަދި އަޒްމިރަލްދާ އާއި މަހާޒް ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމުމުންނެވެ.

އެހެންވެ، ސުޕްރީމް ކޯޓުގެ ބެންޗުން ހުސްވި ތިން މަގާމަށް އައްޔަން ކުރެއްވީ ފަނޑިޔާރު ޝަހީދާއި ފަނޑިޔާރު ސަލީމްގެ އިތުރުން ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދެވެ.