މާލޭގެ މަޝްހޫރު ރެސްޓޯރެންޓެއް ކަމަށްވާ އޮލިވް ގާޑަންއަށް ފޭކް ސްލިޕް ފޮނުވައިގެން 115,000ރ. ގެ ތަކެތި ކެއި މީހަކު ނުވަ މަހަށް ޖަލަށް ލުމަށާއި އަހަރަކަށް ވުރެ ގިނަ ދުވަހަށް ގޭ ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
07 ޖުލައި 2025
މާލޭގެ މަޝްހޫރު ރެސްޓޯރެންޓެއް ކަމަށްވާ އޮލިވް ގާޑަންއަށް ފޭކް ސްލިޕް ފޮނުވައިގެން 115,000ރ. ގެ ތަކެތި ކެއި މީހަކު ނުވަ މަހަށް ޖަލަށް ލުމަށާއި އަހަރަކަށް ވުރެ ގިނަ ދުވަހަށް ގޭ ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
އެ މައްސަލަ ސާބިތުވީ ދ. ކުޑަހުވަދޫ، ޑޭޒީމާގެ، އަބްދުﷲ ފަޒީލްގެ މައްޗަށެވެ.
ދައުލަތުން އޭނާގެ މައްޗަށް ދެ ދައުވާއެއް ކޮށްފައިވެ އެވެ. އެއީ، މަރަކާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާ އާއި މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ކުށުގެ ދައުވާ އެވެ. އޭނާގެ މައްޗަށް މި ދެ ދައުވާކޮށްފައި ވަނީ އެއް ހާދިސާއަކާ ގުޅިގެން ކަމަށް ވާތީ، އެ ދެ ދައުވާގެ ޝަރީއަތް ކުރިއަށް ގެންދިޔައީ އެއްކޮށެވެ.
ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނީ އޮގަސްޓް 22، 2019 އިން ފެށިގެން އޮކްޓޯބަރު 25، 2021 ގެ ނިޔަލަށް އެކި ދުވަސް މަތިން އޭނާ އޮލިވް ގާޑެން ރެސްޓޯރެންޓުން ކާ ތަކެތި އޯޑަރުކޮށް، ކާ ތަކެތި ބަލައިގަނެފައިވާ ކަމަށެވެ. އޭނާ އެ ތަކެއްޗަށް ފައިސާ ދެއްކުމުގެ ގޮތުން އަސްލު ބިލުގައިވާ ފައިސާއަށް ވުރެ މަދުން ފައިސާ ފޮނުވާފައިވާ ކަމަށާއި ސައްހަ ނޫން ސްލިޕް ހަދައިގެން ވެސް ވައިބާ މެދުވެރިކޮށް އެ ރެސްޓޯރެންޓަށް ސްލިޕް ފޮނުވާ ކަމަށް އެ ހުކުމްގައި ބުންޏެވެ.
ސައްހަ ނޫން ސްލިޕް ފޮނުވައިގެން އެ ރެސްޓޯރެންޓުން އެކި ދުވަސްމަތިން 115،000ރ. ގެ ވިޔަފާރި އޭނާ ކޮށްފައިވާ ކަމަށް ހުކުމްގައިވެ އެވެ.
ފަޒީލް ވަނީ ކޯޓުގައި އެ ދެ ދައުވާ އަށް ވެސް އިއުތިރާފުވެފަ އެވެ.
މަކަރާއި ހީލަތް ހެދުމުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާތީ އާއި ކުށަށް އިއުތިރާފުވެފައި ވާތީ އަދި ބަންދުގައި ހޭދަކުރި ދުވަސްތައް ކެނޑުމަށް ފަހު، ފަޒީލް ހަ މަސް ދުވަހަށް ގޭގައި ބަންދުކޮށް، އެއް އަހަރާއި 22 ދުވަހަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފަ އެވެ. ގޭގެ ބަންދުގެ މުއްދަތެއް ދިނީ އޭނާ ކޯޓުގައި އެކަމަށް އެދިފައި ވާތީ އެވެ.
މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ކުށުގެ ދައުވާ ފަޒީލްގެ މައްޗަށް ސާބިތުވާތީ އާއި ކުށަށް އިއުތިރާފުވެފައި ވާތީ އަދި ބަންދުގައި ހޭދަކުރި ދުވަސްތައް ކެނޑުމަށް ފަހު، އޭނާ ތިން މަހާއި 18 ދުވަހަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފަ އެވެ.
އެހެންވެ، އެއް އަހަރާއި ހަތަރު މަސްދުވަހަށް ވުރެ ގިނަ ދުވަސް ފަޒީލް ޖަލުގައި ހުންނަން ޖެހޭނެ އެވެ.
މި މައްސަލާގައި އޮލިވް ގާޑެން ރެސްޓޯރެންޓް ހިންގާ ކުންފުނި، ސަންރައިޒް މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓުން ވަނީ އޮޅުވާލައިގެން ފަޒީލް ހިންގި މުއާމަލާތްތަކާ ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 115،000ރ. ނަގައިދޭން ވެސް އެދިފަ އެވެ. ކޯޓުން ވަނީ މިއަދުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި އެ ކުންފުންޏަށް އެ ފައިސާ ދައްކަން ފަޒީލްގެ މައްޗަށް ހުކުމް ކޮށްފަ އެވެ.
ސްކޭމުގެ ބޮޑެއް އަތުލައިގަންނަން އެހީވީ އާންމުން
ދިވެހިބަސް ނޭނގޭ ދިވެއްސަކަށް ތަރުޖަމާނެއްގެ އެހީ
ސްކޭމެއްގައި 1.8 މިލިއަން، އަދަބަކީ ޖޫރިމަނާއެއް
ރެސްޓޯރެންޓެއްގައި މީހަކު މަރާލި މައްސަލަ ނިމުމަކާގާތަށް
ދޮޅުލައްކަ ރުފިޔާގެ މުދާ އޮޅުވާލައިގެން ހޯދުމުން ޖަލަށް
އެޕާޓްމަންޓުތަކުން ސްކޭމް ހިންގި ހުނައިން ޖަލަށްލައިފި
މަކަރާއިހީލަތް ހަދައިގެން އަހަރުތެރޭ 9 ފަހަރު ހައްޔަރު
ފޭކް ކުންފުންޏަކުން އޮޅުވާލައިގެން މުދާ ހޯދާ މީހެއް!
ޑްރަގްނެޓްވޯކެއްގައި ހިމެނޭ މީހަކު 18 އަހަރަށް ޖަލަށް
ކްރިކެޓް އޮފީސް ނަހަމަ ގޮތުގައި ބޭނުންކުރުމުން ފިޔަވަޅު