Roadha Mihaaru

މަޖީދީމަގާއި ބޮޑުތަކުރުފާނު މަގުގައި ޕާކުކުރި 420 އުޅަނދު ޓޯ ކޮށްފި

މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުގައި ގަވާއިދާ ހިލާފަށް ޕާކު ކޮށްގެން 420 އުޅަނދު ޓޯ ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ބޮޑު ދެ މަގުން ދެ ހަފުތާ ތެރޭ 420ވެހިކަލް ޓޯކޮށްފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

01 ޖުލައި 2025

މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުގައި ގަވާއިދާ ހިލާފަށް ޕާކު ކޮށްގެން 420 އުޅަނދު ޓޯ ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މާލޭގެ އެންމެ ހަލަބޮލި، ދެ މަގުގައި، އާއްމު ދަތުރުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާ ގޮތަށް ގަވާއިދާ ޚިލާފަށް ޕާކުކުރާ މައްސަލަ ބޮޑުވުމުން ފުލުހުން ވަނީ މިދިޔަ މަހުން ފެށިގެން އެ ދެ މަގުން ވެހިކަލް ޓޯކުރަން ފަށައިފަ އެވެ.

ފުލުހުން މިއަދު ވަނީ މިދިޔަ މަހުގެ 12 އިން 30 އަށް އެ ދެ މަގުން ޓޯކުރި އުޅަނދުތަކުގެ އަދަދު އާންމުކޮށްފަ އެވެ.

މަޖީދީ މަގުން ޓޯކުރި އުޅަނދުތަކުގެ އަދަދު

- 216 ސައިކަލު

- ހަތަރު ފުރޮޅުލީ ދެ އުޅަނދު

- ތަކުރާރުކޮށް އެއް ސައިކަލު ޓޯކުރި

ބޮޑުތަކުރުފާނު މަގުން ޓޯކުރި އުޅަނދުތަކުގެ އަދަދު

- 164 ސައިކަލު

- ހަތަރު ފުރޮޅުލީ 64 އުޅަނދު

- ތަކުރާރުކޮށް އެއް ކާރު ޓޯކުރި

ޖުމްލަ 420 އުޅަނދެއް ޓޯކޮށްފައި ވާއިރު، އެ ދެ މަގުގައި ޕާކުކުރުން މަނާކަން އަންގައި ފުލުހުން ވަނީ ކޯނު ޖަހައި ޓޭޕު ދަމައިފަ އެވެ. އަދި ބައެއް ހިސާބުތަކުގައި ބެރިކޭޑު ވެސް ބަހައްޓާފައި ހުރެ އެވެ.

ފުލުހުން ބުނެފައި ވަނީ އެ ދެ މަގުން ޓޯކުރާ އުޅަނދުތައް ދޫކުރާނީ 48 ގަޑިއިރު ފަހުން ކަމަށެވެ. ޓޯކުރާ ވެހިކަލްތައް ފުލުހުން ދޫކުރަނީ 750ރ. ގެ ޖޫރިމަނާއާ އެކު، ކުރިން ކޮށްފައި ހުރި ވެހިކަލްގެ އެހެން ޖޫރިމަނާތަކާއި ނުދައްކާ ހުރި އަހަރީ ފީތައް ވެސް ދައްކައި ހަލާސް ކުރުމުންނެވެ.

ފިހާރަތައް ގިނަ މަޖީދީ މަގުގެ ދެ ފަރާތުގައި ޕާކުކުރުމުގެ މައްސަލަ ބޮޑުވެފައިވާ އިރު، ފުލުހުން އެދެނީ ޕާކިން ޒޯނުގައި ޕާކުކުރުމަށެވެ. ބޮޑުތަކުރުފާނު މަގުގައި ތާރު އަޅާފައި އޮތް ސަރަހައްދުގެ އެއްވެސް ހިސާބެއްގައި ވެހިކަލް ޕާކުކުރުމަކީ މަނާ ކަމެކެވެ. ނަމަވެސް، އާޓިފިޝަލް ބީޗު ސަރަހައްދާއި ސަލްމާން މިސްކިތް ހުންނަ ސަރަހައްދުގައި ވެހިކަލް ޕާކުކުރުން ވަނީ އާންމު ކަމަކަށް ވެފަ އެވެ.