Roadha Mihaaru

މަގުމައްޗަށް ދޫކޮށްލާފައި ހުންނަ ވެހިކަލްތައް ނަގަން ފަށައިފި

މާލޭގެ މަގުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ބޭނުންނުކޮށް ބަހައްޓާފައި ހުރި އުޅަނދުތައް ނަގަން ފަށައިފި އެވެ.

މަގުމައްޗަށް ދޫކޮށްލާފައި ހުންނަ ވެހިކަލްތައް ނަގަނީ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

16 އޯގަސްޓް 2025

މާލޭގެ މަގުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ބޭނުންނުކޮށް ބަހައްޓާފައި ހުރި އުޅަނދުތައް ނަގަން ފަށައިފި އެވެ.

ފުލުހުން ބުނީ މާލޭގެ މަގުތަކަކީ އެެންމެންނަށް ރައްކާތެރި، ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރާ މަސައްކަތުގެ ދަށުން، މަގުތަކުގައި އާންމުންނަށް އުނދަގޫވާ ގޮތަށް، ދިގު މުއްދަތަކަށް ބޭނުންނުކޮށް ދޫކޮށްލާފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ މަސައްކަތް ކުރަމުން އަންނަނީ ފުލުހުންގެ އިތުރުން ސިޓީ ކައުންސިލާއި ލޯކަލް ގަވަމެންޓް މިނިސްޓްރީ ގުޅިގެން ކަމަށް ބުންޏެެވެ.

ފުލުހުން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި މަގުތަކުގައި ބަހައްޓާފައި ހުރި ބޮޑެތި ޕިކަޕާއި ސައިކަލުތަކެއް ވެސް ވަނީ ނަގައިފަ އެވެ. އެކަމަކު މަގުތަކުން މިހާތަނަށް ނަގާފައިވަނީ ކިހާ އުޅަނދެއް ކަމެއް އަދި ނުބުނެ އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް ފުލުހުން ވަނީ މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ގިނަ ދުވަސްވަންދެން ބޭނުންނުކޮށް ބަހައްޓާފައި ހުރި 200 އަށް ވުރެ ގިނަ އުޅަނދު މަގުތަކުން ނަގައި ޓޯކޮށްފަ އެވެ.

ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ހަތް ދުވަސް ވަންދެން ވެހިކަލެއް ތަނެއްގައި ބަހައްޓައިފި ނަމަ، ޓޯކުރުމުގެ ބާރު ފުލުހުންނަށް ލިބެ އެވެ. އެއީ، ޕާކިން ޒޯނެއްގައި ބަހައްޓާފައި ހުރި ސައިކަލަކަށް ވިޔަަސް އެގޮތަށް އަމަލުކުރެވެ އެވެ.