Roadha Mihaaru

"ކާންޓާ ލަގާ" އިން މަޝްހޫރުވި ޝެފާލީ މަރުވެއްޖެ

ދިވެހިންގެ މެދުގައި ވެސް މަޝްހޫރު ހިންދީ ލަވައެއް ކަމަށްވާ "ކާންޓާ ލަގާ"ގެ ރިމިކްސް އިން މަޝްހޫރުވި އިންޑިއާގެ އެކްޓްރެސް ޝެފާލީ ޖަރީވާލާ ކުއްލި ގޮތަކަށް ރޭ މަރުވެއްޖެ އެވެ.

"ކާންޓާ ލަގާ" އިން މަޝްހޫރުވި ޝެފާލީ މަރުވެއްޖެ

ދިވެހިންގެ މެދުގައި ވެސް މަޝްހޫރު ހިންދީ ލަވައެއް ކަމަށްވާ "ކާންޓާ ލަގާ"ގެ ރިމިކްސް އިން މަޝްހޫރުވި އިންޑިއާގެ އެކްޓްރެސް ޝެފާލީ ޖަރީވާލާ ކުއްލި ގޮތަކަށް ރޭ މަރުވެއްޖެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އުމުރުން 42 އަހަރުގެ ޝެފާލީ އިމަޖެންސީގައި އިންޑިއާގެ މުމްބާއީގެ ބެލޫވީ މުނިސިޕަލްޓީ ހޮސްޕިޓަލަށް ރޭގައި ގެންދިޔަ އެވެ.

ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ އޮތީ މަރުވެފައި ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ނޫސްތަކުން ބުންޏެވެ.

ޝެފާލީ ގޮވައިގެން ހޮސްޕިޓަލަށް ދިޔައީ އޭނާގެ ފިރިމީހާ އަދި އިންޑިއާގެ އެކްޓަރު ޕަރަގް ތިޔާގީ އެވެ.

އޭނާ މަރުވި ގޮތެއް އާއިލާއިން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ނަމަވެސް، ބައެއް ނޫސްތަކުން ބުނީ ފުލުހުން ޝެފާލީގެ ޕޯސްޓްމޯޓަމް ހަދަން ނިންމައި އޭނާގެ ހަށިގަނޑު މުމްބާއީގައި ހުންނަ ކޫޕާ ހޮސްޕިޓަލަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ. އަދި ޝެފާލީގެ މަރާ ގުޅޭ ގޮތުން އޭނާގެ ގޭގައި މަސައްކަތްކުރާ ކައްކާ އާއި މަސައްކަތު މީހަކާ ވެސް ފުލުހުން ސުވާލުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުންޏެވެ.

ޝެފާލީ މަޝްހޫރުވީ 2002 ވަނަ އަހަރު ނެރުނު ހިންދީ ލަވަ "ކާންޓާ ލަގާ"ގެ ރީމިކްސް ވީޑިއޯ ލަވައިންނެވެ. އެއީ އިންޑިއާގައި ޕޮޕް މިއުޒިކް ވައިގައިހިފި ދުވަސްވަރެވެ.

އޭގެފަހުން ޝެފާލީ ވަނީ އިންޑިއާގެ އެންމެ ބޮޑު ރިއާލިޓީ ޝޯ "ބިގް ބޮސް"ގެ 13 ވަނަ ސީޒަންގައި ބައިވެރިވެފަ އެވެ. އެ ޝޯއިން ގިނަ ބައެއް ލޯބި ވެސް އޭނާއަށް ލިބުނެވެ. އަދި އިންޑިއާގެ ޑާންސް ރިއަލިޓީ ޝޯ "ނަޗް ބަލިޔޭ"ގެ ފަސްވަނަ އަދި ހަތްވަނަ ސީޒަންގައި އޭނާގެ ފިރިމީހާއާ އެކު ބައިވެރިވި އެވެ.

ޕަރަގް އާއި ޝެފާލީ ކައިވެނިކުރީ 2015 ވަނަ އަހަރު އެވެ.

ޝެފާލީ ވަނީ 2004 ވަނަ އަހަރު ނުކުތް ސަލްމާން ޚާން އާއި އަކްޝޭ ކުމާރް އަދި ޕްރިޔަންކާ ޗޯޕްރާގެ ފިލްމު "މުޖުޝޭ ޝާދީ ކަރޯގީ"ގެ ކުޑަ ރޯލެއް ވެސް ކުޅެފަ އެވެ.