Roadha Mihaaru

އިންޑިއާ ފުޓްބޯޅައިގެ ރައީސަށް ބުޓިއާގެ ނުރުހުން

އިންޑިއާ ފުޓްބޯޅަ އަޑިއަޅާލުމުގެ ޒިންމާ ނަގަން ޖެހޭނީ އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) ގެ ރައީސް ކަލްޔާން ޗޯބޭ ކަމަށް ބުނެ، އޭނާ އަށް ފެޑެރޭޝަނުގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރު އަދި އިންޑިއާ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ބައިޗުން ބުޓިއާ ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

އިންޑިއާ ފުޓްބޯޅައިގެ ރައީސަށް ބުޓިއާގެ ނުރުހުން

އިންޑިއާ ފުޓްބޯޅަ އަޑިއަޅާލުމުގެ ޒިންމާ ނަގަން ޖެހޭނީ އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) ގެ ރައީސް ކަލްޔާން ޗޯބޭ ކަމަށް ބުނެ، އޭނާ އަށް ފެޑެރޭޝަނުގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރު އަދި އިންޑިއާ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ބައިޗުން ބުޓިއާ ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

ޗޯބޭ އާއި ބުޓިއާ އަކީ، އިންޑިއާ އިން 1999 އާއި 2005 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ގައުމީ ޓީމަށް ކުޅުނު ދެ ކުޅުންތެރިންނެވެ.

ކުރީގެ ގޯލްކީޕަރު ޗޯބޭ އޭއައިއެފްއެފް ރައީސްކަމާ ހަވާލުވީ 2022 ގައި އޮތް އިންތިހާބުގައި ބުޓިއާ ބަލިކުރުމަށް ފަހު އެވެ.

ބުޓިއާ ބުނީ ކޮރަޕްޝަނުގެ ތުހުމަތުތަކާއި، އެކިއެކި މައްސަލަތަކާއި، އަވަސް އަވަހަށް ޖެނެރަލް ސެކްރެޓަރީ ބަދަލުކުރުން ފަދަ އެތައް ކަމަކާ ގުޅިގެން މިދިޔަ ދެ ތިން އަހަރު އިންޑިއާ ފުޓްބޯޅަ ދިޔައީ ފަހަތަށް ކަމަށާއި، އެކަމުގައި ޗޯބޭ ޒިންމާވާން ޖެހޭ ކަމަށެވެ.

"އެބަ ބޭނުންވޭ ތެދުވެރިކަމާއި، އިހުލާސްތެރިކަމާ އެކު އިންޑިއާ ފުޓްބޯޅަ އަލުން މައްޗަށް އުފުލައިދޭން މަސައްކަތްކުރާނެ މީހެއް،" ބުޓިއާ ބުންޏެވެ. "އަހަންނަކަށް ނޭގޭ ބުނާކަށް ޗޯބޭ ވަކިކުރުމުން ފުޓްބޯޅައިގެ ފެންވަރު މައްޗަށް ދާނެ ކަމެއް، އެކަމަކު ޔަގީންވާ ކަަމަކީ މިއަށް ވުރެ ދަށަކަށް ނުދާނެކަން."

ބުޓިއާ ބުނީ ޗޯބޭ އަށް ތާއީދުކުރި މީހުންނަށް ވެސް މިހާރު، އެއީ ހެދުނު ގޯހެއްކަން ވިސްނިފައިވާ ކަމަށެވެ.

ރައްދުގައި ޗޯބޭ ބުނީ 2022 ގައި ބުޓިއާ އިންތިހާބުން ބަލިވި ފަހުން މިފަދަ އަސާސެއް ނެތް ތުހުމަތުތަކެއް ކުރަމުން އަންނަ ކަމަށާއި، މީގެ ސަބަބުން ގެއްލުވާނީ ހަމައެކަނި ފެޑެރޭޝަނަށް ނޫން ކަމަށާއި، މިއީ ބައިނަލްއަގްވާމީ މައިދާނުގައި އިންޑިއާ ފުޓްބޯޅައާ މެދު ގޯސް ތަސައްވުރެއް އުފެދޭނެ ކަމެއް ކަމަށެވެ.

ޗޯބޭ ބުނީ ބުޓިއާގެ ފަރާތުން ހިޔާލާއި، ލަފާ ބޭނުންވާ ކަމަށާއި، އެގްޒެކެޓިވް ކޮމިޓީ މެމްބަރެއްގެ ހައިސިއްޔަތުން ބުޓިއާ އަށް އެކަންކަން ފެޑެރޭޝަނަށް ފޯރުކޮށްދެވެން ވެސް އެބައޮތް ކަމަށެވެ. އެހެންވެ ދެން އޮންނަ ބައްދަލުވުމެއްގައި ބުޓިއާ އެކަން ކުރާނެ ކަމަށް އުއްމީދުކުރާ ކަމަށް އޭނާ ބުންޏެވެ.

ޗޯބޭގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަން އެ ގައުމުގެ ވިއްސަށް ވުރެ ގިނަ ސްޓޭޓް އެސޯސިއޭޝަނުން މިދިޔަ ޖެނުއަރީ މަހު މަސައްކަތްކުރި އެވެ.

ޗޯބޭ އަށް އެންމެ ބޮޑަށް ނުރުހުން އަމާޒުވީ ފެޑެރޭޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން ޝާޖީ ޕްރަބާކަރަން ވަކިކުރުމުންނެވެ. ކުރިން ފީފާގައި ވެސް މަސައްކަތްކުރި ޝާޖީ ވަނީ، ޗޯބޭ އެތިކްސްއާ ހިލާފުކަމުގެ ޝަކުވާތަކެއް ފީފާ އާއި އޭއެފްސީ އަށް ވެސް ހުށަހަޅައިފަ އެވެ.

އިންޑިއާގެ ސީނިއާ އަދި ޖޫނިއާ ގައުމީ ޓީމުތަކާއި، އަންހެން ޓީމުގެ ނަތީޖާ ދަށްވުމަކީ ވެސް ޗޯބޭ އަށް ފާޑުކިއުން އަމާޒުވި ސަބަބެކެވެ. އަދި ގައުމީ ކޯޗުކަމުން އިގޯ ސްޓިމަކް ވަކިކޮށް އޭނާ އަށް ބަދަލެއްގެ ގޮތުގައި 400،000 ޑޮލަރު ދޭން ޖެހުމަކީ ވެސް ޗޯބޭގެ ގާބިލްކަމާ މެދު މީހުން ސުވާލު އުފައްދާ ކަމެކެވެ.