އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) ގެ ރައީސް ކަލްޔާން ޗޯބޭގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަން އެ ގައުމުގެ ވިއްސަށް ވުރެ ގިނަ ސްޓޭޓް އެސޯސިއޭޝަނުން މަސައްކަތްކުރަމުން އަންނަ ކަމަށް ހިންދުސްތާން ޓައިމްސް އިން ރިޕޯޓްކޮށްފި އެވެ.
25 ޖެނުއަރީ 2025
އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) ގެ ރައީސް ކަލްޔާން ޗޯބޭގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަން އެ ގައުމުގެ ވިއްސަށް ވުރެ ގިނަ ސްޓޭޓް އެސޯސިއޭޝަނުން މަސައްކަތްކުރަމުން އަންނަ ކަމަށް ހިންދުސްތާން ޓައިމްސް އިން ރިޕޯޓްކޮށްފި އެވެ.
އެ އެސޯސިއޭޝަންތަކުން މަސައްކަތްކުރަނީ އަސާސީ ގަވާއިދުގެ ދަށުން އެކްސްޓްރާ އޯޑިނަރީ ބައްދަލުވުމެއް ބޭއްވުމަށެވެ. އަސާސީ ގަވާއިދު ބުނާ ގޮތުގައި މެމްބަރުންގެ ތެރެއިން ތިން ބައި ކުޅަ އެއްބައި ސޮއިކޮށްފި ނަމަ އެފަދަ ބައްދަލުވުމެއް 60 ދުވަހުގެ ތެރޭ ބާއްވަން ޖެހޭނެ އެވެ. އަދި އުސޫލުގެ ދަށުން އެފަދަ ބައްދަލުވުމެއްގައި ފީފާ އާއި އޭއެފްސީގެ މަންދޫބުން ވެސް އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވާން ޖެހޭނެ އެވެ.
ނަން ހާމަކުރަން ނޭދޭ މަސްދަރުތަކާ ހަވާލާދީ ހިންދުސްތާން ޓައިމްސް އިން ބުނި ގޮތުގައި މަދުވެގެން 12 މެމްބަރުންގެ ސޮޔާ އެކު ބާއްވައިދޭން ޖެހޭ އެ ބައްދަލުވަން ބާއްވަން އޭގެ ދެގުނަ މެމްބަރުން ތިބީ އެދޭ ގޮތަށް ކަމަށެވެ.
އިންޑިއާ ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު ޗޯބޭ އޭއައިއެފްއެފް ރައީސްކަމާ ހަވާލުވީ ކުރީގެ ފޯވާޑް ބައިޗުން ބުޓިއާއާ ވާދަކޮށް 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އޮތް އިންތިހާބު ކާމިޔާބުކޮށްގެންނެވެ.
މަސްދަރަކުން ބުނި ގޮތުގައި އެއްވެސް އެސޯސިއޭޝަނަކުން ޗޯބޭއާ ޒާތީ ކަމެއް ނެތް ކަމަށާއި މައްސަލައަކީ އޭނާ ހަވާލުވި ފަހުން ހުރިހާ ކަމެއް ގޯހުން ގޯހަށް ދިއުން ކަމަށެވެ. އަދި ރައީސް ކަމަށް ގެންނާނެ ވަކި މީހަކު މިވަގުތު ނެތް ކަމަށް ވެސް އޭނާ ބުންޏެވެ.
ޗޯބޭ އަށް އެންމެ ބޮޑަށް ނުރުހުން އަމާޒުވީ އޭއައިއެއްއެފްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން ޝާޖީ ޕްރަބާކަރަން ވަކިކުރުމުންނެވެ. ކުރިން ފީފާގައި ވެސް މަސައްކަތްކުރި ޝާޖީ ވަނީ، ޗޯބޭ އެތިކްސްއާ ހިލާފުކަމުގެ ޝަކުވާތަކެއް ދާދި ފަހުން ފީފާ އާއި އޭއެފްސީ އަށް ވެސް ހުށަހަޅައިފަ އެވެ.
އިންޑިއާގެ ސީނިއާ އަދި ޖޫނިއާ ގައުމީ ޓީމުތަކާއި، އަންހެން ޓީމުގެ ނަތީޖާ ދަށްވުމަކީ ވެސް ޗޯބޭ އަށް ފާޑުކިއުން އަމާޒުވި ސަބަބެކެވެ. އަދި ގައުމީ ކޯޗުކަމުން އިގޯ ސްޓިމަކް ވަކިކޮށް އޭނާ އަށް ބަދަލެއްގެ ގޮތުގައި 400،000 ޑޮލަރު ދޭން ޖެހުމަކީ ވެސް ޗޯބޭގެ ގާބިލްކަމާ މެދު މީހުން ސުވާލު އުފައްދާ ކަމެކެވެ.
އޭއައިއެފްއެފްގެ ފުލް މެމްބަރުންގެ ގޮތުގައި ތިބެނީ 36 ސްޓޭޓެކެވެ. އޭގެ ތެރެއިން ޓެމިލް ނާޑޫ އާއި ޖައްމު ކަޝްމީރަށް މިވަގުތު ވޯޓުލުމުގެ ހައްގެއް ނެތެވެ.