Roadha Mihaaru

އިންޑިއާ ފުޓްބޯޅައިގެ އިސް މަގާމަކަށް ކުރީގެ ފޯވާޑް ވިޖަޔަން ހަމަޖައްސައިފި

އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) ގެ އާ ޓެކްނިކަލް ކޮމިޓީގެ ޗެއާމަނަކަށް އެ ގައުމުގެ ކުރީގެ އެއް ވަނަ ފޯވާޑް އައި.އެމް ވިޖަޔަން ހަމަޖައްސައިފި އެވެ.

އިންޑިއާ ފުޓްބޯޅައިގެ އިސް މަގާމަކަށް ވިޖަޔަން
މުހައްމަދު ހަމްދޫން
މުހައްމަދު ހަމްދޫން

20 ސެޕްޓެމްބަރ 2022

އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) ގެ އާ ޓެކްނިކަލް ކޮމިޓީގެ ޗެއާމަނަކަށް އެ ގައުމުގެ ކުރީގެ އެއް ވަނަ ފޯވާޑް އައި.އެމް ވިޖަޔަން ހަމަޖައްސައިފި އެވެ.

ވިޖަޔަން މި މަގާމަށް ހަމަޖެއްސީ، ފީފާގެ ސަސްޕެންޝަނަށް ފަހު ބޭއްވި އޭއައިއެފްއެފްގެ އިންތިހާބު ކާމިޔާބުކުރައްވައި ރައީސްގެ މަގާމަށް ވަޑައިގެންނެވި ކަލްޔާން ޗޯބޭ އެވެ.

ޗޯބޭ އަކީ ވިޔަޖަންގެ މޮޅު ކުޅުމާ އެކު އިންޑިއާ އިން 1999 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުރިއިރު އެ ޓީމުގެ ގޯލްކީޕަރެކެވެ.

ޗޯބޭ އަންނަނީ ފީފާގެ އެހީއާ އެކު އިންޑިއާ ފުޓްބޯޅައަށް ބޮޑު ބަދަލެއް ގެންވަން މަސައްކަތްކުރައްވަމުންނެވެ.

ޑުރާންޑް ކަޕުގެ ފައިނަލުގެ ކުރިން ޓެކްނިކަލް ކޮމިޓީން ވަނީ އާދީއްތަ ދުވަހު ކަލްކަތާގައި ބައްދަލުކޮށް، އިއްޔެގެ އެގްޒެކެޓިވް ކޮމިޓީ އަށް ނިންމުންތަކެއް ހުށަހަޅައިފަ އެވެ.

ޓެކްނިކަލް ކޮމިޓީން ވަނީ އިންޑިއާ ގައުމީ ޓީމުގެ ކޯޗު އިގޯ ސްޓިމަޗްގެ ކޮންޓްރެކްޓް އަންނަ އަހަރުގެ އޭޝިއަން ކަޕުގެ ނިޔަލަށް އާކުރަން ލަފާދީފަ އެވެ.

އެ ކޮމިޓީން ވަނީ، އިންޑިއާ ފުޓްބޯޅަ އެކުގައި ކުރިއަށް ގެންދިއުމަށްޓަކައި، ކޯޗުންނަށް ތަޖުރިބާ ހޯދައިދޭން އެ ކޯޗުންގެ ބޭނުން އުމުރުފުރާތަކުގެ ޓީމުތަކުގައި ހިފާތޯ ޔަގީންކުރުމަށް ވެސް އެދިފަ އެވެ.

މީގެ އިތުރުން ކޮމިޓީން ވަނީ، ޒުވާން ކުޅުންތެރިންނަށް ތަޖުރިބާ ހޯދައިދޭން ވެގެން އައި ލީގުގައި ވާދަކުރަން އެކުލަވާލާފައިވާ ޓީމެއް ކަމަށްވާ އިންޑިއަން އެރޯސް އެ މުބާރާތުގައި ބައިވެރިވުން ހުއްޓާލަން ވެސް ނިންމައިފަ އެވެ. އޭގެ ސަބަބަކީ އެ ޓީމު އޭއެފްސީ ކްލަބް ލައިސަންސް ކްރައިޓީރިއާ އަށް ފައްތަން އުނދަގޫވުމެވެ.

އެ ޓީމަށް ހޭދަކުރަން ހަމަޖައްސާފައިވާ ފައިސާ އިންވެސްޓްކުރުމަށް ހަމަޖެހިފައިވަނީ މުޅިން އާ ޔޫތު އެލީޓް ލީގެއް ތައާރަފުކުރުމަށެވެ.

ޓެކްނިކަލް ކޮމިޓީގައި، އިންޑިއާގެ ކުރީގެ ހުނަރުވެރި މިޑްފީލްޑަރު ކްލައިމެކްސް ލޯރެންސް ވެސް ހިމެނެ އެވެ.

އިންޑިއާގައި އުފެދުނު އެންމެ މޮޅު އެއް ފޯވާޑް ވިޖަޔަން.

އިންޑިއާގައި އުފެދުނު އެންމެ މޮޅު އެއް ފޯވާޑް ވިޖަޔަން.

އޭއައިއެފްއެފްގެ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ވިޖަޔަން ބުނީ އާ ޓެކްނިކަލް ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުން ވެސް ފުޓްބޯޅަ އާއިލާގެ ދަންނަ މޫނުތައް ފެނުމުން ހިތްހަމަޖެހޭ ކަމަށެވެ.

"އިންޑިއާ ފުޓްބޯޅައިގެ ޓެކްނިކަލް ކަންކަން ބެލެހެއްޓުން ކުރީގެ ކުޅުންތެރިންނަށް އޮތުމަކީ އުފަލެއް،" ވިޖަޔަން ބުންޏެވެ.

ވިޖަޔަން އަކީ އިންޑިއާގެ ޖޭސީޓީ މިލްސް އާއި މޯހަން ބަގާން އާއި އީސްޓް ބެންގާލާއި ޗާޗިލް ބްރަދާސްގައި 1990ގެ އަހަރުތަކާއި 2000ގެ އަހަރުތަކުގައި ވިދާލި ފޯވާޑެކެވެ.

އޭނާ ވަނީ އިންޑިއާ ގައުމީ ޓީމަށް 1992-2003 އަށް ކުޅެ 83 މެޗުން 40 ގޯލް ޖަހައިދީ 1993، 1997 އަދި 1999 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފަ އެވެ. މީގެ ތެރެއިން 1997 ގެ ފައިނަލުގައި ރާއްޖެ އަތުން އިންޑިއާ 5-1 އިން މޮޅުވިއިރު އޭނާ ދެ ގޯލް ޖެހި އެވެ.

އޭނާ ވަނީ އިންޑިއާގެ މޮޅު ކުޅުންތެރިޔާގެ މަގާމް އެ ތިން އަހަރު ހޯދައިފަ އެވެ.

1999 ގެ ސާފް ގޭމްސްގައި ބޫޓާން ކޮޅަށް 12 ވަނަ ސިކުންތުގައި ވިޔަޖަން ޖެހި ލަނޑަކީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ އަވަސް އެއް ލަނޑެވެ.

އިންޑިއާ ސަރުކާރުން ކުޅިވަރުގެ ފަރާތްތަކަށްދޭ ދެ ވަނަ އަށް އެންމެ މަތީ އެވޯޑް ކަމަށްވާ އަރްޖުނާ އެވޯޑް ވިޔަޖަން އަށް 2003 ގައި ވަނީ ދީފަ އެވެ.

އިންޑިއާ ކެޕްޓަންކަން 2000 އިން 2004 އަށް ކުރި ވިޖަޔަން ވަނީ ފުޓްބޯޅަ ކެރިއަރަށް ފަހު މަލަޔާލަމް އާއި ތަމަޅަ ފިލްމުތައް ކުޅެފަ އެވެ.