Roadha Mihaaru

އިންޑިއާ ޑިފެންޑަރަށް އުރުގުއޭ ޓީމަކުން ދާއިމީ ކޮންޓްރެކްޓެއް ދީފި

ލޯން އުސޫލުން އުރުގުއޭގެ ދެ ވަނަ ޑިވިޝަނުގެ ކޮލޯން އެފްސީ އަށް ކުޅުނު އިންޑިއާގެ ޒުވާން ޑިފެންޑާރު ބިޖޭ ޗެތުރީ އަށް ދާއިމީ ކޮންޓްރެކްޓެއް ދޭން އެ ކްލަބުން ނިންމައިފި އެވެ.

އިންޑިއަން ސުޕަ ލީގުގެ ޗެންނާއިޔަން އިން ލޯން އުސޫލުން ދޫކުރުމުން ބިޖޭ ވަނީ ކޮލޯން އަށް އެއް މެޗު ކުޅެދީފަ އެވެ. އޭނާ އެ މެޗު ކުޅުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އެކަމަކު އެއީ އެންމެ 25 މިނެޓެވެ.

އުރުގުއޭގެ ވެރިރަށް މޮންޓެވީޑިއޯ އަށް ނިސްބަތްވާ ކްލަބާ އެކު ބިޖޭ ދާއިމީ ކޮންޓްރެކްޓެއްގައި ސޮއިކުރުމުން އޭނާ ވެގެންދާނީ އެފަދަ އުސޫލަކުން ލެޓިން އެމެރިކާ ބައްރުގައި ކުޅޭ އިންޑިއާ ފުރަތަމަ ކުޅުންތެރިޔާ އަށެވެ. މީގެ ކުރިން ރޮމެއޯ ފެނާންޑޭޒް ވަނީ 2015 ގައި ލޯން އުސޫލުން ބްރެޒިލްގެ އެތުލެޓިކޯ ޕަރަނައެންސް އަށް ކުޅެފަ އެވެ.

އިންޑިއާގެ މަނިޕޫރަށް އުފަން އުމުރުން 23 އަހަރުގެ ބިޖޭ ކެރިއަރު ފެށީ 2016 ގައި ޝިލޮން ލަޖޮން އިންނެވެ. އޭނާ ސީނިއާ ޓީމަކަށް އެންމެ ފުރަތަމަ ކުޅުނީ 2018 ގައި އިންޑިއަން އެރޯސް އަށެވެ. ސުޕަ ލީގުގައި އޭނާ ކުޅުނު ފުރަތަމަ ކްލަބަކީ ޗެންނާއިޔަން އެވެ.

އެކަމަކު އޭނާ އަށް އަދި އިންޑިއާ ގައުމީ ޓީމުން ފުރުސަތެއް ނުލިބެ އެވެ. އެކަމަކު އޭނާ އުރުގުއޭގައި ރަނގަޅު ކުޅުމެއް ދައްކައިފި ނަމަ އިންޑިއާ ގައުމީ ޓީމުން ޖާގަ ލިބުމުގެ ފުރުސަތު އެބައޮތެވެ.