Roadha Mihaaru

ލީގު ނުފަށާތީ ބެންގަލޫރުން މުސާރަ ދިނުން މެދުކަނޑާލައިފި

އިންޑިއާގެ ލެޖެންޑަރީ ފޯވާޑް ސުނިލް ޗެތުރީ ކުޅެމުން އަންނަ ބެންގަލޫރު އެފްސީން، ކުޅުންތެރިންނާއި މުވައްޒަފުންނަށް މުސާރަ ދިނުން މެދުކަނޑާލައިފި އެވެ.

ލީގު ނުފަށާތީ ބެންގަލޫރުން މުސާރަ ނުދޭން ނިންމައިފި

އިންޑިއާގެ ލެޖެންޑަރީ ފޯވާޑް ސުނިލް ޗެތުރީ ކުޅެމުން އަންނަ ބެންގަލޫރު އެފްސީން، ކުޅުންތެރިންނާއި މުވައްޒަފުންނަށް މުސާރަ ދިނުން މެދުކަނޑާލައިފި އެވެ.

އެ ކްލަބުން ރޭ ނެރުނު ބަޔާނެއްގައި ބުނީ މިގޮތަށް ނިންމީ އިންޑިއާގެ ޑޮމެސްޓިކް ފުޓްބޯޅަ ހުއްޓިފައި އޮތުމުގެ ސަބަބުން ކަމަށެވެ.

އިންޑިއާގެ ސުޕަ ލީގުގެ އާ ސީޒަން ފަށާނެ ތާރީހެއް އަދި ވެސް އިއުލާންކޮށްފައި ނުވާތީ ކްލަބްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މުބާރާތް ހުއްޓިފައި އޮތީ އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އާއި ލީގު އިންތިޒާމުކުރާ ރިލަޔަންސް ކޯޕަރޭޝަނުގެ ފުޓްބޯލް ސްޕޯޓްސް ޑިވެލޮޕަމަންޓް ލިމިޓެޑާ މެދު ހިޔާލުތަފާތުވުން އުފެދިގެންނެވެ.

"އިންޑިއަން ސުޕަ ލީގުގެ އާ ސީޒަނާ މެދު ސުވާލު އުފެދިފައިވާ މި ދަނޑވަޅުގައި، ބެންގަލޫރު އެފްސީ މިވަނީ އުނދަގޫ ނިންމުމެއް ނިންމައިފައި. އެއީ ފަސްޓް ޓީމުގެ ކުޅުންތެރިންނާއި މުވައްޒަފުންނަށް މުސާރަ ދިނުން މެދުކަނޑާލުން. އިންޑިއާގައި ދެމެހެއްޓެނިވި ގޮތެއްގައި ފުޓްބޯޅަ ކްލަބެއް ހިންގުމަކީ އަބަދުވެސް ވަރަށް އުނދަގޫ އަދި ގޮންޖެހުން ބޮޑު ކަމެއް. އެކަމަކު އެ ކަންކަން އެއްފަރާތްކޮށް، ސީޒަނަކަށް ފަހު ސީޒަނެއް ކުރިއަށް ދެވޭތޯ އަހަރެމެން އަބަދުވެސް މަސައްކަތް ކުރަނީ،" ބެންގަލޫރުގެ ބަޔާނުގައިވެ އެވެ.

އެ ކްލަބުން ބުނީ އެކަމަކު މިވަގުތު ލީގުގެ ކުރިމަގު ވާނުވާ ހާލަތެއްގައި އޮތުމުގެ ސަބަބުން މި ފިޔަވަޅު އަޅަން މަޖުބޫރުވީ ކަމަށާއި ކުޅުންތެރިންނާއި މުވައްޒަފުން އަދި އެމީހުންގެ އާއިލާތަކުގެ ދުޅަހެޔޮކަމަކީ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

"އެމީހުންގެ ހާލަތު އެންމެ ގާތުން ބަލަމުން އަހަރެމެން މި އިންތިޒާރު ކުރަނީ ހައްލެއް ލިބޭނެ ވަގުތަކަށް."

ފަސްޓް ޓީމުގެ މުސާރަ ދިނުން މެދުކަނޑާލި ނަމަވެސް، އިންޑިއާގެ ފުޓްބޯޅަ ތަރައްގީ ކުރުމަށް، ޒުވާން ކުޅުންތެރިން ތަމްރީނު ކުރުމާއި، ފުޓްބޯޅަ ސްކޫލްތަކުގެ މަސައްކަތްތަކަށް ހުއްޓުމެއް ނާންނާނެ ކަމަށް ވެސް ބެންގަލޫރު އެފްސީ ބުނެ އެވެ.

އިންޑިއާގެ ފުޓްބޯޅައިގެ މިހާރުގެ ހާލަތާ މެދު އޮތް ކަންބޮޑުވުންތަކާ ގުޅޭގޮތުން އޭއައިއެފްއެފް ވަނީ އަންނަ ބުރާސްފަތި ދުވަހު، އިންޑީއަން ސުޕަ ލީގުގެ ކްލަބްތަކުގެ ވެރިންނާ އެކު މުހިއްމު ބައްދަލުވުމެއް ނިއު ދިއްލީގައި ބާއްވަން ނިންމައިފަ އެވެ. މި ބައްދަލުވުން ނިންމައިފައި ވަނީ، އައިއެސްއެލް އިންތިޒާމުކުރާ އެފްއެސްޑީއެލް އިން އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނާ އެކު ވެފައިވާ މާސްޓާ ރައިޓް އެގްރީމަންޓް (އެމްއާރުއޭ) އާކުރުމާ މެދު ގޮތެއް ނުނިމިފައި އޮތުމުގެ ސަބަބުން ފުޓްބޯޅަ ސީޒަން ނުފެށީފައި އޮތުމުންނެވެ.

އޭއައިއެފް އާއި، އެސޯސިއޭޝަންގެ ކޮމާޝަލް އެންޑް މާކެޓިން ޕާޓްނަރު އެފްއެސްޑީއެލް އާ ދެމެދު އޮންނަ 15 އަހަރުގެ އެމްއާރުއޭގެ މުއްދަތު މި އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ހަމަވާނެ އެވެ. ނަމަވެސް އޭއައިއެފްއެފްގެ ޑްރާފްޓްގެ ގާނޫނީ މައްސަލައަކަށް ސުޕްރީމް ކޯޓުން ހުކުމެއް އިއްވުން ލަސްވެފައިވާތީ، އާ އެއްބަސްވުންތަކާ މެދު މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް އެސޯސިއޭޝަންގެ ގާނޫނީ ބާރެއް ނެތެވެ.