Roadha Mihaaru

އިޒްރޭލުގެ ހަމަލާތަކުގައި އިރާނުގެ 500 އަށް ވުރެ ގިނަ މީހުން މަރާލައިފި، ގިނައީ އާންމުން

މިދިޔަ ހުކުރު ދުވަހު އިޒްރޭލުން އިސްވެ އިރާނަށް ދޭން ފެށި ހަމަލާތަކުގައި އެ ގައުމުގެ 580 އަށް ވުރެ ގިނަ މީހުން މިހާތަނަށް މަރާލައިފި އެވެ.

އިޒްރޭލުން އިރާނުގެ 580 މީހުން މަރާލައިފި

މިދިޔަ ހުކުރު ދުވަހު އިޒްރޭލުން އިސްވެ އިރާނަށް ދޭން ފެށި ހަމަލާތަކުގައި އެ ގައުމުގެ 580 އަށް ވުރެ ގިނަ މީހުން މިހާތަނަށް މަރާލައިފި އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސްޓުން ބުނީ އިރާނުގެ 585 މީހަކު އިޒްރޭލުގެ ހަމަލާތަކުގައި މަރާލާފައިވާއިރު، އޭގެ ތެރޭގައި ގިނައީ އެއްވެސް ކުށެއް ނެތް އާންމުން ކަމަށެވެ. ޖުމުލަ 70 އަންހެނުން ހިމެނޭ ގޮތަށް އާންމުންގެ ތެރެއިން 239 މީހުން އިޒްރޭލުން މަރާލި އެވެ.

އިރާނުގެ އަސްކަރީ އޮފިޝަލުންނެގެ ތެރެއިން 126 މީހުން ވެސް އިޒްރޭލުން މަރާލި އެވެ. އޭގެ ތެރޭގައި އިރާނުގެ އަސްކަރިއްޔާގެ އެންމެ ސީނިއާ ތިން އޮފިޝަލުން ވެސް ހިމެނެ އެވެ.

އިރާނުން އެންމެ ފަހުން އައްޔަން ކުރި އަސްކަރީ ކޮމާންޑަރު އަލީ ޝަދާމަނީ ވެސް ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ދިން ހަމަލާތަކުގައި އަވަހާރަކޮށްލައިފަ އެވެ. އޭނާ އަވަހާރަކޮށްލީ އެ މަގާމަށް އައްޔަން ކުރިތާ ހަތަރު ދުވަސް ފަހުންނެވެ.

އޭގެ ކުރިން އިޒްރޭލުން އިރާނުގެ ރިވޮލިއުޝަނަރީ ގާޑްގެ ކޮމާންޑަރު ހުސައިން ސަލާމީ، އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ގްލާމް އަލީ ރާޝިދު ވެސް އިޒްރޭލުން ހަމަލާތަކުގައި ވަނީ އަވަހާރަ ކޮށްލައިފަ އެވެ.

އިރާނުގެ ހަމަލާތަކުގައި އިޒްރޭލުން މަރުވީ އެންމެ 24 މީހުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.