Roadha Mihaaru

އީރާނު-އިޒްރޭލުގެ ކުރިމަތިލުންތަކާ އެކު ތެލުގެ އަގު މައްޗަށް!

އީރާނާއި އިޒްރޭލާ ދެމެދު މިހާރު ހިންގަމުންދާ ވަރުގަދަ ކުރިމަތިލުންތަކާ އެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާ އަށް އުފުލިއްޖެ އެވެ.

ކުރިމަތިލުންތަކާއެކު ތެލުގެ އަގު މައްޗަށް!

އީރާނާއި އިޒްރޭލާ ދެމެދު މިހާރު ހިންގަމުންދާ ވަރުގަދަ ކުރިމަތިލުންތަކާ އެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާ އަށް އުފުލިއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހު އިޒްރޭލުން އިސްވެ އީރާނަށް ހަމަލާތައް ދޭން ފެށުމާ އެކު، ތެލުގެ އަގުގެ މިންގަނޑު ކަނޑައަޅައި، ބްރެންޓް ކްރޫޑް އޮއިލް ވަނީ 10 ޕަސެންޓުން މައްޗަށް ގޮސްފަ އެވެ. މިއީ މިދިޔަ ޖެނުއަރީ މަހުން ފެށިގެން ތެލުގެ އަގު މި ދަރަޖަ އަށް އުފުލުނު ފުރަތަމަ ފަހަރެވެ.

އަގުތައް މައްޗަށް ގޮސްފައި ވަނީ، އީރާނާއި އިޒްރޭލުގެ ކުރިމަތިލުންތަކާ ގުޅިގެން މެދުއިރުމަތީގެ ތެޔޮ ސަޕްލައި ކުރުމަށް ބުރޫ އަރާފާނެކަމުގެ ބިރާ އެކު އެވެ.

އާންމުކޮށް ބޭނުންކުރާ ޕެޓްރޯލާއި ޑީސަލްގެ އަގު ވެސް ގުޅިފައިވަނީ ކްރޫޑް އޮއިލް ނުވަތަ ސާފުނުކުރާ ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި ގަނެ ވިއްކާ އަގާ އެވެ.

ބްރެންޓްގެ އަގު ކުއްލިއަކަށް އުފުލުމަށް ފަހު، މިހާރު ކުޑަކޮށް ތިރިވެފައި ވިޔަސް ތެޔޮ ފީފާއެއްގެ އަގު އަދިވެސް ހުރީ 74.23 އެމެރިކާ ޑޮލަރުގަ އެވެ. މިއީ ކުރިމަތިލުންތައް ފެށުމުގެ ކުރިން ހުރި އަގަށް ވުރެ ހަތް ޕަސެންޓު އިތުރު އަދަދެކެވެ.

އިޒްރޭލުން އީރާނުގެ ތެޔޮ އުފައްދާ ކާރުހާނާތަކަށް ހަމަލާތައް ދީފި ނަމަ ތެލުގެ އަގު 80 އާއި 100 އާ ދެމެދަށް އެރުމުގެ ފުރުސަތު ބޮޑު ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ފަހުގެ ތާރީހެއްގައި ތެޔޮ ފީފާއެއްގެ 100 ޑޮލަރަށް އަރާފައިވަނީ 2022 ވަނަ އަހަރު ރަޝިޔާ އާއި ޔޫކްރޭނާ ދެމެދު ހަނގުރާމަ ފެށުމާ އެކު އެވެ.

އީރާނާއި އިޒްރޭލުގެ ކުރިމަތިލުން މުޅި މެދުއިރުމައްޗަށް ފެތުރި، ސަރަހައްދީ ހަނގުރާމައަކަށް ބަދަލުވެ، ތެލުގެ ސަޕްލައިއަށް ބުރޫ އަރައިފި ނަމަ ތެލުގެ އަގު އިތުރަށް މަތިވުމުގެ ބިރު އެބަ އޮތް ކަމަށް ވެސް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

ދުނިޔޭގެ ތެލުގެ ސަޕްލައި އަށް ދެން އޮތް އެންމެ ބޮޑު ބިރަކީ ހޮރްމުސް ކަނޑުއޮޅިއަށް ކުރިމަތިލުންތައް ބަންޑުންވެދާނެތީ އެވެ. ދުނިޔޭގެ ތެލުގެ ސަޕްލައި ފަސް ބައި ކުޅަ އެއްބައި، ދަތުރުކުރަނީ އެ ކަނޑުއޮޅި މެދުވެރިކޮށެވެ.