Roadha Mihaaru

އައިލެންޑް އޭވިއޭޝަނުގެ 600 މިލިއަންގެ ގެއްލުން ހަތަރު އަހަރުގެ ތެރޭގައި 2.8 މިލިއަނަށް ކުޑަކޮށްފި

މީގެ ހަތަރު އަހަރު ކުރިން 600 މިލިއަންގެ ގެއްލުމަކާ ކުރިމަތިލާން ޖެހުނު ނަމަވެސް މިހާރު ގެއްލުމުގެ އަދަދު 2.8 މިލިއަނަށް ކުޑަކޮށްފައިވާ ކަން ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް) ގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.

އައިއޭއެސްގެ ގެއްލުން 2.8 މިލިއަނަށް ކުޑަކޮށްފި

މީގެ ހަތަރު އަހަރު ކުރިން 600 މިލިއަންގެ ގެއްލުމަކާ ކުރިމަތިލާން ޖެހުނު ނަމަވެސް މިހާރު ގެއްލުމުގެ އަދަދު 2.8 މިލިއަނަށް ކުޑަކޮށްފައިވާ ކަން ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް) ގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.

ކޮވިޑު ބަލިމަޑުކަމާ މުޅި ދުނިޔެ ކުރިމަތިލާން ޖެހުމުގެ ކުރިން އައިލެންޑް އޭވިއޭޝަނަކީ ފައިދާގައި ހިންގަމުން އައި ކުންފުންޏެވެ. މިގޮތުން، 2019 ވަނަ އަހަރު ވެސް އެ ކުންފުންޏަށް ވަނީ 93 މިލިއަން ރުފިޔާގެ ފައިދާއެއް ވެފަ އެވެ.

އެކަމަކު، ކޮވިޑާ އެކު މުޅި ދުނިޔޭގެ ވެސް ވައިގެ ދަތުރުފަތުރަށް އައި ލޮޅުންތަކާ އެކު، އޭގެ ވިދިގެން އައި 2020 ވަނަ އަހަރު އެ ކުންފުންޏަށް ވަނީ 570 މިލިއަންގެ ގެއްލުމެއް ލިބިފަ އެވެ.

މިދިޔަ 10 އަހަރުގެ މާލީ ހިސާބުތަކަށް ބަލާއިރު، އައިލެންޑް އޭވިއޭޝަނަށް 2021 ވަނަ ލިބުނު 647 މިލިއަންގެ ގެއްލުމަކީ، އެ ކުންފުންޏަށް އެންމެ ބޮޑު ގެއްލުމެއް ލިބުނު އަހަރެވެ.

ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަނެ، ވިޔަފާރި ހިނގައިގަތުމާ އެކު 2022 ވަނަ އަހަރު އެ ކުންފުނީގެ ގެއްލުން ވަނީ 493 މިލިއަނަށް ކުޑަކޮށްފަ އެވެ.

އޭގެ ފަހުން 2023 ވަނަ އަހަރުގެ ތެރޭގައި އައިލެންޑް އޭވިއޭޝަންގެ ހިންގުމަށް ލިބުނު ކުރިއެރުންތަކާ އެކު، އެ އަދަދު 75 މިލިއަން ރުފިޔާ އަށް ދަށްކުރި އެވެ.

އޮޑިޓަ ޖެނެރަލްގެ އޮފީހުން ނެރެފައިވާ އައިއޭއެސްގެ މިދިޔަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އައިލެންޑް އޭވިއޭޝަނުން ފައިނޭންސިން ހަރަދާއި ޓެކްސް އަށް ދެއްކި ފައިސާ ކެނޑުމުން، މިދިޔަ އަހަރު ލިބުނު ގެއްލުން ވަނީ 2.82 މިލިއަން ރުފިޔާ އަށް ކުޑަވެފަ އެވެ.

މިއީ، އެ ކުންފުންޏަށް މިދިޔަ އަހަރު ތަކުގައި ކުރިމަތިވެފައިވާ ގެއްލުމުގެ ސިލްސިލާ ނިމުމަކަށް ގެނެސް، އަލުން ފައިދާވާ ކުންފުންޏަކަށް ހެދުމަށް، ވިޔަފާރިތައް ފުޅާކޮށް، ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ނަތީޖާ އެވެ.

މިގޮތުން، އެ ކުންފުނިން މި އަހަރުގެ ތެރޭގައި ވަނީ ވައިޑް-ބޮޑީ މަތިންދާބޯޓެއް ގެނެސް، ބައިނަލްއަގުވާމީ މަންޒިލްތަކަށް ކުރާ ދަތުރުތައް އިތުރުކުރުމަށް އަމާޒު ހިފައިފަ އެވެ. އަދި އެތެރޭގެ އުދުހުންތަކުގައި މިހާރު މައިގަނޑު ގޮތެއްގައި ބޭނުންކުރަމުން އަންނަ ޑޭޝް-8 މަރުކާގެ މަތިންދާބޯޓުތައް ބާވެ، މެއިންޓެނަންސްގެ ހަރަދުތައް އިތުރުވާތީ، އެ ބޯޓުތައް ފަހުގެ އޭޓީއާރު މަރުކާގެ ބޯޓުތަކަށް ބަދަލުކުރުމުގެ މަސައްކަތް ވެސް ފަށައިފަ އެވެ.