Roadha Mihaaru

އައިލެންޑް އޭވިއޭޝަނަށް އަނެއްކާވެސް ގެއްލުން، މިދިޔަ އަހަރު 2.8 މިލިއަން!

ރާއްޖޭގެ ގައުމީ އެއާލައިން އޮޕަރޭޓުކުރާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑު (އައިއޭއެސް) އަށް މިދިޔަ އަހަރު ވެސް ގެއްލުންވެފައިވާ ކަމަށް އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.

އައިލެންޑް އޭވިއޭޝަނަށް 2024 ގައި ވެސް ގެއްލުން!

ރާއްޖޭގެ ގައުމީ އެއާލައިން އޮޕަރޭޓުކުރާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑު (އައިއޭއެސް) އަށް މިދިޔަ އަހަރު ވެސް ގެއްލުންވެފައިވާ ކަމަށް އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.

އޮޑިޓަ ޖެނެރަލްގެ އޮފީހުން ނެރެފައިވާ އައިއޭއެސްގެ މިދިޔަ އަހަރުގެ މާލީ ހިސާބުތަކުން ދައްކާ ގޮތުން، އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 2.27 ބިލިއަން ރުފިޔާ އެވެ.

އޭގެ ބޮޑު ބައެއް ހިއްސާކޮށްފައިވަނީ، މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުންނެވެ. ޑޮމެސްޓިކް ދަތުރުތަކުން އައިއޭއެސް އަށް މިދިޔަ އަހަރު ލިބިފައިވާ 1.6 ބިލިއަން ރުފިޔާ އަކީ، ޖުމްލަ އާމްދަނީގެ 75 ޕަސެންޓު ކަމަށް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އޮޑިޓު ކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުން އައިއޭއެސް އަށް ލިބުނު އާމްދަނީން ހިންގުމުގެ ހަރަދު ކެނޑުމުން، ހިންގުމުގެ ފައިދާގެ ގޮތުގައި މިދިޔަ އަހަރު ލިބުނީ 171 މިލިއަން ރުފިޔާ އެވެ.

ނަމަވެސް، އެ ކުންފުނީގެ ފައިނޭންސިން ހަރަދާއި ޓެކްސް އަށް ދެއްކި ފައިސާ ކެނޑުމުން 2.82 މިލިއަން ރުފިޔާގެ ގެއްލުމެއް ވެފައިވާ ކަން ހިސާބުތަކުން ދައްކަ އެވެ.

މިއީ ގެއްލުމުގައި އައިއޭއެސް ހިންގަމުންދާތާ ފަސް ވަނަ އަހަރެވެ. މިގޮތުން 2023 ވަނަ އަހަރު އެ ކުންފުންޏަށް 71.4 މިލިއަން ރުފިޔާގެ ގެއްލުމެއް ވި އެވެ. ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން ފައިދާގައި ހިންގަމުން އައި ކުންފުންޏަށް ގެއްލުން ވާން ފަށާފައިވަނީ 2020 ވަނަ އަހަރު ކުރިމަތިވި ކޮވިޑު-19ގެ ބަލިމަޑުކަމާ ގުޅިގެންނެވެ.

ނަމަވެސް މިދިޔަ ފަސް އަހަރުގެ މާލީ ހިސާބުތަކަށް ބަލާއިރު، އައިއޭއެސް އިން ވަނީ އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ އަދަދު، އޭގެ ކުރީ އަހަރުތަކާ އަޅާބަލާއިރު މިދިޔަ އަހަރު ވަރަށް ބޮޑަށް ކުޑަކޮށްފަ އެވެ.

ކުންފުންޏަށް ފާއިތުވި އަހަރުތަކުގައި ކުރިމަތިވެފައިވާ ގެއްލުމުގެ ސިލްސިލާ ނިމުމަކަށް ގެނެސް، އަލުން ފައިދާވާ ކުންފުންޏަކަށް ހެދުމަށް، އައިއޭއެސްއިން ވަނީ އެ ކުންފުނީގެ ވިޔަފާރިތައް ފުޅާކޮށް، ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ފަށައިފަ އެވެ.

މިގޮތުން، އެ ކުންފުނިން މި އަހަރުގެ ތެރޭގައި ވަނީ ވައިޑް-ބޮޑީ މަތިންދާބޯޓެއް ގެނެސް، ބައިނަލްއަގުވާމީ މަންޒިލްތަކަށް ކުރާ ދަތުރުތައް އިތުރުކުރުމަށް އަމާޒު ހިފައިފަ އެވެ.

އަދި އެތެރޭގެ އުދުހުންތަކުގައި މިހާރު މައިގަނޑު ގޮތެއްގައި ބޭނުންކުރަމުން އަންނަ ޑޭޝް-8 މަރުކާގެ މަތިންދާބޯޓުތައް ބާވެ، މެއިންޓެނަންސްގެ ހަރަދުތައް އިތުރުވާތީ، އެ ބޯޓުތައް ފަހުގެ އޭޓީއާރު މަރުކާގެ ބޯޓުތަކަށް ބަދަލުކުރުމުގެ މަސައްކަތް ވެސް ފަށައިފަ އެވެ.