08 މެއި 2023
ކޮންމެ ދުވަހަކުހެން ވަޑައިގެން އުޅުއްވި އެ ގޭގައި ބަހައްޓާފައި ހުންނާތީ ފެންނަނީ ޕައިލެޓްކަން ކިޔަވައި ވިދާޅުވުމަށް ރާއްޖެ އިން ފުރަތަމަ ވަޑައިގެންނެވި މުހައްމަދު ނައީމް (ޕައިލެޓް ނައީމް) ގެ ފޮޓޯއެކެވެ. ޕައިލެޓް ޔުނިފޯމަކާ އެކު، މަތިންދާބޯޓެއްގެ ކައިރީގައި ޕައިލެޓް ނައީމް ނަންގަވާފައިވާ އެ ތަސްވީރު އިބްރާހިމް ރަޝީދުގެ ހިތުގައި ކުރެއްސެވި އެވެ. އެއީ އުދުހުމުގައި 40 އަހަރު ހޭދަކުރެއްވުމަށް ފަހު އުމުރުން 65 އަހަރު ވުމުން އެންމެންގެ ލޯތްބާއި އިހްތިރާމާ އެކު މިދިޔަ ބުރާސްފަތި ދުވަހު ރިޓަޔާކުރެއްވި ކެޕްޓަން އިބްރާހިމް ރަޝީދުގެ ކާމިޔާބީގެ ކުލަތަކުން ޖަރީވެފައިވާ ދަތުރުގެ ފެށުނު ހިސާބެވެ.
ކޮންމެ ދުވަހަކުހެން ވަޑައިގެން އުޅުއްވި އެ ގޭގައި ބަހައްޓާފައި ހުންނާތީ ފެންނަނީ ޕައިލެޓްކަން ކިޔަވައި ވިދާޅުވުމަށް ރާއްޖެ އިން ފުރަތަމަ ވަޑައިގެންނެވި މުހައްމަދު ނައީމް (ޕައިލެޓް ނައީމް) ގެ ފޮޓޯއެކެވެ. ޕައިލެޓް ޔުނިފޯމަކާ އެކު، މަތިންދާބޯޓެއްގެ ކައިރީގައި ޕައިލެޓް ނައީމް ނަންގަވާފައިވާ އެ ތަސްވީރު އިބްރާހިމް ރަޝީދުގެ ހިތުގައި ކުރެއްސެވި އެވެ. އެއީ އުދުހުމުގައި 40 އަހަރު ހޭދަކުރެއްވުމަށް ފަހު އުމުރުން 65 އަހަރު ވުމުން އެންމެންގެ ލޯތްބާއި އިހްތިރާމާ އެކު މިދިޔަ ބުރާސްފަތި ދުވަހު ރިޓަޔާކުރެއްވި ކެޕްޓަން އިބްރާހިމް ރަޝީދުގެ ކާމިޔާބީގެ ކުލަތަކުން ޖަރީވެފައިވާ ދަތުރުގެ ފެށުނު ހިސާބެވެ.
އެއީ ކެޕްޓަން އިބްރާހިމް ރަޝީދަށް އޭނާގެ ނަން ހަރުވުމަށް މެދުވެރިވި ސަބަބެވެ. ޕައިލެޓް ނައީމްގެ ފޮޓޯ އަބަދު ފެންނާތީ އުފެދުނު ޝައުގުވެރިކަމުގައި ރަޝީދު ލަސް ނުކުރައްވައި އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރަށް ފޮނުއްވީ ސިޓީއެކެވެ. ޕައިލެޓްކަން ކިޔަވައިވިދާޅުވާން ޖެހުނު ލޯބީގެ ބޮޑުކަން ބަޔާންކޮށް ގައުމުގެ ވެރިޔާ އަށް ރަޝީދު ސިޓީ ފޮނުއްވަން ފެއްޓެވި އިރު އެއީ އަދި މަޖީދިއްުޔާ ސްކޫލްގެ ގްރޭޑް 7 ގައި އުޅުނު ކުޑަ ކުއްޖެކެވެ.
"ނާސިރު ޖަވާބުގައި ވިދާޅުވީ [ފުރަތަމަ] ކިޔަވާށޭ،" ރާއްޖޭގައި ޕައިލެޓުންނަށް ތަމްރީނު ދެއްވުމުގެ ދިގު ތާރީހެއް އޮތް ރަޝީދު ވިދާޅުވި އެވެ.
އޭގެ ފަހުން އަހަރަކު އެއްފަހަރު އޭނާ ގެންދެވީ ޕައިލެޓްކަން ކިޔެވުމުގެ ފުރުސަތަކަށް އެދިވަޑައިގެން ނާސިރަށް ސިޓީއެއް ފޮނުއްވަމުންނެވެ. އޭލެވެލަށް ކިޔަވައި ވިދާޅުވަމުން ގެންދަވަނިކޮށް، ނާސިރު ދެން ދެއްވީ އެ ކުއްޖަކު ކުރިއަށް ދާން ބޭނުންވާ ދާއިރާއެއް އަންގައި ދިނުމަށެވެ. ރަޝީދު އިތުރަށް ވިސްނާވަޑައިގަންނަވާކަށް ވެސް ބޭނުމެއް ނުވި އެވެ. ކޮންމެ އަހަރަކު އެއްފަހަރު ނާސިރަށް ފޮނުއްވި ސިޓީގެ ބޭނުން ހިއްޕެވި އެވެ.
ޕައިލެޓްކަމުގެ ތަމްރީން ހެއްދެވި ދުވަސްވަރު ރަޝީދު ނެންގެވި ފޮޓޯއެއް
ގްރޭޑް 12 ނިމުމާ އެކު، ރަޝީދު ފުރުވާލީ ޕައިލެޓް ކޯހަށް ޕާކިސްތާނަށެވެ. އެކަމަކު، ޕާކިސްތާނުގެ އޭރުގެ ބޮޑުވަޒީރު ޒުލްފިގާރު އަލީ ބުއްޓޫގެ ވެރިކަން އަސްކަރީ ބަޣާވާތަކުން ވައްޓާލައި އޭނާ ދަންޖެއްސުމުން ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އެހެން ދިވެހި ކުދިންނާ އެކު ރަޝީދު ވެސް މާލެ ގެނައީ އެވެ.
އޭގެ ފަހުން އޭނާ ޕައިލެޓްކަމުގެ ކޯސް ނިންމެވީ އޮސްޓްރޭލިއާ ސަރުކާރުން ދިވެހި ސަރުކާރަށް ދިން ސްކޮލަޝިޕެއްގައި ތައިލެންޑްގު އެވެ. އެ ސްކޮލަޝިޕްގެ ޕެކޭޖުގެ އަގަކީ 120،000 ޑޮލަރެވެ. ސްކޮލަޝިޕް ލިބިވަޑައިގަތީ ވެސް އެ ދުވަސްވަރު ރާއްޖެއަށް އެހީދޭ ގައުމުތަކަށް އޭރުގެ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލް ސޮއިކުރައްވައި ފޮނުއްވި ސިޓީތަކުގެ ސަބަބުންނެވެ. ފަތުހުﷲ ކުރައްވާ ކަމަކީ ހަމައެކަނި އޭގައި ސޮއިކުރެއްވުމެވެ. ސިޓީ ލިޔުއްވުން ހަވާލުކުރައްވާފައި އޮތީ ރަޝީދަށެވެ.
"ވަރަށް ގިނަ ގައުމުތަކަށް ލިޔުނިން. އޮސްޓްރޭލިއާ އިން އޭގެ ނަތީޖާއެއްގެ ގޮތުން ފުރުސަތު ލިބުނީ. އޮސްޓްރޭލިއާ އިން ދިނީ ރާއްޖެ އަށް ސްކޮލަޝިޕް. އެއީ އޭގެ ފައިދާ ތައިލެންޑަށް ކުރާ ގޮތަށް. އެ ފައިސާ ލިބޭނީ ތައިލެންޑަށް. ތައިލެންޑުން ހިދުމަތް ދޭން ޖެހޭނީ ދިވެހިރާއްޖެ އަށް،" ރަޝީދު ވިދާޅުވި އެވެ.
ރަޝީދު މަތިންދާބޯޓު ދުއްވަނީ.
އެ ސްކޮލަޝިޕަށް ހޮވުނީ ރަޝީދުގެ އިތުރުން އައިލެންޑް އޭވިއޭޝަންގެ މިހާރުގެ ޗީފް ޕައިލެޓް، ކެޕްޓަން ޝާމެވެ.
އޮގަސްޓް 1983 ގައި ރަޝީދު މާލެ ވަޑައިގަތުމާ އެކު، އޭރުގެ އެއާ މޯލްޑިވްސް އިން ކޯޕައިލެޓްގެ ވަޒީފާ ދިނެވެ. އެއާ އެކު، ރާއްޖޭގައި ޕައިލެޓް ލައިސަންސް ދިން ފުރަތަމަ ބޭފުޅަކަށް ރަޝީދުވެވަޑައިގެން ތާރީހުން ޖާގަ ހޯއްދެވި އެވެ.
ރަޝީދުގެ ޕައިލެޓްކަމުގައި 40 އަހަރު ހޭދަކުރެއްވުމަށް ފަހު، މިދިޔަ ބުރާސްފަތި ދުވަހު ރިޓަޔާ ކުރައްވައި އާއިލާގެ ބައެއް ބޭފުޅުންނާއެކު ފޮޓޯއެއް ނަންގަވަނީ.
ރަޝީދު، ޕައިލެޓްކަމަށް ޝައުގުވެރިކަން އުފެދުނު ފޮޓޯގައި ހުންނެވި ޕައިލެޓް ނައީމަކީ ޕައިލެޓް ކޯސް ފުރިހަމަ ކުރެއްވި ފުރަތަމަ ދިވެހި ބޭފުޅާ ކަމަށް ވިޔަސް އޭނާ އަށް ރާއްޖެ އިން ލައިސަންސެއް ލިބިވަޑައެއް ނުގަންނަވަ އެވެ. ޕައިލެޓް ކޯސް ނިންމަވާފައި ރާއްޖެ ވަޑައިގަތްއިރު އޮތް ސިޔާސީ ހޫނުގެ ތެރޭގައި ޖަލަށް ލީ އެވެ. ޕައިލެޓްކަމުގެ ލައިސަންސަކީ ކޮންމެ ފަސް އަހަރަކުން އާ ކުރަންޖެހޭ އެއްޗެއް ކަމަށް ވާއިރު، ޕައިލެޓް ނައީމް ޖަލުގައި ފަސް އަހަރު ހޭދަކުރައްވަން ޖެހުމުން ލައިސަންސް ބާތިލްވެ، ރާއްޖޭން ލައިސަންސް ހޯދުމުގެ ފުރުސަތު ވެސް ގެއްލިވަޑައިގަތީ އެވެ.
އެހެން ދިމާވެފައި އޮއްވައި ރަޝީދު އާއި ޝާމް ރާއްޖޭގެ ގަވައިދުގެ ދަށުން، އެކުގައި ލައިސަންސަށް އެދިވަޑައިގަތުމުން ފުރަތަމަ ލައިންސަންސް ރަޝީދަށް ލިބިވަޑައިގަތުމުން ތާރީހުން ޖާގަ ލިބިވަޑައިގަތެވެ. ލައިސަންސް ނަންބަރުގެ ތަރުތީބުން ޝާމް އަކީ ދެ ވަނަ ޕައިލެޓެވެ. އެއްވަނަ އަކީ ރަޝީދެވެ.
ރަޝީދު ޕައިލެޓްކަމުގެ ތަމްރީނު ހޯދުމަށް އޮސްޓްރޭލިއާގައި އުޅުއްވި ދުވަސްވަރުގެ ފޮޓޯއެއް.
ލައިންސަންސް ދިނުމުގެ ކުރިން ރަޝީދާއި ޝާމްއާ ވެސް އިންޓަވިއު ކުރެއްވީ އިއްތިފާގުން ޕައިލެޓް ނައީމެވެ. އޭރު ޖަލުން ސަލާމަތްވެ، ޕައިލެޓް ނައީމް ހުންނެވީ ޑިރެކްޓަ އޮފް ސިވިލް އޭވިއޭޝަންގެ މަގާމުގަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ޕައިލެޓްކަމުން ރަޝީދު ރިޓަޔާ ކުރެއްވުމުން، އެކަން އެހާ ބޮޑަށް ފާހަގަކުރީ އެއީ ރާއްޖޭގެ ގަވާއިދުތަކުގެ ތެރެއިން އަދި ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ވެސް ލައިސަންސް ލިބިވަޑައިގެންނެވި ފުރަތަމަ ދިވެހި ޕައިލެޓަށް ވާތީ އެވެ. އޭވިއޭޝަން ސިނާއަތުގައި ރަޝީދު ހޭދަކުރެއްވި 40 އަހަރުގެ އަގު އެތައް ބަޔަކު ވަޒަން ކުރި އެވެ.
ރޭގަނޑު 10 ޖެހީމާ ފޯނަށް ޖަވާބު ނުދީ ވޭތޯ ބަލަން. ނިދަން ބޭނުންވޭ އެހާއިރު. ސިފައިންގޭގައި ވެސް އެ ބޭފުޅުން އަޅުގަނޑަށް އެއްވެސް ކަމެއް ހަވާލެއް ނުކުރައްވާނެ 10 ގެ ފަހުން. އަންބަރީ ވެސް ހުރިހާ އެންމެންނަށް އެކަން އޮންނަނީ އަންގަވާފައި. ވަރަށް އިމަޖެންސީ ހާލަތެއްގައި ނޫނިއްޔާ 10 ގެ ފަހުން އެއްވެސް ކަމެއް ނުޖައްސާނެ،"--- ރަޝީދު
މުޅި އެ ސިނާއަތު އޭނާ އަށް އެ ދުވަހު ސެލިއުޓް ކުރި އެވެ. ރަޝީދު އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވި، ކުރީގެ އެއާ މޯލްޑިވްސް ނުވަތަ ފަހުގެ ނަމުން ނަމަ އައިލެންޑް އޭވިއޭޝަނާއި އޭގެ ފަހުން މިދިޔަ 10 ވަރަކަށް އަހަރު އޭނާ ޕައިލެޓްކަމުގެ ވަޒީފާ އަދާކުރެއްވި ވިލާ އެއާގެ ފްލައިމީން ވެސް ހިދުމަތް ބަލައިގަތެވެ. ވިލާ އެއާގެ ޗެއާމަން ގާސިމް އިބްރާހިމް އެ ދުވަހު ރަޝީދާ ބައްދަލު ކުރައްވައި ހިދުމަތުގެ އަގު ވަޒަން ކުރެއްވި އެވެ.
ރަޝީދު ވިދާޅުވީ، ޕައިލެޓްކަމުގެ ދިގު ތާރީހުގައި އޭނާ އެންމެ އުފާވީ، އޭނާގެ ފަހު ފްލައިޓްގައި އދ. މާމިގިލި އިންޓަނޭޝަނަލް އެއާޕޯޓުން މާލެ އަށް ދަތުރުކުރެއްވި އިރު "އެއާ އިން އެ އައި މެސެޖުތައް" ކަމަށެވެ.
"އެ ވަރުގެ އުފަލެއް އަޅުގަނޑަށް އަދި ނުލިބޭ. އޭޓީސީން [އެއާ ޓްރެފިކް ކޮންޓްރޯލް] ކުރު އެހެނަސް ވަރަށް ލޯބި ޝުކުރެއް އަޅުގަނޑަށް އަދާކުރި. އެ ޝުކުރު އަދާކޮށްލީމާ، އޭރު އުދުހުނު ހުރިހާ ބޯޓަކުން އަޅުގަނޑަށް ޝުކުރު އަދާކުރި. އަޅުގަނޑަށް ވަރަށް އިމޯޝަނަލް،" ސިފައިންގޭގައި ވެސް 22 އަހަރު ހޭދަކުރެއްވި ރަޝީދު ވިދާޅުވި އެވެ.
ފަހު ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސިއިރު، އައިލެންޑް އޭވިއޭޝަނާއި މަންޓާ އެއާ އާއި ވިލާ އެއާގެ ހުރިހާ މުވައްޒަފުން އަދި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މަހުޖޫބް ޝުޖާއުއާ ހިސާބުން ފެށިގެން އެންމެ އިސް ބޭފުޅުން ރަޝީދުގެ އިސްތިގުބާލުގައި ޓާމިނަލަށް ވަޑައިގެން ތިއްބެވި އެވެ.
"މާމިގިއްޔަށް އަޅުގަނޑު ލެފިއިރު ގާސިމް އަޅުގަނޑަށް މަރުހަބާ ވިދާޅުވި،" ރަޝީދު ވިދާޅުވި އެވެ.
ޕައިލެޓްކަމުން ރަޝީދު ރިޓަޔާ ކުރެއްވުމުން އޭނާއާ ވިލާ އެއާގެ ޗެއާމަން ގާސިމް މިދިޔަ ބުރާސްފަތި ދުވަހު މާމިގިލި އެއާޕޯޓްގައި ބައްދަލުކުރައްވަނީ.
ދަތުރުގެ ފެށުމާއި ރިޓަޔާކުރެއްވި ދުވަހުގެ ވާހަކަތަކާ އެކު މާޒީގެ އެތައް ވާހަކައެއް ވެސް ރަޝީދު ހިއްސާކުރެއްވި އެވެ.
ރަޝީދު ވިދާޅުވި ގޮތުގައި ޕައިލެޓްކަން ކިޔަވައި ވިދާޅުވެގެން ރާއްޖެ ވަޑައިގެން ދެ އަހަރު ވަންދެން ރާއްޖޭގައި މަތިންދާބޯޓް ދުއްވީ އޭނާ އާއި ޝާމް އެކަންޏެވެ. އޭރު ދަތުރު އޮންނަނީ ހުޅުލެ އާއި އައްޑޫ ގަމާ ދެމެދުގަ އެވެ.
"އޭރު ހަފުތާއަކު 4-5 ފްލައިޓް ގަމަށް ބާއްވާނެ. އެއީ ޝެޑިއުލް ފްލައިޓް. އޭގެ ބޭރުން ވެސް ސަރުކާރުގެ އިސްވެރިންތަކެއް ވަޑައިގަންނަވަން ބޭނުންވެއްޖިއްޔާ ހާއްސަ ފްލައިޓެއް ބާއްވަފާނެ،" ރަޝީދު ވިދާޅުވި އެވެ.
ނަމަވެސް ރަޝީދު ވެސް އިސްނަންގަވައިގެން އޭރުގެ އެއާ މޯލްޑިވްސް އާއި ޑިފެންސް މިނިސްޓްރީގެ އެހީތެރިކަމާ އެކު 12 ވަރަކަށް ދިވެހި ޕައިލެޓުން ތަމްރީނުކުރި އެވެ. އޭގެ ނަތީޖާއަކީ އެއްފަހަރާ ގިނަ ދިވެހި ޕައިލެޓުންތަކެއް އައުމެވެ.
40 އަހަރުގެ އުދުހުމަށް ފަހު ރިޓަޔާ ކުރެއްވުމުން ރަޝީދުގެ ހިދުމަތް ފާހަގަކުރަން އެމްއޭސީއެލާއި އައިލެންޑް އޭވިއޭޝަނާއި އޭޓީސީގެ ބައެއް މުވައްޒަފުން އޭނާއާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މިދިޔަ ބުރާސްފަތި ދުވަހު ފޮޓޯއެއް ނަގަނީ.
"އޭރު ޑިފެންސްގައި ވެސް ހުންނަވަނީ އަންބަރީ. އެއާމޯލްޑިވްސްގައި ވެސް އިސްކޮށް އަންބަރީ. އެހެންވެ، ދެ ތަނުގެ ފަރާތުން ވެސް ޕައިލެޓުން ތަމްރީން ކުރަން ފޮނުވަން ވަރަށް ފަސޭހަވި. އަންބަރީމެން އޭރުގެ ސަރުކާރުގެ އިސްބޭފުޅުންގެ ދުރު ވިސްނުމުގެ ސަބަބުން އެކަން ވީ،" ރަޝީދު ވިދާޅުވި އެވެ.
އޭނާ ވަނީ ރާއްޖޭގެ އޭވިއޭޝަންގެ ހުރިހާ ފަރާތެއް ވަރަށް ކައިރިން ފެނިވަޑައިގެންނެވި ބޭފުޅެކެވެ. އޭނާ އަށް މިދިޔަ ދުވަސްތަކުގައި ފެނިވަޑައިގެންނެވި ކަންކަމަށް ބަލާފައި ވިދާޅުވީ "ވަރަށް ބޮޑު ތަން ކުރިއަރައިފި" ކަމަށެވެ.
ރަޝީދު ސިފައިންގޭގައި އުޅުއްވި ދުވަސްވަރު ސިފައިންގެ ބޭންޑާ އެކު ރޫޓްމާޗެއްގައި: އޭރު އޭނާއަކީ ސިފައިންގެ ބޭންޑްގެ ލީޑަރު
"ރާއްޖޭގައި [އޭރު] އޭވިއޭޝަނާ ބެހޭ ގަވާއިދެއް ނެތް. މިހާރު ދިވެހިރާއްޖެއަކީ މި އޭޝިއާ ރީޖަންގައި އެންމެ ހައި ސްޓޭންޑަޑްގައި ގަވާއިދު ތަންފީޒު ކުރަން މަސައްކަތް ކުރާ ގައުމު. އަޅުގަނޑުގެ ނަސީބު ރަނގަޅު ކަމުން މި ރީޖަންގައި، ހާއްސަކޮށް ސާކް ގައުމުތަކުގެ ފަރާތްތަކާ ގުޅުން އުފެއްދުނު. އެގޮތުން ސްރީ ލަންކާގެ ސިވިލް އޭވިއޭޝަންގެ ތެރޭގައި އުޅެން ވެސް އަޅުގަނޑަށް ދިމާވި. އެ ބޭފުޅުންނަށް އެހީތެރިކަން ފޯރުކޮށްދޭން ވެސް އަޅުގަނޑަށް ދިމާވި،" ރަޝީދު ވިދާޅުވި އެވެ.
"އެހެންވީމާ އެހެން މީހުންގެ ހާލަތާއި އަޅުގަނޑުމެންގެ ހާލަތު ވެސް ވަރަށް ރަނގަޅަށް އެނގޭ. މި ރީޖަންގައި އެންމެ ބޮޑު ގައުމަކީ އިންޑިއާ. އިންޑިއާ އަށް ވެސް ގޮންޖަހާލެވޭނެ ހާލަތުގައި ދިވެހިރާއްޖެ މި އޮތީ އެ ގޮތުން. ސްރީ ލަންކާގައި އޭޓީއާރު ދުއްވަން ވެގެން އޭޓީއާރު މީހުންގެ ތަމްރީނު ނިންމައި ދިނުމާއި އެ މީހުންގެ ފްލައިންޓެކާ އަޅައި ދިނީ އަޅުގަނޑު."
ވިލާ އެއާގެ ތަމްރީނެއް ފުރިހަމަކުރި މުވައްޒަފަކަށް ރަޝީދު ސެޓްފިކެޓް ދެއްވަނީ.
ރަޝީދުގެ ހިދުމަތް ޕައިލެޓުންގެ ދާއިރާ އަށް އެކި ގޮތްގޮތުން ވަނީ ދީފަ އެވެ. ޕައިލެޓްކަން ދެން ނުކުރެއްވިޔަސް އަދިވެސް އޭނާގެ ވަޒީފާ އޮތީ އެ ދާއިރާގަ އެވެ. ރަޝީދު ދޫކޮށްލައްވާކަށް ވިލާގެ ޗެއާމަން ގާސިމް ބޭނުމެއް ނުވި އެވެ. އެހެންވެ، ވިލާ އެއާގެ ޕައިލެޓުންނަށް ތަމްރީނުތައް ހިންގައި ދިނުމުގައި މެނޭޖަރެއްގެ ހައިސިއްޔަތުން އޭނާ ހުންނަވާނެ އެވެ. އެއާ އެކު ސިވިލް އޭވިއޭޝަން އިދާރާގައި ވެސް ރަޝީދުގެ ހިއްސާ އޮންނާނެ އެވެ.
ރަޝީދަކީ އުުސޫލުތަކުގައި ހިފަހައްޓަވައި އަދި މަސައްކަތުގެ އަހުލާގުގައި ނަމޫނާއެކެވެ. ހަވާލުވެވަޑައިގަތް ކޮންމެ ކަމަކުން އޭނާ އެ ނަމޫނާ ދެއްކެވި އެވެ.
ސިފައިންނާއި ފުލުހުންގެ ހިދުމަތުގައި 22 އަހަރު ހޭދަކުރެއްވުމަށް ފަހު އޭނާ ފުލުހުންގެ ހިދުމަތުން ވަކިވެވަޑައިގަތީ ވެސް ވަކި އުސޫލުތަކެއް ގެންގުޅުއްވަން ބޭނުންވުމުންނެވެ. ގަބޫލު ކުރައްވާ ހަމައިން ބޭރުވެދާނެތީ އެވެ.
މާފުށީ ޖަލުގައި 2003 ގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެޅުއްވި ފިޔަވަޅުތަކުގެ ތެރެއިން އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ މަތީގެ ރޭންކުގެ ބޭފުޅުން ގޭގައި މަޑުކުރައްވަން އެންގެވުމުން މުޅި ފުލުހުންގެ އިދާރާ ހަވާލު ކުރެއްވީ ރަޝީދާ އެވެ. އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމު ދެއްވި އެވެ. އެކަމަކު، ޕައިލެޓެއްގެ ގޮތުގައި ހުންނަވައިގެން މުޅި ފުލުހުންގެ އިދާރާގެ އެންމެ އިސްވެރިޔާގެ މަގާމުގައި ހުންނެވުން ރަޝީދަށް އެހާ ހިތްގައިމު ކަމަކަށް ނުވި އެވެ.
އެ ވަރުގެ އުފަލެއް އަޅުގަނޑަށް އަދި ނުލިބޭ. އޭޓީސީން [އެއާ ޓްރެފިކް ކޮންޓްރޯލް] ކުރު އެހެނަސް ވަރަށް ލޯބި ޝުކުރެއް އަޅުގަނޑަށް އަދާކުރި. އެ ޝުކުރު އަދާކޮށްލީމާ، އޭރު އުދުހުނު ހުރިހާ ބޯޓަކުން އަޅުގަނޑަށް ޝުކުރު އަދާކުރި. އަޅުގަނޑަށް ވަރަށް އިމޯޝަނަލް،"--- ރަޝީދު
"އެ ޒިންމާ ނަގަމުން އަޅުގަނޑުގެ ފަންނުގައި ކުރިއަށް ނުދެވޭނެއޭ ހިތަށް އެރީ. ޕައިލެޓްކަން ކޮށްގެން ނުވާނެއޭ ކޮމިޝަނަރުކަން ކުރަމުން. ސަބަބަކީ އަޅުގަނޑަކީ ހުރިހާ އެންމެންގެ މަތިން ހުންނަ މީހަކަށް ވީމާ. ދިވެހި ރައްޔިތުންގެ ގާނޫނީ ކޮންޓްރޯލް އޮންނަ މީހެއް ކޮމިޝަނަރުކަން ކުރާ މީހާ އަކީ. ކޮންމެ ފަދަ އިއްޒަތްތެރިއަކަސް ކޮންމެ ފަދަ ނިކަމެއްޗަކަސް ކުށެއް ކޮށްފިއްޔާ ގާނޫނީ ފިޔަވަޅު އަޅަން ހުންނަ މީހާ ކޮމިޝަނަރަކީ. އެހެންވެއްޖިއްޔާ އަޅުގަނޑު ޕައިލެޓަކަށް ވެ ހުރެގެން އެފަދަ ކަމެއް ކޮށްފިއްޔާ ވަރަށް ހުތުރު،" ރަޝީދު ވިދާޅުވި އެވެ.
"އެ ހިސާބުން އަޅުގަނޑު ނިންމީ [ފުލުހުންގެ ވަޒީފާ އިން] ވަކިވާން."
ޕައިލެޓުންނަކީ ވަކި އުސޫލުތަކެއްގެ މަތީގައި ތިބެންޖެހޭ، ވަކި އަހުލާގީ ސިފަތަކެއްގައި އުމުރު ދުވަސް ހޭދަކުރަންޖެހޭ ބައެއް ކަމަށް ވާއިރު، ރަޝީދު ދުވަހަކު ވެސް އެ އިން ކަމަކުން ފެއިލެއް ނުވެ އެވެ. ސިއްހީ ގޮތުން ވަކި އުސޫލުތަކެއް ގެންގުޅުއްވި އެވެ. ކުޑައިރުއްސުރެ ގިނައިރު މަސައްކަތް ކުރައްވަން އާދަވެފައި ހުރުމުން އޭގެ ބޭނުން އެންމެ ކުރިއްސުރެ ވެސް ހިއްޕެވި އެވެ.
ރަޝީދުގެ ކެޕްޓަންކަމުގެ ދަށުން ދުއްވި ފަހު ފްލައިޓަށް މިދިޔަ ބުރާސްފަތި ދުވަހު ވެލާނާ އިންތަނޭޝަނަލް އެއާޕޯޓުން ޓޫރިސްޓުންތަކެއް އަރާއިރު، އެ މީހުން އޭނާގެ ހިދުމަތް ފާހަގަކޮށް ވާހަކަ ދައްކަނީ.
ކޮންމެ ދުވަހެއްގެ ފަތިހު 4:30 ގައި ދުވަސް ފައްޓަވަ އެވެ. ރޯދަމަސް ނަމަ ފަތިހު ހަތަރެއް ޖަހާއިރެވެ. މޫސުން ރަނގަޅު ނަމަ ކޮންމެ ދުވަހެއްގެ ހެނދުނު މާލެ ވަށައި ބުރެއް ޖައްސަވަ އެވެ. ވަގުތު އޮތް ނަމަ ކޮންމެ ދުވަހެއްގެ ހަވީރު ޖިމަށް ވަޑައިގަންނަވަ އެވެ. ކޮންމެ ތާކަށް ހިންގަވާފައި ވަޑައިގަންނަވަން ޖެހުނަސް ހިންގަވަނީ ވަރަށް ބާރަށެވެ.
"ރޭގަނޑު 10 ޖެހީމާ ފޯނަށް ޖަވާބު ނުދީ ވޭތޯ ބަލަން. ނިދަން ބޭނުންވޭ އެހާއިރު. ސިފައިންގޭގައި ވެސް އެ ބޭފުޅުން އަޅުގަނޑަށް އެއްވެސް ކަމެއް ހަވާލެއް ނުކުރައްވާނެ 10 ގެ ފަހުން. އަންބަރީ ވެސް ހުރިހާ އެންމެންނަށް އެކަން އޮންނަނީ އަންގަވާފައި. ވަރަށް އިމަޖެންސީ ހާލަތެއްގައި ނޫނިއްޔާ 10 ގެ ފަހުން އެއްވެސް ކަމެއް ނުޖައްސާނެ،" ރަޝީދު ވިދާޅުވި އެވެ.
ކޮންމެރެއަކު 8 ޖަހާއިރު ރޭގަނޑުގެ ކެއުން ނިންމަވާނެ އެވެ. ކޮންމެ ދުވަހަކު ބައްލަވަނީ އެންމެ ކޮފީއެކެވެ. ވަރަށް މަދު ހާލަތެއްގައި ނޫނިއްޔާ އެ އަށް ވުރެ އިތުރެއް ނުކުރައްވަ އެވެ.
"މިހާރު ވެސް އެބައުޅޭ ވަރަށް ޑިސިޕްލިން ކުދިން. އެހާ ޑިސިޕްލިން ނޫން ކުދިން ވެސް އެބައުޅޭ. އެކަމާ ހެދި ބައެއް ކުދިންގެ މެޑިކަލް މައްސަލަަތައް ދިމާވެގެން ފްލައިންއާ ދުރުގައި ތިބެން ޖެހޭ. މިހާރު މި އޮތީ އައިނަކަށް ވެފައި. އެހެންވީމާ ހުރިހާ ބައެއް އުޅޭނެ. އެކަމަކު، ފުރަތަމަ ގުރޫޕްގައި އަޅުގަނޑު ހަވާލުވެގެން އުޅުނުއިރު ވަރަށް މަސައްކަތް ކުރިން އެ ގޮތުގައި އެ ކުދިން ހިފެހެއްޓޭތޯ،" ރަޝީދު ވިދާލުވި އެވެ.
ޕައިލެޓުންގެ ތެރޭގައި ޒުވާނުން ގިނަކަމާއި މި ޖީލު ކޮފީއަށް ދޭ ލޯތްބަށް އިޝާރާތް ކުރައްވަމުން މިކަމުގައި ވެސް، ޕައިލެޓުންނަށް ދަސްކޮށްދޭ އުސޫލުތައް ހިފަހައްޓަން އޭނާ އެދިވަޑައިގަތެވެ.
އެ ޒިންމާ ނަގަމުން އަޅުގަނޑުގެ ފަންނުގައި ކުރިއަށް ނުދެވޭނެއޭ ހިތަށް އެރީ. ޕައިލެޓްކަން ކޮށްގެން ނުވާނެއޭ ކޮމިޝަނަރުކަން ކުރަމުން. ސަބަބަކީ އަޅުގަނޑަކީ ހުރިހާ އެންމެންގެ މަތިން ހުންނަ މީހަކަށް ވީމާ. ދިވެހި ރައްޔިތުންގެ ގާނޫނީ ކޮންޓްރޯލް އޮންނަ މީހެއް ކޮމިޝަނަރުކަން ކުރާ މީހާ އަކީ.--- ރަޝީދު
"ކޮފީ ބޮއެގެން ނިދާއިރު ދާނީ ރެމް ސްލީޕަށް. އެ އަށް ވުރެ ޑީޕް ސްލީޕަކަށް ނުދާނެ. ސިކުނޑި ހަމައެކަނި ނިދާނީ ޑީޕް ސްލީޕަށް ދާ ގަޑީގައި ކަމަށް އަޅުގަނޑުމެންނަށް ކިޔަވައިދީފައި އޮންނަނީ. އެ ގަޑި އަށް ނުދާ ކަމަށް ވަންޏާ އޭގެ އަސަރު އޭނާ އަށް ކުރާނެ. މިއީ ޕައިލެޓުންނަށް ކިޔަވައިދޭ އެއްޗެހި. ދުވާލު ގަޑީގައި ކޮފީ ބޯ ގަޑިތަކާއި ކޮފީ ބޯން ޖެހޭ ވަރާއި ސިނގިރިޓް ބުއިމުން ވާ ގެއްލުން ޕައިލެޓުންނަށް އެނގޭނެ،" ރަޝީދު ވިދާޅުވި އެވެ.
"ޕައިލެޓުންގެ އެންމެ ނުރައްކާތެރި ކަމަކީ އެއްވެސް މެޑިކަލް އިޝޫއެއް ދިމާވެއްޖިއްޔާ ލައިސަންސް ގެއްލުނީ. އުމުރުން 60 އަހަރު ވަންދެން ކޮންމެ އަހަރަކު އެއްފަހަރު ޓެސްޓް ހަދަން ޖެހޭ. އުމުރުން 60 އަހަރު ވުމުން ކޮންމެ ހަ މަހަކުން ހަދަން ޖެހޭނެ ފުލް މެޑިކަލް. މި މެޑިކަލުން ލޯ ވިޔަސް ހިތް ވިޔަސް މިހެން ގޮސް ހަށިގަނޑުގެ އެއްވެސް ގުނަވަނެއްގެ މައްސަލަ ޖެހިއްޖިއްޔާ ޕައިލެޓެއްގެ ލައިސަންސް ގެއްލުނީ."
އެ ސަބަބުތަކާ އެދި މިދިޔަ 40 އަހަރު އޭނާ ހޭދަކުރެއްވީ އަބަދުވެސް ގެންގުޅުއްވާ ޑިސިޕްލިންގެ ތެރޭގަ އެވެ. ޕައިލެޓުންގެ އަހުލާގުގެ ބޭރުން ކަމެއް ކުރެއްވި ތަނެއް ނުފެނެ އެވެ. ކަންކަމާ ހިތްހަމަޖެހިވަޑައިނުގަތުމުން ދެކޮޅަށް ނުކުތުން ފަދަ ކަންކަމާ މުޅިން ހުންނަވަނީ ދުރުގަ އެވެ. ދިގު ތާރީހުގައި ރަޝީދު އެ އިން އެއްވެސް ކަމަކުން ނުފެނެ އެވެ.
އިމަޖެންސީގައި ޖެއްސި ފްލައިޓުގެ ކްރޫއަށް ތައުރީފު
މޯލްޑިވިއަން އިން އޭޓީއާރުގެ އިތުރު ދެ ބޯޓު ގެންނަނީ
މޯލްޑިވިއަންގެ ތިން ވަނަ އޭޓީއާރު ރާއްޖެ ގެނެސްފި
މޯލްޑިވިއަންގެ އާ ބޯޓުތައް އަންނަ މަހު ރާއްޖެ ގެންނަނީ
ނައުފަލް: ބޮއިންގެ ބޮޑެތި ބޯޓުތަކުގެ އިންޖީނިއަރު!
މޯލްޑިވިއަންގެ އޭވިއޭޝަން އެކަޑެމީ ހުޅުވައިފި
މޯލްޑިވިއަންގެ ހަތް ޕައިލެޓަކު ވަޒީފާއިން ވަކިވެއްޖެ
ފްލައިޓެއް ޖައްސަނިކޮށް ލޭޒާ އެޅުވި މައްސަލައެއް ބަލަނީ
ސިފައިންގެ ޕައިލެޓުންގެ ތަމްރީނު ނުފެށިއޮތީ ކޮވިޑާހެދި
މާފަރު އެެއާޕޯޓަށް ދަތުރުތައް ފަށައިފި