ރާއްޖޭގެ ވެރިކަމާ މައުމޫން އަބްދުލްގައްޔޫމް ހަވާލުވެވަޑައިގެންނެވިތާ ކައިރި އެވެ. ކޮންމެ އަހަރެއްގެ މޭ 10 ވަނަ ދުވަހަކީ ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ހަމަޖައްސަވައި 1979 ވަނަ އަހަރުން ފެށިގެން އެ މުނާސަބާ މުޅި ރާއްޖޭގައި ފާހަގަކުރަން ސަރުކާރުން އެންގި އެވެ. އެކިއެކި ވުޒާރާތަކުން ފެށިގެން، ރަށު އޮފީސްތަކާއި މާލެ އާއި އަތޮޅުތެރޭގެ މަދަރުސާތަކުގައި ވެސް މެ އެވެ. ހައްދުންމަތީ ފޮނަދޫ، މަކުތަބުއްސިރާޖުން ވެސް އެ ދުވަހަށް ޕްރޮގްރާމެއް ރާވައިލި އެވެ. އޭގައި ހިމެނޭ، ދުވަހުގެ ހާއްސަ ޅެން ހެދުން، އެ ތަނުގެ އިސް މުދައްރިސް އަލް މަރްހޫމް އިސްމާއީލް ފިކުރީ ހަވާލުކުރެއްވީ އެ ތަނުގެ އުމުރުން 12 އަހަރުގެ ދަރިވަރަކާ އެވެ.
04 ޖޫން 2025
ރާއްޖޭގެ ވެރިކަމާ މައުމޫން އަބްދުލްގައްޔޫމް ހަވާލުވެވަޑައިގެންނެވިތާ ކައިރި އެވެ. ކޮންމެ އަހަރެއްގެ މޭ 10 ވަނަ ދުވަހަކީ ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ހަމަޖައްސަވައި 1979 ވަނަ އަހަރުން ފެށިގެން އެ މުނާސަބާ މުޅި ރާއްޖޭގައި ފާހަގަކުރަން ސަރުކާރުން އެންގި އެވެ. އެކިއެކި ވުޒާރާތަކުން ފެށިގެން، ރަށު އޮފީސްތަކާއި މާލެ އާއި އަތޮޅުތެރޭގެ މަދަރުސާތަކުގައި ވެސް މެ އެވެ. ހައްދުންމަތީ ފޮނަދޫ، މަކުތަބުއްސިރާޖުން ވެސް އެ ދުވަހަށް ޕްރޮގްރާމެއް ރާވައިލި އެވެ. އޭގައި ހިމެނޭ، ދުވަހުގެ ހާއްސަ ޅެން ހެދުން، އެ ތަނުގެ އިސް މުދައްރިސް އަލް މަރްހޫމް އިސްމާއީލް ފިކުރީ ހަވާލުކުރެއްވީ އެ ތަނުގެ އުމުރުން 12 އަހަރުގެ ދަރިވަރަކާ އެވެ.
އަބްދުއްރަހީމް އޭނާގެ ޅެންފޮތް "ބަނަފުސާ" ދައްކަވާލައްވަނީ: މިއީ އެމަނިކުފާނުގެ ފުރަތަމަ ޅެން ފޮތް. -- ފޮޓޯ: ނިޝާން އަލީ | މިހާރު
ބައިތުބާޒީކުރަން އޮންނަ ޝައުގުވެރިކަމުގައި، ކުޅަދާނަ ޅެންވެރިންގެ ވަރަށް ގިނަ ޅެންތައް ހިދުން ދަސްކޮށްފައިވާ ދަރިވަރަކަށް ވިޔަސް އަދި ބައެއް ފަހަރަށް އަމިއްލަ އަށް ބައިތު ހަދައިގެން ކިޔާ ކުއްޖަކަށް ވިޔަސް، ދުވަހަކު ވެސް އޭނާ ޅެމެއް ނުހަދަ އެވެ. އެހެންވެ ޅެން ހެއްދެވުމަށް ވެސް ކުޅަދާނަ އެ މުދައްރިސް، އެކަން އަމިއްލަ އަށް ނުކުރައްވައި، އޭނާއާ ހަވާލުކުރެއްވުމުން އެ ދަރިވަރަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ. ގެޔަށް ދިޔައީ ހާސްވެ، ފިކުރު ބޮޑުވެ ހުރެ އެވެ. މި ހަވާލުވެވުނު މަސައްކަތުގެ ބޮޑުކަމުންނެވެ.
"ނަފްސާއި މި ފިކުރުގެ ގަދަ ހަނގުރާމައިގެ ސަބަބުން އުޅެއުޅެ ނިދޭ ގޮތެއް ނުވި އެވެ،"
އެންމެ ފަހުން އޭނާ ތެދުވެއްޖެ އެވެ. އޭރު ރޭގަނޑު 11 ޖަހައިފި އެވެ. މޭދަށަށް ބާލީހެއް ލައިގެން ބޮޑުއަށިމަތީގައި ބަންޑުން އޮށޯވެ އޮވެ، ކައިރީގައި ހުރި އަތްބައްތީގެ އަލީގައި، ގަނޑެއްގައި ގަލަމުން ލިޔަން ފަށައިފި އެވެ. އެކި ފަހަރު އަންނަ އެކި ހިޔާލު، ވަޒަނަކަށް ފެއްތޭތޯ ހިތްމަތް ކުރަނީ އެވެ. އެކަމަކު 10 ވަރަކަށް ގަނޑު ހުސްވިއިރު ވެސް، ހަމަ ހިލާ ކުރިއަށް ދާ ގޮތެއް ނުވި އެވެ. ފަތިސް ނަމާދަށް ބަންގި ގޮވިއިރު، ވިއްސަކަށް ގަނޑު ހުސްވެއްޖެ އެވެ. އޭރު ލައްކަ ހިތްވަރުން ފަސް ބައިތު އޮތީ ހަމަކުރެވިފަ އެވެ.
އެއީ ރާއްޖޭގެ ކުޅަދާނަ ޝާއިރު، އަބްދުއްރަހީމް އަބްދުﷲގެ ޅެންވެރިކަމުގެ ފެށުމެވެ. ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ރައީސް އަދި ފަހަކަށް އައިސް ރާއްޖޭގެ ސިޔާސީ މައިދާނުން ފެނުނު އެންމެ ނުފޫޒުގަދަ އެއް ޝަހުސިއްޔަތަކީ، މީހުންނަށް ނޭގި އޮތް ނަމަވެސް މާ ކުރިން ފެށިގެން ޅެންވެރިކަމުގެ ތަރިއެކެވެ. ސިޔާސީ ހިޔާލުތަކުގެ ކުރިން، އެ މަނިކުފާނުގެ ސިކުނޑި ފުރާލެއްވެވީ ޝާއިރީ ހިޔާލުތަކުންނެވެ.
އަބްދުއްރަހީމް އޭނާގެ ޅެންފޮތް "ބަނަފުސާ" އިން ޅެމެއް ވިދާޅުވަނީ: 169 ސަފުހާގެ މި ޅެން ފޮތް މިހާރު ބުކްޝޮޕްތަކުން ގަންނަން ލިބޭނެ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
ސްކޫލް ދައުރަށް ފަހު މާލޭގައި، މިނިސްޓްރީ އޮފް ޖަސްޓިސްގައި ވަޒީފާ އަދާކުރެއްވި އިރު ވެސް އަބްދުއްރަހީމަށް ހިންގެވެނީ އެ މަގުންނެވެ. އޭރު ކޯޓު ނަމްބަރުތަކުގެ ގާޒީންގެ ގޮތުގައި މަސައްކަތް ކުރެއްވި ބ. ދަރަވަންދޫ ޔޫސުފް އަލިފުޅާއި ގ. ލައިލަކް މުހައްމަދު ރަފީއު ފަދަ ޅެންވެރިންގެ އެހީތެރިކަމާ އެކު އެވެ. ކުޅަދާނަ ޅެންވެރިން ކަމަށްވާ މުހައްމަދު ޝިހާބާއި، މުހައްމަދު ޖަމީލް ދީދީ ފަދަ ޅެންވެރިންނާ ބައްދަލުވެ ދެއްކެވޭ ވާހަކަތަކާ އެކު އެވެ. އެކަމަކު، އޭރު ވެސް އަބްދުއްރަހީމަށް ހެއްދެވެނީ، މަދަރުސާ ދުވަސްވަރު ލިޔުއްވި ފަދަ ބައިތުތަކެކެވެ. ޅެމަކަށް ވާ ގޮތަށް ފުރަތަމަ ފަހަރަށް ޅެމެއް ހެއްދެވުނީ، އޭގެ އަހަރުތަކެއް ފަހުން، ހަޔާތުގައި، އެހާތަނަށް ކުރެވިފައި ނުވާ ފަދަ އިހުސާސްތަކެއް ކުރެއްވުނު ދުވަހެއްގަ އެވެ.
އެއީ ޖުލައި 18، 1986 އެވެ. އަބްދުއްރަހީމް ހުންނެވީ މާލޭގައި ގޭބަންދުގަ އެވެ. އޭރު ވިހަން ކައިރިވެފައި އިން އޭނާގެ އަނބިކަނބަލުންގެ ޚަބަރެއް ނުލިބޭތީ އެ މަނިކުފާނު ހުންނެވީ ވަރަށް ބޮޑަށް ކަންބޮޑުވެ، ހާސްވެވަޑައިގެންފަ އެވެ. ރަށުގައި ފޯނެއް ނުހުރެ އެވެ. އެހެން ހުންނަވަނިކޮށް އެ ދުވަހުގެ ހަވީރު 4:30 ގައި ސިޓީއަކުން ލިބުނީ އަނބިކަނބަލުން ވިހޭ ޚަބަރެވެ. އަލަތު ދަރިފުޅު ދުނިޔޭގެ އަލިކަން ދުށްކަން އަބްދުއްރަހީމަށް އެނގިވަޑައިގަތީ، އަނބިކަނބަލުން ވިހޭތާ ތިން ދުވަސް ފަހުންނެވެ. އެއީ އަބްދުއްރަހީމަށް ހަޔާތުގައި އެހާތަނަށް ލިބިވަޑައިގެންނެވި އެންމެ ބޮޑު އުފަލެވެ. އެކަމަކު އެ ހާއްސަ ދުވަހު އަނބިކަނބަލުންނާއި ދަރިފުޅު ކައިރީގައި ހުންނެވޭ ގޮތް ނުވެ، މާ ދުރުގައި އޮތް ރަށެއްގައި، ހަތަރު ފާރުގެ ތެރޭގައި ބަންދުވެފައި ހުންނަން ޖެހިވަޑައިވަޑައިގަތުމުން، އެ މަނިކުފާނަށް ކުރެއްވެނީ ހިތާމަވެރި އިހުސާސްތަކެވެ. އެ ވަގުތަށް އެ ޖަޒުބާތުތައް ގަނޑަކަށް ތިލަކުރެއްވި އެވެ.
"ނަމަ ވިޔަސް ކީއްތޯކުރާނީ އަދުގެ ހާލަތު ހުރި ގޮތުން
ދަރިފުޅަށް ލޯބިން ބަލައިލާ ބޮސް ދެވޭކަށް ނެތް މަށަށް
މިފަދަ ބޮޑު ހިތްދަތިކަމެއް އިންސާނަކަށް އޮންނާނެތޯ؟
މި އަސަރެއް ހަމަ ސިފަކުރާކަށް ނޭނގުނޭ މާ ރަނގަޅަކަށް"
އަބްދުއްރަހީމްގެ އަލަތު ދަރިފުޅު، ކުރީގެ ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް އުފަންވުމުން، ހެއްދެވި އެ ޅެމަކީ، އެ މަނިކުފާނުގެ ޅެންވެރިކަމުގެ ދެ ވަނަ ފެށުމެވެ. އެ ހިސާބުން ފެށިގެން ޅެންވެރިކަން ވެގެންދިޔައީ، އަބްދުއްރަހީމުގެ ހިތުގައި އުފެދޭ އުދާސްތަކާއި ޖަޒުބާތުތައް ބޭރުކޮށްދޭ ވަސީލަތަކަށެވެ. އޭގެ ދުވަސްތަކެއް ފަހުން ޖަލުގައި ތިން މަހެއްހާ ދުވަހު އޮންނަން ޖެހުމުން، އެ އެކަނިވެރިކަން ފިލުވައިދިން އެކުވެރިޔަކީ ވެސް ޅެންވެރިކަމެވެ. ގަލަމާއި ކަރުދާސް ލިބޭ ގޮތް ނުވުމުން، އޭރު އޭނާ ޅެން ލިޔުއްވީ ސިކުނޑީގަ އެވެ. ރައްކާކުރެއްވީ ހިތުގަ އެވެ.
ޅެންވެރިކަމުގައި އަބްދުއްރަހީމްގެ ތަރިއަރާ ގޮތްވީ، ބަންދުން ސަލާމަތްވެ އެނބުރި ރަށަށް ބަދަލުވެވަޑައިގަތުމުންނެވެ. ލ. ފޮނަދުއަކީ މިއުޒިކާއި ލަނގިރީގެ ރަށަކަށް ވުމުން، ވަރަށް ގިނަ ބަޔަކު ޅެމާއި ލަވަ ހަދައިދޭން އަބްދުއްރަހީމް އަރިހުގައި ދިޔައީ އެދެމުންނެވެ. އެހެންވެ، އެކި ވައްތަރުގެ ޅެމާއި ލަވަ ހަދަން ފުރުސަތު ލިބިވަޑައިގެން އަބްދުއްރަހީމުގެ ޅެންވެރިކަމުގެ ހުނަރު ދިޔައީ ފައްކާވަމުންނެވެ. އެ ދުވަސްވަރު އެ މަނިކުފާނު ކުރެއްވި އެންމެ ބޮޑު މަސައްކަތަކީ، ޖަލުގައި ބަންދުކޮށް އަރުވާލަން ޖެހުނު ހާދިސާ ފެށުނީއްސުރެ މިނިވަންވުމާ ހަމަޔަށް ހިނގި ގޮތް ހިމެނޭ 400 އަށް ވުރެ ބައިތުގެ ޅެމެއް ހެއްދެވުމެވެ.
އަބްދުއްރަހީމް "މިހާރު" އަށް އިންޓަވިއު ދެއްވަނީ: އޭނާ އެންމެ ފުރަތަމަ ޅެން ކޯހެއް ހެއްދެވީ 2003 ގައި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ނަމަވެސް އަބްދުއްރަހީމްގެ އެ މަސައްކަތް އެނގެނީ ހަމައެކަނި ރަށު މީހުންނަށެވެ. ޅެންވެރިކަމުގެ ތަރި އޮތީ ވަރަށް ބޮޑަށް ވިލާތަކާ ފަރުވޭފަ އެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ރާއްޖެތެރޭގައި ތިބޭ މީހުން ކުރާ އެ ކަހަލަ މަސައްކަތްތައް އިސްތިހާރު ކުރެވޭނެ ފުރުސަތުތަކެއް ނެތުމެވެ. އަނެއް ކަމަކީ، އޭރު ވެސް އަބްދުއްރަހީމް އެ މަސައްކަތްޕުޅު ކުރައްވަމުން ގެންދެވީ ޅެންވެރިކަމުގެ ހަމަތަކާއި އުސޫލުތައް އެހާ ބޮޑަށް އެނގިވަޑައިގެން ނޫން ކަމަށް ވުމެވެ. ހިތްޕުޅަށް ވެރިވާ ޝުއޫރުތައް ގަނޑަށް ތިރިކުރައްވަމުން ގެންދަވަނިކޮށް، މި މަސައްކަތް ރަނގަޅަށް ދަސްވީ، މަޝްހޫރު ޅެންވެރިޔާ މަރްހޫމް އައިމިނަތު އައްބާސް 2003 ވަނަ އަހަރު، ލ. އަތޮޅުގައި ގައުމީ މަރުކަޒުން ހިންގި ޅެން ކޯހަކުންނެވެ.
"އެ ކޯހުން އެނގުނީ ޅެން ހަދާއިރު، ކުރަން ލާޒިމު ކަންކަން ހުންނަކަން ވެސް. ބަނޑުވައްއަކުރާއި ކާފިޔާ ފަދަ ދިވެހި ޅެންވެރިކަމުގެ ހާއްސަ ސިފަތަކެއް ދަސްވީ ވެސް އެ ކޯހުން،" މިދިޔަ ހޯމަ ދުވަހު "މިހާރު" އަށް ދެއްވި އިންޓަވިއުގައި އަބްދުއްރަހީމް ވިދާޅުވި އެވެ. "ބައިތެއްގައި މުލަ އަކުރެއް އޮންނަކަމެއް އޭގެ ކުރިއަކުން ނުވެސް ދަންނަން."
އެކަމަކު އެކަންކަން ދަސްކުރައްވައިގެން އަބްދުއްރަހީމް ދެން ފަސް އެނބުރި ބައްލަވާފައެއް ނުވެ އެވެ. އެންމެ މަތީ ގިޔަރަށް ލައްވައިގެން ޅެންވެރިކަމުގެ ދަތުރުގައި ކުރިއަށް ވަޑައިގަތީ އެހާމެ ބާރަށެވެ. އެ ހިސާބުން "އަބްދުއްރަހީމް އަބްދުﷲ، އަރާއިރު، ލ. ފޮނަދޫ" ވެގެންދިޔައީ ދިވެހި ޅެންވެރިކަމުގެ އަތްމަތީ ނަމަކަށެވެ. ފަތްތޫރައިގައި އެ މަނިކުފާނުގެ ޅެންތައް ޝާއިއުވާން ފެށި އެވެ. ނޫސްތަކުގައި ވެސް ޖަހަން ފެށި އެވެ. ސްކޫލް ލަވަ މުބާރާތަށް ލަވަ ހައްދަވައިދެއްވަން ފެއްޓެވި އެވެ.
ދެން ފެއްޓެވީ ޅެންވެރިކަމުގައި ވަރަށް ކުރީއްސުރެ ކުރައްވަމުން އައި އުއްމީދެއް ފުރިހަމަ ކުރެއްވުމުގެ މަސައްކަތްޕުޅެވެ. އެއީ އަމިއްލަ ޅެން ފޮތެއް ޝާއިއުކުރެއްވުމުގެ އުއްމީދެވެ.
"މަރްހޫމް ސައިކުރާ އިބްރާހީމް ނައީމުގެ ޔަމަނުގެ މައުސޫމާ ޅެން ފޮތް ކިޔަމުންދިޔައިރު، ހިތަށް އެރި ކޮންމެވެސް ދުވަހަކު އަޅުގަނޑު ވެސް ޅެން ފޮތެއް ނެރޭނަމޭ،"
އަބްދުއްރަހީމް، އެމަނިކުފާނުގެ އާއިލާ މެމްބަރުންނާ އެކު.
އެ އުއްމީދުގައި ޑިސެމްބަރު 2004 ގައި ޅެން ފޮތެއް އެކުލަވާލައްވައި، ނޮވެލްޓީން ނަމޫނާ ޗާޕެއް ވެސް ޖެއްސެވި އެވެ. އެކަމަކު އެ މަހުގެ 26 ވަނަ ދުވަހު އެރި ސުނާމީގައި އަބްދުއްރަހީމްގެ ގެޔަށް ލޮނުވަދެ އެ ފޮތް ހަލާކުވީ އެވެ.
"ހިތުގައްޔާއި އެކި މީހުންގެ އަތުގައި ރައްކާކުރެވިފައި އޮތް މަދު ޅެމެއް ނޫނީ ހުރިހައި ޅެމެއް ވެސް ބިޔަބޮޑު ބާނީގެ ތެރެއިން ކަނޑަށް ގެންދިޔައީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭގެ ފަހުން އަލުން އެ މަސައްކަތް ފަށްޓަވައި 2017 ހިސާބުގައި ނިންމެވި އެވެ. އެކަމަކު މި ފަހަރު ވެސް ދިމާވީ ދެރަ ގޮތެކެވެ. ފޮތަށް ހާއްސަކޮށް ހެއްދެވި ބައެއް ޅެންތަކާއި އެއްކުރައްވާފައިވާ ޅެންތައް ލިޔުއްވާފައި އޮތް ފޮތް، އެ މަނިކުފާނު އޭރު މަސައްކަތްޕުޅު ކުރެއްވި ސިޔާސީ އޮފީސް ބަދަލުވުމުގެ ތެރޭގައި ގެއްލުނީ އެވެ. ނަމަވެސް އުއްމީދު ގެއްލުވާ ނުލައްވައި، ކުރެއްވި މަސައްކަތުން 2022 ގައި އަލުން ފޮތް އެކުލަވާލެއްވެވި އެވެ. ނަމަވެސް އޭރު އޮތީ ރިޔާސީ އިންތިހާބު ބޯމަތިވެފައިކަމުން، އަދި އޭގެ ފަހުން ރައްޔިތުންގެ މަޖިލިސް އިންތިހާބު އޮންނާނެތީވެ، ފޮތް ނެރުން ފަސްކޮށްލެއްވީ އެވެ.
އަބްދުއްރަހީމްގެ އެ ހުވަފެނުގައި އެންމެ ފަހުން މިވަނީ ކުލަ ޖައްސަވައިފަ އެވެ. އޭނާގެ މައިފުނަގެ އަދި، އެ ގެޔެއްގެ ބޮޑުއަށިމަތީގައި އޮންނަވައި، އެންމެ ފުރަތަމަ ޅެމެއް ހަދަން މަސައްކަތްޕުޅު ކުރެއްވި، ފޮނަދޫ ބަނަފްސާގޭގެ ނަމުން ނަން ދީފައިވާ ޅެން ފޮތް "ބަނަފުސާ" އުފަންވެއްޖެ އެވެ. ޗާޕުގެ ހޫނަށް ފަހު، އެ ފޮތް މިހާރު ތަޖުރިބާކުރަމުން އެ އަންނަނީ ކިޔުންތެރިންގެ ހޫނު މަރުހަބާ އެވެ.
އަބްދުއްރަހީމް އޭނާގެ ދަރިފުޅު ފައިސަލްއާ އެކު: އޭނާ އެންމެ ފުރަތަމަ ހެއްދެވި ދިގު ޅެމަކީ ފައިސަލް އުފަންވުމުން ލިޔުއްވި ޅެމެއް.
އަބްދުއްރަހީމުގެ ޅެންވެރިކަމުގެ ހުނަރު މިއަދު ކިތަންމެ މަތިވެފައިވީ ނަމަވެސް، އެ މަނިކުފާނުގެ ފެށުން މި ފޮތުގައި ހަނދާން ނައްތާލައިފައެއް ނުވެ އެވެ. އެގޮތުން އެންމެ ފުރަތަމަ ހެދި ބައިތުތައް ކަމަށްވާ ކުޑަކުދިންގެ ދުވަހަށް ތައްޔާރުކުރި ޅެން، މި ފޮތުގައި ހިމަނާފައިވެ އެވެ. އަދި ދެ ވަނަ ފެށުން ކަމުގައިވި، ދަރިފުޅު ލިބުމުގެ އުފަލުގައި ހެދި ޅެމަށް ވެސް ޖާގަ ދެއްވާފައިވެ އެވެ.
އެކަމަކު މި ފޮތުގައިވާ އެ ހުރިހާ ޅެންތަކުގެ ތެރެއިން ވެސް އަބްދުއްރަހީމަށް އެންމެ ހާއްސަވީ، ލޯބިވާ މަންމަ ނިޔާވުމުގެ ހިތާމައިގައި ހެއްދެވި "ތިޔަ ލޮބުވެތި ހަނދާނުގައި!!!" އަދި، އަންހެނުންނަށް ޝުކުރުގެ މާފައްޗެއްގެ ގޮތުގައި ވެދުން ކުރެއްވި"ހަޔާތުގެ ދަންމަރު!" އެވެ.
އޭގެ ތެރެއިން "ތިޔަ ލޮބުވެތި ހަނދާނުގައި!!!" އެއީ ކޮވިޑުގެ ފުރަބަންދުގެ ތެރޭ މަންމަ ނިޔާވުމުން، އެއް ފަސްގަނޑެއްގައި ހުރި ނަމަވެސް އޭރުގެ ކަރަންޓީނު އުސޫލުތަކުގެ ސަބަބުން މަންމަގެ ޖަނާޒާގައި ބައިވެރިވެވަޑައިގެންނެވޭ ގޮތް ނުވުމުން، އެ ހިތާމައިގައި ވަގުތުން ހެއްދެވި ޅެމެވެ.
"ތިޔަ މަޒާރަށް ހުއްޓިހުރެ ރޫހާ ހިތުން ރަހުމަތް އަދައި
ނިޔަތުގައި ތެދުވެރިވެގެން މިކުރާ ދުއާ ނުނިމޭނެޔޭ
ރައްބަނާ! ޔާ ރައްބަނާ! ލޮބުވެތި މަގޭ މަންމާގެ ރޫހު
އިއްޒަތަކާއެކު ސުވަރުގޭގައި ދާއިމަށް ލައްވާށިޔޭ"
އަނބިކަނބަލުންނަށް ހިތްޕުޅުގައި އޮތް ލޯބި ބަންޑުން ކުރައްވާފައިވާ "ހަޔާތުގެ ދަންމަރު!" މި ޅެމުގެ ކޮންމެ ބައިތެއްގެ ފެށޭ އަކުރު އެއްކޮށްލުމުން ކިޔެނީ "ލޯބިވާ ދިޔާނާ" އެވެ. އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އެ މަނިކުފާނުގެ ހަޔާތްޕުޅުގައި މި ހިސާބަށް އާދެވުމުގައި އެ އަށް ވުރެ ބޮޑު ހިއްސާދާރެއް ނެތެވެ. ހަޔާތުގައި ކުރިމަތިވެވަވަޑަައިގެންނެވި ގޮންޖެހުންތަކުގައި ހިތްވަރުދީ، އެހީތެރިވެދިނީ އަނބިކަނބަލުން ކަމަށް ވިދާޅުވި އެވެ.
އަބްދުއްރަހީމް އޭނާގެ އަނބިކަނބަލުން ދިޔާނާއާ އެކު މަޖިލިސް ހުޅުވުމުގެ ރަސްމިއްޔާތުގައި. -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އެފަދަ ޅެންތަކާ އެކު، މި ފޮތުން ބޮޑަށް ފެންނަނީ އަބްދުއްރަހީމުގެ ޅެންވެރިކަމުން އެންމެ ބޮޑަށް ފާޅުވާ ކުލަތަކެވެ. ދުނިޔެވީ އާދަތަކާއި ނަސޭހަތާއި ފަލްސަފީ ޅެންތަކެވެ. އެ މަނިކުފާނަކީ ކަމެއް ހިނގުމުން، އެ ހިނގި ކަމެއް އަކުރުން އަކުރަށް ޅެން ބަހުރުވައިން އަތުރާލާ ޅެންވެރިޔަކަށް ވުރެ، އެކަމުން ހިތަށް ކުރުވި އަސަރު ލިޔުއްވާ ޝާއިރަކަށް ވުމުން، މި ފޮތުން އެ މުއްސަނދިކަން ފެނެ އެވެ. އެ ހުރިހާ ޝުކުރެއް އަބްދުއްރަހީމް އަދާކުރައްވަނީ އެ މަނިކުފާނުގެ ޅެންވެރިކަމުގެ ހުނަރު މަތިކުރަން އެހީތެރިވެދެއްވި އެދުރުންނަށެވެ. ހާއްސަކޮށް، ކޮވިޑުގެ ދުވަސްވަރު އެ ބޭފުޅެއްގެ ޅެން ކޯހަކުން އަބްދުއްރަހީމް ވަރަށް ގިނަ ކަންކަން ދަސްކުރެއްވި، މިހާރުގެ ދިވެހި ބަހާއި ސަގާފަތުގެ ވަޒީރު އާދަމް ނަސީރު އިބްރާހީމަށެވެ.
"އަޅުގަނޑުގެ ފަހުގެ ޅެންތައް ރަނގަޅިއްޔާ، އެކަމުގެ ކްރެޑިޓް އެންމެ ބޮޑަށް ހައްގުވަނީ އޮނަރަބަލް ތޮއްޑޫ އާދަމް ނަސީރު އިބްރާހީމަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ. "ޅެމެއް ޅެމަކަށްވާ ގޮތާއި، ޅެމުގެ ހާއްސަ ސިފަތަކާއި ޅެން އެހެން މީހުންނަށް ރީތިކުރަން ކުރަން ޖެހޭ ކަންކަން ދަސްވީ އޭނާގެ ކިބައިން."
ނަމަވެސް ނަސީރު ވިދާޅުވަނީ އަބްދުއްރަހީމްގެ ޅެންތަކުގެ މޮޅުކަމުގެ ސިއްރަކީ އެ މަނިކުފާނު، އެ ހުނަރުމަތިކުރައްވަން އަމިއްލަފުޅަށް ކުރައްވާ ހިތްވަރު ކަމަށެވެ. ނަސީރު ވިދާޅުވީ ކިއްސަރު ވަޑިއަކު އޮޑާ އިން އޮޑިއެއްގެ ބަނޑުފިލާ ރީތިކުރާހެން، ފަހަރަކަށް ވުރެ ފަހަރެއް ރަނގަޅު ކުރެއްވުމަކީ އަބްދުއްރަހީމް އޭއެ މަނިކުފާނުގެ އަމިއްލަ ނަފުސާ ކުރައްވާ ވާދައެއް ކަމަށެވެ.
އޭގެ ސިއްރަކީ ނަސީރު ވިދާޅުވި ގޮތުގައި އަބްދުއްރަހީމުގެ ޅެންތަކުގެ އެތުރުންތައް އޮމާންވުމާއި ބަސްމަގު ފުދުންތެރިވުމާއި ޝުއޫރުތައް ހޫނުވެފައި، ފުންވުމެވެ. ސުވާލެއް ނެތެވެ. އަބްދުއްރަހީމުގެ ސިޔާސީ ތަރި އެރުމުގެ މާކުރިން، ބަނަފުސާގޭ ބޮޑުއަށިމަތިން އެރި އެ މަނިކުފާނުގެ ޅެންވެރިކަމުގެ ތަރި މިހާރު އެހެރަ އަންނަނީ މެދުއުޑުގައި ފިޔަޖަމުންނެވެ.
މަޖިލިސް ޗުއްޓީއަށް: މި ދައުރުގައި ނިންމީ ނުވަ ބިލް
ދިވެހިބަހުގެ މިނިސްޓްރީން ފުލުހުންނާއެކު މަޝްވަރާއަށް
ނާޒުކު ގައުމުތައް ރައްކާތެރިކޮށްދޭން ގޮވާލައްވައިފި
މި ދަނޑިވަޅުގައި ސުލްހަ އަށް މަޝްވަރާކުރުން މުހިންމު
މުޒާހަރާގައި ދެއްކި ވާހަކައަށް ފިޔަވަޅުއަޅަން ގޮވާލައިފި
މުއްދަތު ފަހަނައަޅައި ދިޔައިރު ދެ ވަޒީރުން ހާޒިރުނުކުރި
ޒަކިއްޔާގެ މަރު: ކުއްލި މައްސަލަތައް ބަލައެއް ނުގަތް
އަބްދުއްރަހީމްގެ ރައްދު: "މި އިނީ މިނިވަންކަމާ އެކު"
ރައީސާއި އަބްދުއްރަހީމް ބައްދަލުކުރައްވައިފި
އަބްދުއްރަހީމް މިއަދު އިންޑިއާއަށް ފުރާވަޑައިގަންނަވަނީ