Roadha Mihaaru

މޯދީ، މަޖިލީހުގެ ރައީސް އަބްދުއްރަހީމްއާ ބައްދަލުކުރައްވައިފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

މޯދީ، މަޖިލިސް ރައީސާ ބައްދަލުކުރައްވައިފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

26 ޖުލައި 2025

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ރާއްޖެއަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިން މޯދީ މިއަދު ވަނީ ސިޔާސީ އެކި ބޭފުޅުންނާ ބައްދަލުކުރައްވައިފަ އެވެ.

އޭގެ ތެރެއިން، އަބްދުއްރަހީމާއެކު ބޭއްވި ބައްދަލުވުމަށްފަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ބޮޑުވަޒީރު ވިދާޅުވީ އެ މަޝްވަރާގައި ދެ ގައުމުގެ ދެމެދުގައި އޮތް ފުން އެކުވެރިކަމުގެ ގުޅުމުގެ ވާހަކަ ދެކެވުނު ކަމަށެވެ. ހާއްސަކޮށް ރާއްޖެ އާއި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެދުގައި އޮތް ގުޅުން ހިމެނޭ ކަމަށް މޯދީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 20 ވަނަ މަޖިލީހުގައި އިންޑިއާ-މޯލްޑިވްސް ޕާލަމެންޓްރީ ފްރެންޑްޝިޕް ގްރޫޕް އުފެދުމަކީ ދެ ގައުމުގެ ގުޅުމަށް އެޅޭ ރަނގަޅު ފިޔަވަޅެއް ކަމަށެވެ. އޭގެ އިތުރުން، ރާއްޖޭގައި ކެޕޭސިޓީ ތަރައްގީކުރަން އެހީތެރިކަން ފޯރުކޮށްދިނުމުގައި އިންޑިއާ ދެމިއޮންނާނެ ކަމަށް ވެސް މޯދީގެ ޕޯސްޓުގައިވެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓަށް، ހިންދީ ބަހުން އަބްދުއްރަހީމް ދެއްވި ޖަވާބުގައި ވަނީ މަޖިލީހުގެ އިސް ވަފުދާއެކު ބޭއްވެވި ހޫނު ބައްދަލުވުމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

އެ މަނިކުފާނު ވިދާޅުވީ ޕާލަމެންޓްރީ ފްރެންޑްޝިޕް ގްރޫޕް އުފެއްދުމަކީ ވަރަށް މުހިންމު މަސައްކަތެއް ކަމަށާއި ކުރިއަށް އޮތް އަހަރުތަކުގައި އެ ޕާޓްނާޝިޕް އާ ހަރުފަތަކަށް ކުރިއަށް ގެންދެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

ފުރަމާނަ ދަތުރުފުޅެއްގައި މޯދީ ވަޑައިގަތުމުން، އަބްދުއްރަހީމް މަރުހަބާ ވިދާޅުވިއިރު، ޕީޕީއެމް/ޕީއެންސީ އިދިކޮޅުގައި އޮވެ ހިންގި "އިންޑިއާ އައުޓު" ހަރަކާތުގައި ވެސް އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅަކީ އަބްދުއްރަހީމެވެ. އޭރު ބޭއްވި ޖަލްސާތަކުގައި އެ މަނިކުފާނު ވަނީ މޯދީ އަދި އިންޑިއާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.