Roadha Mihaaru

އަރަބި ގައުމުތަކުގެ ވަޒީރުން ހުޅަނގު އައްސޭރިއަށް ވަނުން އިޒްރޭލުން ހުއްޓުވައިފި

އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރިއަށް އަރަބި ބައެއް ގައުމުތަކުގެ ފޮރިން މިނިސްޓަރުން ވަޑައިގަތުމަށް އިޒްރޭލުން ހުރަސްއަޅައިފި އެވެ.

އަރަބި ވަޒީރުންނަށް އިޒްރޭލުން ހުރަސްއަޅައިފި

އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރިއަށް އަރަބި ބައެއް ގައުމުތަކުގެ ފޮރިން މިނިސްޓަރުން ވަޑައިގަތުމަށް އިޒްރޭލުން ހުރަސްއަޅައިފި އެވެ.

އުރުދުންގެ ފޮރިން މިނިސްޓްރީން ބުނީ "ފަަލަސްތީން ދައުލަތުގެ ރައީސް މަހްމޫދު އައްބާސްއާ ބައްދަލުކުރެއްވުމަށް އާދީއްތަ ދުވަހު އެ ވަފުދު ރާމަﷲ އަށް ޒިޔާރަތްކުރުން މަނާކުރުމަށް އިޒްރޭލުން ނިންމި ނިންމުން މިނިސްޓަރުން ކުށްވެރިކުރެއްވި" ކަމަށެވެ.

އެ ބަޔާނުގައިވާ ގޮތުން އަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލްގެ އަރިހުގައި ސައުދީ އަރަބިއްޔާ، މިސްރު، އުރުދުން އަދި ބަހްރެއިންގެ ވަޒީރުން އޮތީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ގޮތަށެވެ.

ހުޅަނގު އައްސޭރީގެ ބޯޑަރާއި ވައިގެ ސަރަހައްދު ވެސް ކޮންޓްރޯލްކުރަނީ އިޒްރޭލުން ކަމަށް ވާއިރު، އަރަބި ވަޒީރުންގެ ދަތުރަށް އެއްބާރުލުން ނުދޭނެ ކަމަށް އިޒްރޭލުން ބުނުމުން އެ ދަތުރު ކުރިއަށް ގެންދެވޭނެ ގޮތެއް މިހާރު ނެތެވެ.

އިޒްރޭލުގެ އޮފިޝަލުން ބުނީ އަރަބި ގައުމުތަކުގެ ވަޒީރުން އައްބާސްއާ ބައްދަލުކޮށް ފަލަސްތީނުގެ ދައުލަތެއް އުފެއްދުމާ ބެހޭ ގޮތުން މަޝްވަރާކުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

"އެފަދަ ދައުލަތެއް ވާނީ، ޝައްކެއް ވެސް ނެތް ގޮތުގައި، އިޒްރޭލުގެ ބިމުގައި އޮންނަ ޓެރަރިސްޓު ދައުލަތަކަށް. އިޒްރޭލުގެ ސަލާމަތަށް ނުރައްކާ އެފަދަ ކަމެއްގައި އިޒްރޭލުން އެއްބާރުލުމެއް ނުދޭނެ،" އޭއެފްޕީއަށް ވާހަކަ ދެއްކި އިޒްރޭލުގެ އޮފިޝަލަކު ބުންޏެވެ.

އަރަބި ވަޒީރުންގެ ދަތުރު ކުރިއަށް ދިޔަ ނަމަ ސައޫދީގެ އަމީރު ފައިސަލް ބިން ފަރްހާން ވާނީ ހުޅަނގު އައްސޭރިއަށް ވަޑައިގަތް ސައޫދީގެ ފުރަތަމަ ފޮރިން މިނިސްޓަރަށެވެ.

އިޒްރޭލުން މި ހަފްތާގައި ވަނީ ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް އިތުރު 22 ސަރަހައްދެއް އާބާދުކޮށްދޭން ނިންމައި އެކަން އިއުލާނުކޮށްފަ އެވެ. މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ވަރަށް ފާޅުގައި އިޒްރޭލުން ކުރަމުން އަންނަ ކަމެކެވެ.