Roadha Mihaaru

ޑިމޮކްރަސީގެ ނަމުގައި އިހުތިރާމު ގެއްލުވާލުމަކީ ފުލުހުންނަށް "ޑިޒާވްވި" ކަމެއް ނޫން: ޕީޖީ

ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް މީގެ އަހަރުތަކެއް ކުރިން ހިންގި ހަރަކާތްތަކުގެ ތެރެއިން ފުލުހުންގެ މުއައްސަސާއަށް އާންމުން ކުރި އިހުތިރާމު، ބަޔަކު އަޑީގައި ތިބިގެން ގެއްލުވައިލުމަކީ އެ އިދާރާ އަށް އެއްއިރަކު ވެސް "ޑިޒާވްވި" ނުވަތަ ވެގެން ވާނެ ކަމެއް ނޫން ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފް މިރޭ ވިދާޅުވެއްޖެ އެވެ.

"އިހްތިރާމު ގެއްލުވާލުން ފުލުހުންނަށް ޑިޒާވް ނުވޭ"
އިފްރާޒް އަލީ
އިފްރާޒް އަލީ

30 މެއި 2025

ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް މީގެ އަހަރުތަކެއް ކުރިން ހިންގި ހަރަކާތްތަކުގެ ތެރެއިން ފުލުހުންގެ މުއައްސަސާއަށް އާންމުން ކުރި އިހުތިރާމު، ބަޔަކު އަޑީގައި ތިބިގެން ގެއްލުވައިލުމަކީ އެ އިދާރާ އަށް އެއްއިރަކު ވެސް "ޑިޒާވްވި" ނުވަތަ ވެގެން ވާނެ ކަމެއް ނޫން ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފް މިރޭ ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، އައްޑޫގައި ހުންނަ ފުލުހުންގެ އެކަޑަމީގައި ބޭއްވި ފުލުހުންގެ 39 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި އައްބާސް އޭނާގެ ވާހަކަ ފައްޓަަވަމުން އަލިއަޅުވައިލެއްވީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގެ ނަމުގައި މީގެ އަހަރުތަކެއް ކުރިން ހިންގި ހަރަކާތްތަކާއި އެ ހިނގައި ދިޔަ ކަންތައްތަކުގެ ތެރެއިން އޭރު ރާއްޖޭގެ ސަލާމަތީ ބާރުތަކަށް އާންމުން ކުރި އިހުތިރާމަށް ވެގެންދިޔަ ގޮތުގެ މައްޗަށެވެ. ހާއްސަކޮށް ފުލުހުންނަށް އޮތް އިހުތިރާމު އުވުނު ހިސާބުންނެވެ.

އައްބާސް ވިދާޅުވީ އޭރު ހިންގި ހަރަކާތްތަކުގެ ސަބަބުން ފުލުހުންނަށް އާންމުން ކުރި އިހުތިރާމާއި ގަދަރު ކުޑަވި ކަމަށެވެ. ފުލުހުންނަށް ތަފާތު ނަންނަމުން މުހާތަބުކޮށް ގޮވުމަކީ އާންމު ކަމަކަށް ހެދި ކަމަށާއި އެކި ތުހުމަތުތައް އަޅުވައި ފުލުހުން ބަދުނާމުކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"އާދެ، މިއީ، ކޮންމެ ސަބަބަކާ ހުރެ ކޮންމެ ފަރާތަކުން ކުރި ކަމެއް ކަމުގައި ވިޔަސް، އެތައް ޖީލަކަށް މިކަމުގެ އަގު އަދާކުރަން ޖެހިފައިވާ ކަންކަން،" އައްބާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަދު ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ކުރެވޭ ގިނަ މަސައްކަތްތަކާ އެކު، ފުލުހުންގެ ގާބިލުކަން ދުވަހުން ދުވަހަށް އިތުރުވަމުން ދިޔަ ނަމަވެސް، ފުލުހުންގެ މުއައްސަސާއާ މެދުގައި ބަޔަކު އުފެއްދި ކިލަނބު ތަސައްވަރުން އަދިވެސް އަރައިގަނެވިފައި ނުވާކަން ކަމަށެވެ.

ފުލުހުންގެ މުއައްސަސާއަށް ރައްޔިތުން ކުރާ އިތުބާރު އިތުރުކުރުމަށް ކުރެވޭ މަސައްކަތްތައް އެހެން ހަރުފަތަކަށް ގެންގޮސްގެން ނޫނީ ބޭނުންވާ ނަތީޖާ ހާސިލް ނުވާނެ މިންވަރަށް ފުލުހުންގެ ތަސައްވަރު މިހާރު ނުސާފުވެފައިވާ ކަމަށް އައްބާސް ވިދާޅުވި އެވެ.

"މިއީ ވަރަށް ދެރަކޮށް ހިނގާފައިވާ ކަމެއް. އެއް އިރެއްގައި ވެސް ދިވެހި ފުލުހުންގެ ހިދުމަތަށް ޑިޒާވްވީ ކަމެއް ވެސް ނޫން. އަދި މި ކަމަކީ މިހާރު ވެސް ހިނގަމުންދާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ މުއައްސަސާ އަށް ރައްޔިތުން ދީފައިވާ ބާރުތައް ތަންފީޒު ކުރުމުގައި ތެދުވެރިކަމާއި އިހުލާސްތެރިކަމާއި އިންސާނިއްޔަތުކަމާއި އިންސާފުވެރިކަން އިސްކުރުމަށް އައްބާސް މިރޭ ނަސޭހަތްތެރިވެވަޑައިގަތެވެ.