Roadha Mihaaru
އިންޑިއާއަށް ލިބޭނީ ލޮޖިސްޓިކަލް އެހީތެރިކަން އެކަނި

އިންޑިއާގެ ޓްރެއިނަރުންނަށް ލިބޭނީ ލޮޖިސްޓިކަލް އެހީތެރިކަން އެކަނި: ފުލުހުން

20 އެޕްރީލް 2022

އައްޑޫގައި ހިންގާ ޕޮލިސް އެކަޑެމީ "އިންސްޓިޓިއުޓް އޮފް ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް" ގައި މީހުން ތަމްރީނު ކުރަން އިންޑިއާ އިން ގެންނަ ޓްރެއިނަރުންނަށް ލިބޭނީ ހަމައެކަނި ލޮޖިސްޓިކަލް އެހީތެރިކަން ކަމަށާއި ހާއްސަ އިމްތިޔާޒުތަކެއް ނޯންނާނެ ކަމަށް ދިވެހި ފުލުހުންގެ އިދާރާ އިން ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އައްޑޫގައި ހިންގާ ޕޮލިސް އެކަޑެމީ "އިންސްޓިޓިއުޓް އޮފް ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް" ގައި މީހުން ތަމްރީނު ކުރަން އިންޑިއާ އިން ގެންނަ ޓްރެއިނަރުންނަށް ލިބޭނީ ހަމައެކަނި ލޮޖިސްޓިކަލް އެހީތެރިކަން ކަމަށާއި ހާއްސަ އިމްތިޔާޒުތަކެއް ނޯންނާނެ ކަމަށް ދިވެހި ފުލުހުންގެ އިދާރާ އިން ބުނެފި އެވެ.

އެ އިދާރާ އިން އެހެން ބުނީ، އެ އެކަޑެމީއާ ގުޅޭގޮތުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "ދިޔަރެސް" ނޫހުން ފޮނުވި ސުވާލުތަކަށް ފުލުހުން މިދިޔަ ހޯމަ ދުވަހު ދިން ޖަވާބުގަ އެވެ.

"ގެނެވޭނެ [ޓްރެއިނަރުންގެ] އަދަދު ކަނޑައެޅޭނީ ހިންގާ ތަމްރީނުގެ ބާވަތާއި ބޭނުންވާނެ ވަސީލަތަށް ބަލައި ދެ ފަރާތުގެ މަޝްވަރާގެ މަތިންނެވެ. މިގޮތުން ގެނެވޭ ޓްރެއިނަރުންނަށް ބޭނުންވާ ލޮޖިސްޓިކަލް އެހީތެރިކަން ދިނުން ފިޔަވައި ހާއްސަ އިމްތިޔާޒުތަކެއް ދިނުމަށް ކަނޑައެޅިފައެއް ނުވެ އެވެ،" ފުލުހުންގެ ޖަވާބުގައި ބުންޏެވެ.

ނަމަވެސް ފުލުހުން ބުނިގޮތުގައި، އިންޑިއާ އިން ޓްރެއިނަރުން ގެނައުމުގެ އުސޫލު އަދި ކަނޑައެއް ނާޅަ އެވެ. ޓްރެއިނަރުން ގެންނަން ހަމަޖައްސާފައިވަނީ ދެ ފަރާތުން މަޝްވަރާ ކޮށްގެން، ފުލުހުންގެ އިދާރާ އަށް މުވައްޒަފުން ތަމްރީނުކުރަން މުހިއްމު ދާއިރާތަކުގެ ތެރެއިން ތަމްރީނު ދިނުމަށް ބޭނުންވާ ގާބިލް ޓްރެއިނަރުން ލިބެން ނެތް ދާއިރާތަކަށް އިސްކަން ދީގެން ކަމަށް ފުލުހުންގެ ޖަވާބުގައި ވެ އެވެ.

އެކަމަކު، ރާއްޖެ އަށް އެއްފަހަރާ ގެނެވޭނެ ޓްރެއިނަރުންގެ އަދަދު، ދެ ގައުމުން ސޮއިކޮށްފައިވާ އެމްއޯޔޫގައި ބަޔާންކޮށްފައެއް ނުވެ އެވެ.

"ދިޔަރެސް" އަށް ފުލުހުން ދިން ޖަވާބުގައިވާ ގޮތުން މިދިޔަ މަހުގެ 27 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުޅުއްވައި ދެއްވި ޕޮލިސް އެކަޑެމީގެ އެމްއޯޔޫ ހާމަކުރެވޭނީ އިންޑިއާގެ ސަރުކާރުގެ އިއުތިޒާރެއް ނެތް ނަމަ އެވެ. ސަބަބަކީ އެމްއޯޔޫގައި ސޮއިކޮށްފައި ވަނީ އެ ގައުމާއެކު ކަމަށް ވާތީ އެވެ.

އެހެންވެ، އެމްއޯޔޫގެ ކޮޕީ ދޫކުރެވޭނީ އެ ފަރާތްތަކުން ދެކޮޅު ނުހަދާ ނަމަ ކަމަށް ދިވެހި ފުލުހުންގެ އިދާރާ އިން ބުނެ އެވެ.

އެމްއޯޔޫގެ ދަށުން އިތުރު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ބަޔާންކޮށްފައި ނެތް ކަމަށް ފުލުހުން ބުންޏެވެ.

ޕޮލިސް އެކަޑެމީއަކީ އިންޑިއާގެ ސަރުކާރުން 18 މިލިއަން ޑޮލަރު ހޭދަކޮށްގެން ހަދާފައިވާ ތަނެކެވެ. އެހެންވެ، އެ ތަން ހިންގުމަށް އިންޑިއާގެ ފުލުހުން ތިބޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. ނަމަވެސް އެކަން ދިވެހި ސަރުކާރުން ދޮގުކުރެ އެވެ.

ޕޮލިސް އެކަޑެމީގެ އެމްއޯޔޫގައި ވާ ގޮތުން، އެމްއޯޔޫގެ މުއްދަތަކީ ފަސް އަހަރެވެ. އޭގެ ފަހުން ދެ ފަރާތް އެއްބަސްވާ ނަމަ އިތުރު ތިން އަހަރަށް އެމްއޯޔޫ އަށް އަމަލު ކުރެވިދާނެ އެވެ.

ޕޮލިސް އެކެޑެމީގެ މަސައްކަތް ފަށާފައިވަނީ އިންޑިއާގެ ސްރީ އަވަންތިކާ ކޮންޓްރެކްޓާސް ލިމިޓެޑުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ގަ އެވެ. އެ ތަން ހުޅުވާފައިވަނީ މިދިޔަ މަހުގެ ފަހުކޮޅު އައްޑޫގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.