Roadha Mihaaru
ޕޮލިސް އެކަޑެމީއަކީ ފާހަގަކުރެވޭ ތަނަކަށް ވާނެ

ޕޮލިސް އެކަޑެމީއަކީ ސަރަހައްދުގައި ފާހަގަކުރެވޭ ތަަނަކަށް ވާނެ ކަމަށް އުންމީދު ކުރަން: ޖައިޝަންކަރު

27 މާޗް 2022

އިންޑިއާގެ ހިލޭ އެހީގައި އައްޑޫގައި އިމާރާތްކުރި ޕޮލިސް އެކަޑެމީ "އިންސްޓިޓިއުޓް އޮފް ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް" އަކީ މި ސަރަހައްދުގައި ފާހަގަކޮށްލެވޭ ވަރުގެ ރަނގަޅު ތަނަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އިންޑިއާގެ ހިލޭ އެހީގައި އައްޑޫގައި އިމާރާތްކުރި ޕޮލިސް އެކަޑެމީ "އިންސްޓިޓިއުޓް އޮފް ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް" އަކީ މި ސަރަހައްދުގައި ފާހަގަކޮށްލެވޭ ވަރުގެ ރަނގަޅު ތަނަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު މިއަދު ވިދާޅުވެއްޖެ އެވެ.

އިންޑިއާ ސަރުކާރުން 30 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ހެދި ޕޮލިސް އެކަޑެމީ ހުޅުވުމުގެ ރަސްމިއްޔާތުގައި ޖައިޝަންކަރު ވިދާޅުވީ، އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ލިބުމަކީ ވެސް ބޮޑު އުފަލެއް ކަމަށެވެ. އަދި އެކަޑެމީގައި ފުރަތަމަ ފަހަރަށް ދިދަ ނެގި ވަގުތަކީ ވަރަށް ފަހުރުވެރި އިހްސާސެއް ކުރެއްވުނު ވަގުތުކޮޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ބަޔާންކުރަން ވަރަށް އުނދަގޫ އުފާވެރި އިހުސާސެއް ކުރުވި،" ޕޮލިސް އެކަޑެމީގެ މަސައްކަތަކީ އިންޑިއާ އިން ވަރަށް ގާތުން މޮނިޓާ ކުރަމުން އައި މަޝްރޫއެއްކަން ފާހަގަ ކުރައްވަމުން ޖައިޝަންކަރު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖެއިޝަންކަރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖެއިޝަންކަރު

ހިތަދޫ މާމެންދޫ ސަރަހައްދުގައި އިމާރާތް ކޮށްފައިވާ ޕޮލިސް އެކަޑެމީ ހުޅުވުމުގެ ރަސްމިއްޔާތަށް ރޭ ސީދާ އައްޑު އަށް ވަޑައިގެންނެވި ޖައިޝަންކަރު ވިދާޅުވިގޮތުގައި އެ އެކަޑެމީން ރަމްޒު ކޮށްދެނީ ރާއްޖެ އާއި އިންޑިއާ އާދެމެދު އޮތް ޒަމާންވީ ގާތް ގުޅުމެވެ. އަދި އެއީ "އައިކޮނިކް" ތަނަކަށް ވަރަށް އަވަހަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި ގޮންޖެހުންތަކާ އެކު ރަނގަޅު ފުލުހުންގެ ފައުޖެއް އުފައްދާނެ ތަނަކަށް ވެސް ވުމަކީ އޭނާގެ އުންމީދެއް ކަމަށް ޖައިޝަންކަރު ވިދާޅުވި އެވެ.

ރައީސްގެ ދެކަނބަލުންނާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖެއިޝަންކަރުގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ޕޮލިސް އެކަޑަމީ ހުޅުވުމުގެ ރަސްމިއްޔާތުގައި--

ރައީސްގެ ދެކަނބަލުންނާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖެއިޝަންކަރުގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ޕޮލިސް އެކަޑަމީ ހުޅުވުމުގެ ރަސްމިއްޔާތުގައި--

"މި އިންސްޓިޓިއުޓަކީ ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރެއްވި ބޭފުޅުންނަށް ޝުކުރު ދަންނަވަން،" ޖައިޝަންކަރު ވިދާޅުވި އެވެ.

ރާއްޖެ އާއި އިންޑިއާގެ ސަރުދާރް ވައްލަވާއި ޕަޓޭލް ނޭޝަނަލް ޕޮލިސް އެކަޑެމީއާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން އައްޑޫ ޕޮލިސް އެކަޑެމީގެ ތަމްރީނުތަކުގެ ގާބިލްކަން އިތުރުވެ، އެއީ އެ ތަން ތަރައްގީވުމަށް ވެސް އެހީއަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އިންޑިއާގެ ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.

ޖައިޝަންކަރު ވަނީ ޕޮލިސް ސްޓޭޝަންތައް އިމާރާތްކުރުމުގެ މަޝްރޫއާ ގުޅޭގޮތުން ވެސް ވާހަކަ ދައްކަވައިފަ އެވެ.

އޭނާ ވިދާޅުވީ އެ މަޝްރޫއަށް ބޭނުންވާ 40 މިލިއަން ޑޮލަރުގެ ފައިނޭންސް އެގްޒިމް ބޭންކުން މިހާރު ދޫކޮށްފައިވާ ކަމަށާއި އެ މަޝްރޫއުގައި އެކި ރަށްތައް ހިމެނޭ ގޮތަށް 61 ޕޮލިސް ސްޓޭޝަނެއް ގާއިމުކުރާނެ ކަމަށެވެ. އޭގެ ތެރޭގައި ޑިޓެންޝަން ސެންޓަރުތަކާއި ޕޮލިސް ހެޑްކުއާޓަރުތައް ވެސް ހިމެނޭނެ ކަމަށް ވިދާޅުވި އެވެ.

އިންޑިއާ އިން އެކި މަޝްރޫއުތައް ރާއްޖޭގައި ހިންގަމުން އަންނައިރު ޖައިޝަންކަރު ވިދާޅުވިގޮތުގައި، އެ ގައުމުން އަބަދުވެސް މަސައްކަތް ކުރާނީ ދިވެހިންނަށް އެންމެ ފައިދާ ހުރި ގޮތަށެވެ.