Roadha Mihaaru
ޕޮލިސް އެކަޑަމީ އަންނަ މާޗު މަހު ނިމޭނެ: ސީޕީ

އައްޑޫ ޕޮލިސް އެކަޑަމީ އަންނަ މާޗުގައި ނިމޭނެ: ޕޮލިސް ކޮމިޝަނަރު

20 ޑިސެމްބަރ 2020

އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫގައި ހަދަމުން އަންނަ ޕޮލިސް އެކަޑަމީގެ މަސައްކަތް އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ނިންމަން އަމާޒު ހިފާފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫގައި ހަދަމުން އަންނަ ޕޮލިސް އެކަޑަމީގެ މަސައްކަތް އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ނިންމަން އަމާޒު ހިފާފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޕޮލިސް އެކަޑަމީގެ މަސައްކަތް ކުރިއަށްދާ ގޮތަށް ފުލުހުންގެ އިސް ޓީމަކާ އެކު މިއަދު ހަވީރު ބައްލަވާލެއްވުމަށް ފަހު މީޑިއާތަކަށް ސީޕީ ވިދާޅުވީ އެ ތަނުގެ 70-75 ޕަސެންޓުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަމާޒު ހިފާފައި ވަނީ އަންނަ އަހަރުގެ މާޗްގެ ނިޔަލަށް މަސައްކަތް ނިންމަން ކަމަށް އޭނާ ވިދާޅުވި އެވެ.

ސީޕީ ކުރިން ވިދާޅުވެފައިވާ ގޮތުގައި މި އަހަރުގެ ޖުލައި 26 އަށް އެތަން ނިމޭނެ އެވެ. އެކަމަކު އެހާތަނަށް މަސައްކަތް ނުނިމުނީ އެކިއެކި ސަބަބުތަކާ ހެދި ކުރިމަތިވި ލަސްވުންތަކާ ހެދި ކަމަށް މިއަދު ވިދާޅުވި އެވެ. ފުލުހުންގެ ޓްރޭނިން އެކަޑަމީއެއްގައި ހުންނާނެ ހުރިހާ ވަސީލަތްތަކެއް ހިމެނޭ ގޮތަށް، މި ސަރަހައްދުގައި ވެސް ގާއިމުކުރާ އެންމެ ފެންވަރު ރަނގަޅު ޕޮލިސް އެކެޑެމީ އަކީ އިންޑިއާ ސަރުކާރުން 18 މިލިއަން ޑޮލަރު ހަރަދުކުރަން ނިންމާފައިވާ ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ.

އައްޑޫ ޕޮލިސް އެކެޑެމީގެ މަސައްކަތުގެ ތެރެއިން. ފޮޓޯ/ އަހުމަދު އަދުޝަން

އައްޑޫ ޕޮލިސް އެކެޑެމީގެ މަސައްކަތުގެ ތެރެއިން. ފޮޓޯ/ އަހުމަދު އަދުޝަން

ޕޮލިސް އެކަޑަމީގެ ކޮންޓްރެކްޓަރަކީ އިންޑިއާގެ ސްރީ އަވަންތިކާ ކޮންޓްރެކްޓާސް ލިމިޓެޑެވެ. އެ ކުންފުނިން އެތަނުގެ މަސައްކަތް ފެށީ 2017 ގަ އެވެ.

"ކޮންޓްރެކްޓްގެ ފަރާތުން މިއަދު ލިބުނު މައުލޫމާތަކީ މި ފެށޭ އަހަރުގެ މާޗްގެ ނިޔަލަށް [އެކަޑަމީ]ގެ މަސައްކަތް ނިންމަން މަސައްކަތްކުރަމުން އަންމަ ވާހަކަ،" އެކަޑަމީގެ މަސައްކަތުގައި 300 އެއްހާ މީހުން އުޅޭކަން ފާހަގަކުރައްވައި ސީޕީ ހަމީދު ވިދާޅުވި އެވެ.

"އެކަމަކު އަދިވެސް ވަރަށް ބައިވަރު މަސައްކަތްތައް ކުރަން އެބަހުރި އެހެންވީމާ ޑިލޭތަކެއް އަދިވެސް އައިސްދާނެ [ކަމަށް ބެލެވޭ]."

އޭނާ ވިދާޅުވި ގޮތުގައި ޕޮލިސް އެކެޑެމީގެ މަޝްރޫއާ ގުޅޭ ގޮތުން އިންޑިއާ އާއި ދިވެހި ސަރުކާރުން އެކުލަވާލާފައިވާ ސްޓިއަރިން ކޮމެޓީގެ ބައްދަލުވުމެއް ވަރަށް އަވަހަށް ބޭއްވޭނެ އެވެ. އެހެންވެ އެ ބައްދަލުވުމަށް ފަހު އެކެޑެމީ ހުޅުވޭނެ ސީދާ ތާރީހަކާ މެދު ގޮތެއް ނިންމޭނެ ކަމަށް ވިދާޅުވި އެވެ.

އައްޑޫ ޕޮލިސް އެކެޑެމީގެ މަސައްކަތުގެ ތެރެއިން. ފޮޓޯ/ އަހުމަދު އަދުޝަން

އައްޑޫ ޕޮލިސް އެކެޑެމީގެ މަސައްކަތުގެ ތެރެއިން. ފޮޓޯ/ އަހުމަދު އަދުޝަން

"އޭރުން އެންމެ ރިއަލިސްޓިކް ޓައިމްލައިން ކަނޑައެޅިގެން ދާނެ." ސީޕީ ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވިދާޅުވެފައިވާ ގޮތަށް، ކޮމިޝަނަރު ވެސް މިއަދު ވިދާޅުވީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ޕޮލިސް އެކެޑެމީ ހެދި ނަމަވެސް އެތަން ހިންގުމުގެ ހުރިހާ ބާރަކާއި އެތަނާ ގުޅުން ހުރި ހުރިހާ ކަމެއް ހިނގާނީ ސީދާ ދިވެހި ސަރުކާރުގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށުން ކަމަށެވެ. އެހެންވެ އެއީ އިންޑިއާގެ އަސްކަރަކީ މަރުކަޒެއްގެ ގޮތުގައި ސިފަކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ސީޕީ ވިދާޅުވި ގޮތުގައި އެކަޑަމީގެ އެއްބަސްވުމުގައި ދެ ގައުމުން އެއްބަސްވެފައިވާ ގޮތަށް ބަލާ އިރު އެކަން އޮތީ އިންޑިއާގެ ނުފޫޒު އޮންނާނެ ގޮތަކަށް ނޫނެވެ. އެހެންވެ އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

އައްޑޫ ޕޮލިސް އެކެޑެމީގެ މަސައްކަތުގެ ތެރެއިން. ފޮޓޯ/ އަހުމަދު އަދުޝަން

އައްޑޫ ޕޮލިސް އެކެޑެމީގެ މަސައްކަތުގެ ތެރެއިން. ފޮޓޯ/ އަހުމަދު އަދުޝަން

"މިތަނަށް ބަލާލީމަ ވެސް އެނގޭނެ މިލިޓަރީ ތަނެއް ނޫންކަން މިއީ. މިތަން ވާނީ ދިވެހި ފުލުހުން އޯންކުރާ ފެސިލިޓީއަކަށް. މިތަނުގެ ބެލެނިވެރިކަން ސަރުކާރުން އޮތީ ދިވެހި ފުލުހުންނާ ހަވާލުކޮށްފައި. މިތަން ބޭނުންކުރެވިގެން ދާނީ ފުލުހުންނާއި ރާއްޖޭގެ އެހެން އެންފޯސްމަންޓް އިދާރާތަކުގެ ޓްރޭނިންތަކަށް ބޭނުން ހިފާނެ ތަނަކަށް،" ހަމީދު ވިދާޅުވި އެވެ.

އެކެޑެމީގައި ހުންނާނެ ވަސީލްތަކުގެ ތެރޭގައި ފެންވަރު ރަނގަޅު އެކޮމެޑޭޝަން ބްލޮކްތަކާއި މެޑިކަލް ހިދުމަތް ދޭނެ ކްލިނިކާއި ޕީޓީ ގްރައުންޑާއި ހެލިޕޭޑާއި ޓްރެއިނިން ސެންޓަރާއި 800 މީހުންގެ ޖާގައިގެ ޖިމަކާއި ފުޓްބޯޅަ ދަނޑަކާއި ބާސްކެޓް ކޯޓަކާއި ޓެނިސް ކޯޓާއި 400 މީޓަރުގެ ޓްރެކާއި 340 މީހުންގެ އޮޑިޓޯރިއަމަކާއި 40 މީހުންގެ ޖާގަ ހިމެނޭ ގޮތަށް 320 މީހުންނަށް ކިޔަވައިދެވޭ ގޮރަށް އަށް ކްލާސްރޫމާއި ފަދަ ވަސީލަތްތައް ހިމެނެ އެވެ.

ޕޮލިސް އެކަޑަމީގެ ނަމަކަށް ކުރިން ކުރިން "ޕޮލިސް އެކެޑަމީ" އާއި "އިންސްޓިޓިއުޓް އޮފް ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް" ގެ ނަން ކީ ނަމަވެސް މިހާރު އެތަނުގެ ނަމަކީ "ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް" ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.