14 ޖޫން 2016
ގާނޫނީ ވަކީލް އަހުމަދު ނަޖީބު މަރާލި މައްސަލާގައި މަރުގެ ހުކުމް އައިސްފައިވާ އަހުމަދު މުއްރަތަކީ ނަޖީބްގެ ހަގީގީ ގާތިލް ކަމާ މެދު ޝައްކުތަކެއް އެބަހުރި ކަމަށް އޭނާގެ ވަކީލް ސުޕްރީމް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.
ގާނޫނީ ވަކީލް އަހުމަދު ނަޖީބު މަރާލި މައްސަލާގައި މަރުގެ ހުކުމް އައިސްފައިވާ އަހުމަދު މުއްރަތަކީ ނަޖީބްގެ ހަގީގީ ގާތިލް ކަމާ މެދު ޝައްކުތަކެއް އެބަހުރި ކަމަށް އޭނާގެ ވަކީލް ސުޕްރީމް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.
ޖުލައި، 2012 ގައި މ. މަަސްރޫރާ ގޭގެ ކޮޓަރިއެއްގައި ނަޖީބު ބަނދެފައި ބެއިންދުމަށް ފަހު އޭނާގެ ކަރަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގައި ދަށު ކޯޓާއި ހައި ކޯޓުން ވެސް މަރުގެ އަދަބު ކަނޑައަޅާފައިވާ މުއްރަތު ވަނީ ނަޖީބް މަރާލި ކަމަށް ކޯޓުގައި ކުރިން އެއްބަސްވެފަ އެވެ.
މުއްރަތު މަރަން ކޮށްފައިވާ ހުކުމް ކަށަވަރުކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި މުއްރަތުގެ ވަކީލް އަހުމަދު ޝާފިއު ވިދާޅުވީ މުއްރަތަކީ ނަޖީބުގެ ހަގީގީ ގާތިލްކަމާ މެދު ޝައްކުތަކެއް އެބަހުރި ކަމަށެވެ. އެގޮތުން މަސްރޫރާ ގޭގައި މުއްރަތު ދިރިއުޅޭ ބައިން ނަޖީބްގެ ހަށިގަނޑު ފުލުހުންނަށް ފެނުމުގެ ވަގުތުކޮޅެއް ކުރިން، ނުދަންނަ މީހަކު އެތަނުން ނިކުމެގެން ދިޔަ ކަމަށް މުއްރަތުގެ މަންމަ ތަހުގީގުގައި ބުނެފައިވާ ކަމަށް ޝާފިއު ވިދާޅުވި އެވެ.
ޝަރީއަތުގެ މަޖިލީހުގައިވާ އިއުތިރާފް ފިޔަވައި އެހެން އިއުތިރާފްތައް ހެއްކެއް ކަމަށް ނުބެލެވޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައި އޮތަސް ހައި ކޯޓުން މައްސަލަ ނިންމުމުގައި މުއްރަތުގެ ތަހުގީގު ބަޔާނަށް ބުރަދަން ދީފައިވާ ކަމަށް ޝާފިއު ވިދާޅުވި އެވެ. އަދިމުއްރަތާ އެކު އެކަމުގައި ބައިވެރިވިކަން ސާބިތުވެގެން މަރުގެ ހުކުމް އައިސްފައިވާ އޭނާގެ ލޯބިވެެރިޔާ ށ. ގޮއިދޫ ރިހާބް، ފާތިމަތު ހަނާގެ ބަޔާން ވެސް މުއްރަތާ ދެކޮޅަށް ހައި ކޯޓުން ބޭނުންކުރި ކަމަށާއި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ޝާފިއު ވިދާޅުވި އެވެ.
މުއްރަތު ކުށަށް އިއުތިރާފް ވުމުގެ ކުރިން، އޭނާގެ މައްޗަށް އުފުލާ ދައުވާ އާއި އޭގެ އުގޫބާތް ސާފުކޮށް، ބަޔާންކޮށްދީފައިނުވާ ކަމަށާއި އެއީ ގާނޫނު އަސާސީއާ ޚިލާފް ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ތަހުގީގާއި ދަށު ކޯޓުގެ ޝަރީއަތް ވެސް ކުރިއަށް ގެންދިޔައީ ވަކީލެއްގެ އެހީތެރިކަން މުއްރަތަށް ނުދީ ކަމަށް ވިދާޅުވެ، ޝާފިއު އެދިވަޑައިގަތީ ހައި ކޯޓުގެ ހުކުމް ރަނގަޅު ނޫން ކަމަށް ނިންމައި ދިނުމަށެވެ.
ޝާފިއުގެ ވާހަކަތަކަށް ރައްދު ދެއްވައި، ދައުލަތުގެ ވަކީލް ވިދާޅުވީ ނަތީޖާއަށް އަސަރު ކުރާ މިންވަރުގެ ބޮޑެތި ޝައްކުތަކެއް އެ މަައްސަލާގައި ނެތް ކަމަށާއި އެއީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވެފައިވާ މައްސަލައެއް ކަމަށެވެ. ނަޖީބް މަރާލި ކަމަށް ތަހުގީގުގަ އާއި ޝަރީއަތުގައި މުއްރަތު އެއްބަސްވި ކަން ފާހަގަކޮށް، ވަކީލް ވިދާޅުވީ މުއްރަތަށް އުފުލީ ކޮން ދައުވާއެއް ކަން ޝަރީއަތުގައި ސާފުކޮށްދީފައިވާނެ ކަމަށެވެ.
އެކަމަކު އެކަމުގެ އަދަބު ސާފުކޮށްދޭން ނުޖެހޭނެ ކަމަށާއި އެއީ ކުރެވިދާނެ ކަމެއް ކަމަށް ނުދެކޭ ކަމަށް ވެސް ދައުލަތުން ބުންޏެވެ. ސަބަބަކީ ކުށް ކުށަށް އަދަބު ކަނޑައަޅާނީ ސާބިތުވާ ކުށުގެ ދަރަޖަ އާއި އެކަން ކުރި ހާލަތަށް ބަލާފައި ކަމަށްވެފައި، އެކަން އިނގޭނީ ކުށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ކޯޓުން ކަނޑައެޅުމުން ކަމަށް ދައުލަތުން ބުންޏެވެ.
މިއަދުގެ އަޑުއެހުން ނިންމާލީ ދެން އޮންނަ އަޑުއެހުން ބާއްވާނެ ދުވަހެއް އިއުލާން ކުރުމެއް ނެތި އެވެ.
އެ މައްސަލާގައި ހަނާ މަރަން ކުރި ހުކުމަށް ވެސް ހައި ކޯޓުން ތާއީދުކޮށްފައިވާއިރު އެ މައްސަލަ ހަނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ނުކޮށްފި ނަމަ އެ ހުކުމް ކަށަވަރުކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ދާނެ އެވެ.
ހަނާގެ މަރުގެ ހުކުމުގެ މައްސަލައިގެ އަޑުއެހުމެއް މާދަމާ
ހަނާ ބުނަނީ މަރުގެ އަދަބު ހައްގު ނޫން ކަމަށް
މަރުގެ އަދަބު ފަސްކުރަން ކުރި އަމުރު ބާތިލްކޮށްފި
މަރުގެ އަދަބު ދިނުން ފަސްކުރަން ކޯޓުން އަމުރުކޮށްފި
ޝަހުމް މަރަން ކުރި ހުކުމް ދަމަހައްޓަން އެދިއްޖެ
ޝަހުމް މަރަން ހުކުމްކުރި މައްސަލަ ސުޕްރީމްކޯޓުން ފަށަނީ
މަންމަ މައާފް ދިނުމުން މަރުގެ އަދަބުން ސަލާމަތްވެއްޖެ
މަރުގެ އަދަބަށް ގާނޫނުން އެޅި ހުރަސް ނިމުމަކަށް!
މަރުގެ އަދަބަށް ގޮތް ނިންމަން ޖެހޭނީ ސަރުކާރުން: ޕީޖީ
ޝައިފަންގެ މަރުގެ ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި